ޚަބަރު
ބީއެމްއެލް ކާޑުތަކުގެ ޑޮލަރު ލިމިޓަށް މި މަސް ނިމޭއިރު ބޮޑު ލުޔެއް ލިބޭނެ: ރައީސް މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުތަކުން ކުރާ ބޭރު ފައިސާގެ މުއާމަލާތްތަކަށް މިހާރު ކަނޑައަޅާފައިވާ ލިމިޓްތަކަށް މި މަސް ނިމޭއިރު ބޮޑު ލުޔެއް ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ބީއެމްއެލްއަށް ދިމާވެފައިވާ ދަތިތަކަކާ ގުޅިގެން ކާޑުތަކުގެ ލިމިޓް މިހާރު ކުޑަކޮށްފައިވީ ނަމަވެސް، އެކަމާ ގުޅޭގޮތުން ބޭންކާ މަޝްވަރާކުރުމުން އުންމީދީ ޖަވާބެއް ލިބިފައިވާ ކަމަށެވެ.
ބޭންކް އޮފް މޯލްޑިވްސްއަށް ދަތިތަކެއް ދިމާވާތީވެ މިހާރު ކުޑަކޮށް ލިމިޓްކޮށްލައިގެން އެއުޅެނީ. އެހެންނަމަވެސް އިއްޔެގަ ރައީސް އޮފީހުން ބޭންކަށް މައުލޫމާތު ހޯދަންބެލިއިރުގައި މި މަސް ނިމޭއިރު އިރާދަކުރެއްވިއްޔާ ވަރަށް ބޮޑު ތަނުން ލުއިކޮށްދޭނެކަމުގެ އިޝާރާތެއް ކުރައްވާފައިވަނީ،
ރައީސް ވިދާޅުވިއެވެ.
ބީއެމްއެލްގެ ރުފިޔާ ކާޑުތަކުން ރާއްޖެއިން ބޭރުގެ އީކޮމާސް އަދި އޮންލައިން ރީޓެއިލް ސައިޓްތަކުން ކުރާ މުއާމަލާތްތަކަށް ލިމިޓްތަކެއް ގެންނަން ޖެހުނު ސަބަބާ ގުޅޭގޮތުން އެ ބޭންކުގެ ތަރުޖަމާން މުޙައްމަދު ސައީދު ވިދާޅުވީ، މެދުއިރުމަތީގެ މަސްރަހާ ގުޅިގެން ފަތުރުވެރިން އަންނަ އަދަދު ދަށްވެ، ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާ މަދުވެފައިވާ ކަމަށެވެ. މީގެ ކުރިން ބޭންކުން ދުވާލަކު 1.33 މިލިޔަން ޑޮލަރު މިފަދަ މުއާމަލާތްތަކަށް ވިއްކަމުންދިޔަކަން އޭނާ ފާހަގަކުރެއްވިއެވެ.
ބޭންކުން މިހާރު އަމަލުކުރަމުންދާ އުސޫލަކީ ކޮންމެ ދުވަހަކަށް ކަނޑައެޅޭ ވަކި ބަޖެޓެއްގެ ތެރެއިން ޑޮލަރު ވިއްކުމެވެ. އެ ބަޖެޓް ހަމަވުމުން އެ ދުވަހަކު ބައެއް ރީޓެއިލް ސައިޓްތަކުން ވިޔަފާރި ނުކުރެވޭނެއެވެ. ނަމަވެސް، ޑޮލަރު އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން އެއްވެސް ލިމިޓެއް ނެތި މުއާމަލާތް ކުރެވޭނެ ކަމަށް ބޭންކުން ބުނެއެވެ.
މި ބަދަލުތަކުގެ ސަބަބުން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދޫކޮށްފައިވާ ލިމިޓްތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމުގެ ޔަގީންކަން ބީއެމްއެލްއިން ވަނީ ދީފައެވެ. އަދި ބެލެނިވެރިންގެ ކާޑު ބޭނުންކުރާ ދަރިވަރުންނަށް އަމިއްލަ ސްޓޫޑަންޓް ކާޑު ހެއްދުމަށް ތިން މަސްދުވަހުގެ މުހުލަތެއްވެސް ވަނީ ދީފައެވެ.
ބީއެމްއެލްއިން ފާހަގަކުރި ގޮތުގައި މި ފިޔަވަޅުތަކަކީ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ އިގްތިސާދު ކުރުމަށް މަޖުބޫރުވެގެން އެޅި ފިޔަވަޅުތަކެކެވެ. އެހެންނަމަވެސް، ބޭންކަށް ޑޮލަރު ލިބޭ މިންވަރު އިތުރުވަމުންދާ ވަރަކަށް، ރުފިޔާ ކާޑުން ކުރެވޭ މުއާމަލާތްތަކުގެ ލިމިޓަށް ލުއިތައް ދެމުން ގެންދާނެ ކަމުގެ ޔަގީންކަން ބޭންކުން ވަނީ އަރުވާފައެވެ.