Ads by Farudhun

ޚަބަރު

ކުޅިވަރު ކުޅޭ ތަންތަނުގައި ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖައްސަނީ

ކުޅިވަރު ކުޅޭ ތަންތަނުގައި ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖައްސަނީ

މ. ކޮޅުފުށީގައި ކުރިއާށްދިޔަ ކަނބަލުންގެ ކަސްރަތު ޕްރޮގްރާމް ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

01 ޖޫން 2026، 01:18

01 ޖޫން 2026، 01:18

ސަރުކާރުން ހިންގާ ކުޅިވަރު އިމާރާތްތަކާއި ދަނޑުތަކުގައި ނަމާދު ވަގުތަށް ކުޅިވަރުތައް މެދުކަނޑާލަން ޖެހޭ ގޮތަށް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މުއިއްޒު މިކަން ހާމަކުރެއްވީ ރައީސް އޮފީހުގައި މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވި ގޮތުގައި، މި ބަދަލުގެ މައިގަނޑު މަގްސަދަކީ ކުޅިވަރު ކުޅޭ ތަންތަނުގައި ކުޅިވަރު ކުޅެން ތިބޭއިރު ނަމާދު ވަގުތު ގެއްލުނަނުދީ، ފަސޭހަކަމާއެކު ނަމާދު ކުރެވޭނެ މަގު ފަހިކޮށްދިނުމެވެ. އެގޮތުން، ބަންގި ގޮވާ ވަގުތުން ފެށިގެން ކަނޑައެޅޭ ވަކި ވަގުތުކޮޅަކަށް، ގާތްގަނޑަކަށް 20 މިނެޓަށް ވިޔަސް، ހުރިހާ ކުޅިވަރުތަކެއް މެދުކަނޑާލަން ޖެހޭ ގޮތަށް އުސޫލުތަކަށް ބަދަލު ގެންނަން މިހާރު ވަނީ ނިންމާފައެވެ.

ނަމާދު ވަގުތަށް ކުޅިވަރު މެދުކަނޑާލުމުގެ އިތުރުން، އެ ވަގުތު އެ ސަރަހައްދެއްގައި ނަމާދު ކުރެވޭނެ އިންތިޒާމުތައް ވެސް ހަމަޖައްސަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކުޅިވަރު ކުޅެން ތިއްބައި ނަމާދު ވަގުތު ޖެހިއްޖެ ނަމަ، ކުޅިވަރު މެދުކަނޑާލުމަށް ފަހު އެތަނެއްގެ ތެރޭގައި ނަމާދު ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ ކަންކަމާ މެދު މަޝްވަރާތަކެއް ކުރެވި ތަންފީޒުކުރުމާ ހަމައަށް އާދެވިފައިވަނީ،

ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިހާރު އާންމުކޮށް ފެންނަނީ ނަމާދު ވަގުތު ނިމިގެންދާއިރު ވެސް ކުޅިވަރުގެ މައިދާނުގައި މީހުން ތިބޭ މަންޒަރެވެ. އަދި ކުޅިވަރު އެކުވެނި އާއި މާފަންނު ސްޓޭޑިއަމް ފަދަ ތަންތަނުގައި މިހާރު ނަމާދު ކުރެވޭނެ އެކަށީގެންވާ އިންތިޒާމުތަކެއް ނެތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި މިކަންކަން ތަންފީޒުކުރަން ފަށާނެ ކަމަށާއި، މީގެ ފަހުން ސަރުކާރުން އަޅާ ކުޅިވަރު އިމާރާތްތަކުގައި ވެސް ނަމާދު ކުރެވޭނެ އިންތިޒާމުތައް ހިމަނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި ނިންމުމަކީ ޒުވާނުންނާއި ކުޅިވަރު ކުޅޭ ފަރާތްތަކަށް ދީނީ އަދި އިޖުތިމާއީ ގޮތުން ފައިދާހުރި ބަދަލަކަށް ވާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450