ޚަބަރު
ދުންފަތުން ރައްޔިތުން ދުރުކުރުމުގެ ސިޔާސަތަށް އެއްވެސް ބަދަލެއް ނާންނާނެ: ރައީސް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
ދުންފަތުގެ އިސްތިއުމާލު ކުރުމުގެ އެކިކަހަލަ ކަންކަމުން ރައްޔިތުން ދުރުކުރުމަށްޓަކައި ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
އެގޮތުން ދުންފަތް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ އެއްވެސް ފިޔަވަޅަކަށް ލުޔެއް ދިނުމަށް ސަރުކާރުން ގަސްތުކުރޭތޯ ނޫސްވެރިއަކު ކުރެއްވި ސުވާލުގެ ޖަވާބުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނަށް ދުޅަހެޔޮ ޞިއްޙަތެއް ހޯދައިދިނުމަށްޓަކައި ސަރުކާރުގެ ޕޮލިސީއަކީ ވަށާޖެހޭ ޞިއްޙީ ނިޒާމެއް ޤާއިމްކުރުން ކަމަށެވެ. އެގޮތުން ދުންފަތުގެ އިސްތިއުމާލުކުރުމުން ރައްޔިތުން ދުރުކުރުމަކީ މިކަމުގެ މުހިންމު ބައެއްކަން ފާހަގަކުރެއްވިއެވެ.
މި ކަމަށް ބާރުދެއްވަމުން ރައީސް ވިދާޅުވީ، ވޭޕް މަނާކުރީ މި ޕޮލިސީގެ ދަށުން ކަމަށާއި، އެ ފިޔަވަޅު ނެގުމަށް ނިންމީ ވޭޕްގެ ޒަރީއާއިން ޑްރަގުގެ އެކިކަންކަމަށް މަގުފަހިވަމުން ދިއުމުން ކަމަށެވެ. އަދި ޖެނެރޭޝަނަލް ބޭންއަކީ ވެސް މީގެތެރޭގައި ހިމެނޭ ކަމެއްކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން ސަރުކާރުގެ އެ ވިސްނުމަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް ތަކުރާރުކޮށް ރައީސް ވިދާޅުވިއެވެ.
އަދި ދުންފަތް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުން ހާސިލްކުރަން ބޭނުންވާ މަޤުޞަދު ހާސިލްކުރެވެމުންދޭތޯ ބަލާ މޮނިޓަރ ކުރުމަކީ ވެސް ސަރުކާރުން ކުރަމުން އަންނަ މަސައްކަތެއްކަން އެ މަނިކުފާނު ވިދާޅުވިއެވެ.
އަޅުގަނޑުމެން އަބަދުވެސް މަޝްވަރާކުރަމުން، އަބަދުވެސް ރިވިއުކުރަމުންދާ ކަމެއް، މި މަޤްސަދު ޙާޞިލްކުރުމުގައި ނަތީޖާ ނެރެވެނީ ކިހާވަރަކަށްތޯ ބެލުން. މަޤްސަދު ޙާޞިލްކުރުމަކީ ކޮބާތޯ. މަޤްސަދު ޙާޞިލްކުރުމަކީ ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ސަބަބުން ޖެހޭ ބަލިތަކުން ރައްޔިތުން ދުރުކުރުމުގެ މަޤްޞަދު. އެޑޭޓާ ކިހިނެތްތޯ ދައްކަނީ، އެ ރިވިއުކުރުމުގެ ކަންތައް ރެގިއުލޭޓުކޮށް ހިނގާނެ ކަމެއް އެއީ.
ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ، ދުންފަތާއި ސިނގިރޭޓުގެ އަގު ބޮޑުވުމުން އެކަމުގެ ނަތީޖާ ނިކުންނަ ގޮތް، އެއީ ދުންފަތަށް ދެވިހިފާފައި ތިބި ފަރާތްތައް އެކަމުން ދުރުވަނީ ކިހާވަރަކަށްތޯ ބަލައި އެކަމުގެ ދިރާސާތައް އަބަދުވެސް ހަދަމުންދާ ކަމަށެވެ. އަދި މި ކަމުގައި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ)އާއެކު ވެސް މަޝްވަރާތައް ކުރެވެމުންދާ ކަމަށެވެ. އަދި މިއީ ދުންފަތާ ދުރުކުރުމަށް ސަރުކާރުގެ ޕޮލިސީ އިތުރަށް ވަރުގަދަކޮށް ހަރުދަނާ ކުރުމަށް ކުރެވެމުންދާ ކަންކަން ކަމަށް ވަނީ ވިދާޅުވެފައެވެ.