ޚަބަރު
އާންމު ޞިއްޙަތު ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ތަބާވުން މުހިންމު: ރައީސުލްޖުމްހޫރިއްޔާ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް
މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި، ކާބޯތަކެތީގެ ޒަރީޢާއިން ފެތުރޭ ބަލިތައް ހުއްޓުވުމަށާއި، އާންމު ޞިއްޙަތު ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ތަބާވުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާހަގަކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްވި މެސެޖުގައި ވިދާޅުވީ، ކާބޯތަކެތީގެ ރައްކާތެރިކަމަކީ ދެމެހެއްޓެނިވި ތަރައްޤީއަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. އަދި ކާބޯތަކެތީގެ ޒަރީޢާއިން ޖެހޭ ގިނަ ބަލިތަކަކީ، ތަފާސްހިސާބުތަކުގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ނިޒާމުތަކެއްގެ އެހީގައި އަދި މުޖުތަމަޢުގެ ހުރިހާ ދާއިރާތަކެއް ގުޅިގެން މަސައްކަތްކޮށްގެން ހުއްޓުވިދާނެ ބަލިތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ބޭނުންކުރާ ހުރިހާ ކާބޯތަކެއްޗަކީ ރައްކާތެރި، ފައިދާހުރި އަދި އިތުބާރު ހުރި ތަކެތިކަން ކަށަވަރުކުރުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދޭކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން ސަރުކާރުން ކުރަމުންދާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި:
- ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް އެކުލަވައިލުން.
- ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތި ކޮންޓްރޯލްކުރާ ނިޒާމުތައް ހަރުދަނާކުރުން.
- ކާބޯތަކެތީގެ ރައްކާތެރިކަން މޮނިޓަރކޮށް ތަޙުލީލުކުރުމަށް ބޭނުންވާ ފަންނީ ޤާބިލުކަން ޤައުމީ ފެންވަރުގައި އިތުރުކުރުން.
މީގެ އިތުރުން، ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކުގެ އިޙްސާސްތަކުގައި ބައިވެރިވެވަޑައިގަންނަވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ޣައްޒާގެ ރައްޔިތުން ތަޙައްމަލު ކުރަމުންދާ ހިތްދަތި ހާލަތަށް އަލިއަޅުއްވާލައްވާފައެވެ. ޣައްޒާގައި ރައްކާތެރި ނޫން ކާބޯތަކެއްޗާއި ތަޣައްޔަރުވެފައިވާ ފެން ބޭނުންކުރަން ޖެހުމުގެ ސަބަބުން އިންސާނީ ތަކްލީފުތައް އިތުރުވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ބައިނަލްއަޤުވާމީ މުޖުތަމަޢު ގުޅިގެން މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ. އަދި ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ބޯލަނބައި، އެއްބާރުލުން އިތުރުކޮށްގެން އެންމެނަށް ރައްކާތެރި މުސްތަޤުބަލެއް ބިނާކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
On this #WorldFoodSafetyDay, we are reminded of the significance of safe food in eliminating foodborne diseases, protecting public health, and sustainable development. Most of the foodborne illnesses are preventable through stronger systems relying on data driven action,… pic.twitter.com/zbFF6KDwoZ
— Dr Mohamed Muizzu (@MMuizzu) June 7, 2026