Ads by Farudhun

ޚަބަރު

މައުލޫމާތު ހާމަކުރުމުގައި ސަރުކާރުން ސައްތައިން ސައްތަ ކާމިޔާބީއެއް ހޯދައިފި: ރައީސް މުޢިއްޒު

މައުލޫމާތު ހާމަކުރުމުގައި ސަރުކާރުން ސައްތައިން ސައްތަ ކާމިޔާބީއެއް ހޯދައިފި: ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

08 ޖޫން 2026، 11:18

08 ޖޫން 2026، 11:18

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް 2014 ވަނަ އަހަރު އަމަލުކުރަން ފެށިފަހުން، ފުރަތަމަ ފަހަރަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ސަރުކާރުގެ ހުރިހާ ވުޒާރާތަކުން އަމިއްލަ އިސްނެގުމުގައި ހާމަކުރަންޖެހޭ ހުރިހާ މައުލޫމާތެއް ހާމަކޮށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ރާއްޖޭގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް ސަރުކާރުގެ ހުރިހާ ވުޒާރާއަކުން ގާނޫނުގައި ލާޒިމުކުރާ މައުލޫމާތުތައް ސައްތައިން ސައްތަ ހާމަކޮށްފައިވާ ކަމަށެވެ. މިއީ މީގެ ކުރިން އާންމުންނަށް ވާސިލުވެވޭ ގޮތަށް ހާމަކޮށްފައި ނުވާ މައުލޫމާތުތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

2014 ވަނަ އަހަރުން ފެށިގެން މި ގާނޫނަށް އަމަލުކުރަމުން ދިޔަ ނަމަވެސް، ދައުލަތުގެ އިދާރާތަކުން އަމިއްލަ އިސްނެގުމަށް ހާމަކުރަންޖެހޭ މައުލޫމާތުތައް ބަރާބަރަށް ހާމަކުރަމުން ނުދާކަން އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު މީގެ ކުރިން ތަކުރާރުކޮށް ފާހަގަކުރައްވާފައިވެއެވެ. ނަމަވެސް، ރައީސް ޑރ. މުޢިއްޒުގެ އިސްނެންގެވުމާއެކު، ގާނޫނީ އިމުގެ ތެރެއަށް ފެތުމަށް ކުރެވުނު މަސައްކަތުން، އިއްޔެގެ ނިޔަލަށް ހުރިހާ ވުޒާރާއަކުން އެ މައުލޫމާތުތައް ހާމަކޮށް ނިންމާފައިވާކަން އިންފޮމޭޝަން ކޮމިޝަނަރު މިހާރު ވަނީ އިއުލާނުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދެފުށްފެނުމަކީ ހަމައެކަނި ސިޔާސަތެއްގެ ގޮތުގައި އޮތް އަމާޒެއް ނޫން ކަމަށާއި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަކީ އާންމު އިތުބާރާއި ޑިމޮކްރަސީގެ އުސޫލުން ސަރުކާރު ހިންގުމުގެ މައިގަނޑު އަސާސް ކަމަށެވެ. އަދި މި ފިޔަވަޅަކީ ދެފުށްފެންނަ ގޮތަށް ވެރިކަން ހިންގުމާއި، ރައްޔިތުންނަށް މައުލޫމާތު ލިބޭ މިންވަރު އިތުރުކޮށް، ޖަވާބުދާރީވުން ހަރުދަނާކުރުމުގެ މަގުގައި އެޅުނު ވަރަށް މުހިއްމު ފިޔަވަޅެއް ކަމުގައިވެސް އެމަނިކުފާނު ސިފަކުރެއްވިއެވެ.

މި ކާމިޔާބީ ހާސިލުކުރުމުގައި މުއައްސަސާތަކާއި މަސްއޫލުވެރިން އަދާކުރެއްވި ދައުރަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ. މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައިވެސް ޑިޖިޓަލް މަންސަތައް މެދުވެރިކޮށް އާންމުންނަށް ސަރުކާރުގެ މައުލޫމާތުތަކަށް ވާސިލުވުން ފަސޭހަކޮށްދީ، ސަރުކާރުގެ ނިންމުންތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމުގެ ފުރުސަތު ފުޅާކުރައްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.


Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450