ޚަބަރު
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެ:މެޓް
މޫސުންގޯސްވެ ވިއްސާރަވެހޭ ދުވަހެއް ފޮޓޯ: ގޫގުލް
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވިއްސާރަކުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު ހާމަކުރައްވައިފިއެވެ.
މޫސުމާ ބެހޭ އިދާރާއިން ވިދާޅުވި ގޮތުގައި، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް ބެލެވޭއިރު، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވެއެވެ. މި ވިއްސާރައާއެކު ވައިގެ ބާރުމިން ހުންނާނެ ކަމަށް ލަފާކުރެވޭ ގޮތްވެސް އެ އިދާރާއިން ވަނީ ހިއްސާކުރައްވާފައެވެ.
އެގޮތުން ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ބެލެވެއެވެ. އަދި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭއިރު، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
ކަނޑުތަކުގެ ހާލަތަށް ބަލާއިރު، މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވިއެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ގޯސްވާނެތީ، ކަނޑުދަތުރުކުރާ ފަރާތްތަކުންނާއި އެހެނިހެން ފަރާތްތަކުންވެސް މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.
Torrential rain and thunderstorms expected in the coming hours. pic.twitter.com/OSYAwzkydN
— Maldives Meteorology (@MetMaldives) June 7, 2026