ޚަބަރު
ކެނެޑާގެ އާ ގަވަރުނަރ ޖެނެރަލަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ދަންނަވައިފި
ކެނެޑާގެ 31 ވަނަ ގަވަރުނަރު ޖެނެރަލް އަދި ކޮމާންޑަރ-އިން-ޗީފް ހާރ އެކްސެލެންސީ ދަ ރައިޓް އޮނަރަބަލް ލުއީސް އާބޯ. ފޮޓޯ: ދަ ކެނޭޑިއަން ޕްރެސް
ކެނެޑާގެ 31 ވަނަ ގަވަރުނަރު ޖެނެރަލް އަދި ކޮމާންޑަރ-އިން-ޗީފްގެ މަޤާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން، ހާރ އެކްސެލެންސީ ދަ ރައިޓް އޮނަރަބަލް ލުއީސް އާބޯއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މަރުޙަބާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ގަވަރުނަރު ޖެނެރަލްގެ މަޤާމާއި ލުވީޒް އާރބޯ ހަވާލުވެވަޑައިގެންނެވުމާ ގުޅިގެން، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އެކަމަނާއަށް ވަރަށް އިޚްލާޞްތެރިކަމާއެކު މަރުޙަބާ ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އާ ގަވަރުނަރ ޖެނެރަލްގެ ދައުރުގައި ކެނެޑާއަށް އިތުރު ފާގަތިކަން ލިބި، އެ ޤައުމުން ގެންގުޅޭ ދެމެހެއްޓެނިވި އަގުތައް ދަމަހައްޓާނެ ކަމުގެ ފުރިހަމަ އިތުބާރު އޮތްކަން ހާމަކުރެއްވިއެވެ. އަދި ދިވެހިރާއްޖެއާއި ކެނެޑާއާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަމާއި އެއްބާރުލުން އިތުރަށް ބަދަހިވެ، ދެ ޤައުމުގެ ރައްޔިތުންނަށް އޭގެ ފައިދާ ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
މެސެޖު ނިންމަވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ގަވަރުނަރު ޖެނެރަލަށް ދުޅަހެޔޮ ސިއްޙަތަކަށް އެދިވަޑައިގެން، ކެނެޑާގެ ރައްޔިތުންނަށް އަމާންކަމާއި ކުރިއެރުމަށް އެދިވަޑައިގެން ހެޔޮއެދުންތައް ފޮނުއްވާފައެވެ.