ކުޅިވަރު / ޚަބަރު
ވޯލްޑް ކަޕްގައި ރައީސް އެންމެ ތާއީދު ކުރައްވަނީ އާޖެންޓީނާ އާއި އިންގްލެންޑަށް
ރައީސުލްޖުމްހޫރިއްޔާ ފީފާގެ ރައީސްއާއެކު---
ބުރާސްފަތި ދުވަހުގެރޭ ފަށާ ފީފާ ވޯލްޑް ކަޕްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެންމެ ތާއީދުކުރައްވަނީ އާޖެންޓީނާ އާއި އިންގްލެންޑަށްކަމަށް ވިދާޅުވެއްޖެއެވެ.
ފުޓުބޯޅަ ކުޅުމަށާއި ބެލުމަށް ޝައުގުވެރިކަން ހުންނަ ރައީސް މިހެން ވިދާޅުވީ، "ދަ ފީޑް އެމްވީ"އިން ޙިއްސާކޮށްފައިވާ ވީޑިއޯއެއްގައި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބްދުالله ރާފިޢުއާ ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ރާފިޢު ރައީސް އޮފީހަށް ވަޑައިގެންނެވީ މިފަހަރު ވޯލްޑް ކަޕް ކުޅޭ ޓްރައިއޯންޑާ ބޯޅަތަކެއް ހިއްޕަވައިގެން ރައީސްގެ އޮޓޯގްރާފް ނެންގެވުމަށެވެ. ވަޒީރު ވިދާޅުވީ އެއީ ވޯލްޑް ކަޕްގެ މެއިން ސްޕޮންސަރެއް ހަދިޔާ ކުރެއްވި ބޯޅަތަކެއް ކަމަށާއި، އަދި ބޯޅަތަކުގައި ރައީސްގެ އޮޓޯ ގްރާފް ބޭނުންފުޅު ވަނީ އެ ބޭފުޅުންކަމަށެވެ.
މި ބޯޅަ ތަކަކީ ފުޓުބޯޅަ ޝަޙުސިއްޔަތުތަކަށް ހަދިޔާ ކުރުމަށް ގެންގުޅުއްވާ ބޯޅަތަކެއްކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
މިކަމުގެ ތެރެއިން ވޯލްޑް ކަޕާ ގުޅިގެން ދެ ބޭފުޅުން ދެއްކެވި ވާހަކަފުޅުތަކުގެ ތެރެއިން ރައީސް ވިދާޅުވީ، އެ މަނިކުފާނަކީ ވަރަށް ކުރިއްސުރެއް ވެސް އާޖެންޓީނާއަށް ތާޢީދުކުރައްވާ ބޭފުޅެއް ކަމަށެވެ. އެއީ މެރެޑޯނާއަށް ތާއީދު ކުރަން ފެށި ހިސާބުން ފެށުނު ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.
އެއަށްފަހު ރައީސް ވިދާޅުވީ، އިންގްލެންޑަކީ ވެސް އެ މަނިކުފާނު ތާޢީދު ކުރައްވާ ޓީމެއް ކަމަށާއި، އިންގްލެންޑަށް ތަޢީދު ކުރައްވަނީ އެ ޤައުމުގައި ގިނަ ދުވަހު ދިރިއުޅުއްވުމުން ކަމަށާއި، މީގެއިތުރުން މެންޗެސްޓަރ ޔުނައިޓެޑަށް ތާއީދުކުރައްވާ ބޭފުޅެއްގެ ހައިސިއްޔަތުން ވެސް އިންގްލެންޑަށް ސަޕޯޓު ކުރެވޭކަމަށް ވިދާޅުވިއެވެ.
މި ފަހަރުގެ ވޯލްޑް ކަޕުގައި ހައިރާންކުރުވަނިވި ކަންތައްތަކެއް ފެންނާނެކަމަށް ޤަބޫލު ކުރެވޭ ކަމަށާއި އަދި މިފަހަރު ތަށި އުފުލާލާލީ ހޮލަންޑުކަމަށް ބެލެވޭކަމަށް ވެސް ރައީސް ވިދާޅުވިއެވެ.