ޚަބަރު
ޢާޞިފް ނިޔާވި ޚަބަރު އަޑުއެހީ ފުންހިތާމައާއެކު : ރައީސުލްޖުމްހޫރިއްޔާ
ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢާޞިފް ފޮޓޯ: ޕޮލިސް
ދިވެހި ފުލުހުންގެ ޚިދުމަތުގެ ވާޖިބު އަދާކުރެއްވުމަށް ޑިއުޓީގައި ކަނޑުމަތީގައި މަސައްކަތް ކުރައްވަނިކޮށް ނިޔާވި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢާޞިފްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ތަޢުޒިޔާގެ މެސެޖެއްގައި ވިދާޅުވީ، އަޙްމަދު ޢާޞިފް ނިޔާވި ޚަބަރު އަޑުއެއްސެވީ ފުންހިތާމައާއެކުގައި ކަމަށެވެ. އެމަނިކުފާނުގެ މެސެޖުގައި މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރައްވައި، އެ ޢާއިލާއަށާއި ދިވެހި ފުލުހުންގެ މުޅި ޚިދުމަތަށް ތަޢުޒިޔާ ދަންނަވާފައިވެއެވެ. އަދި މާތްﷲގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް ލެހެއްޓެވުމަށްވެސް ރައީސް ދުޢާ ކުރެއްވިއެވެ.
ފުލުހުންގެ އިދާރާއިން މަޢުލޫމާތު ދެއްވާގޮތުގައި، މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި "ޕޮލިސް ލޯންޗް 57" ގައެވެ. ލޯންޗުގައި ތިބި ފުލުހުންގެ ތެރެއިން އަޙްމަދު އާސިފް ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަނިކޮށް، އޭނާ ފެނިފައިވަނީ މޫދު އަޑިންނެވެ. އޭނާގެ ހަށިގަނޑު އއ. މަތިވެރި ސިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް އެ މަރުކަޒުން ފުލުހުންނަށް މަޢުލޫމާތު ދީފައިވެއެވެ.
ނިޔާވި އަޙްމަދު އާޞިފަކީ ފުލުހުންގެ ޚިދުމަތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ނިޔާވިއިރު ހުންނެވީ ސީނިއާ ސާޖަންޓްގެ މަޤާމުގައެވެ. ނަމަވެސް، އޭނާގެ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ފުލުހުންގެ އިދާރާއިން މިހާރު ވަނީ އޭނާގެ މަޤާމު ސަބް އިންސްޕެކްޓަރ އޮފް ޕޮލިސްގެ މަޤާމަށް ބަދަލުކުރައްވާފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
— Dr Mohamed Muizzu (@MMuizzu) June 11, 2026
މަޤާމުގެ ވާޖިބު އަދާކުރެއްވުމަށް، ޑިއުޓީގައި ކަނޑުމަތީގައި މަސައްކަތްކުރައްވަނިކޮށް، ދިވެހި ފުލުހުންގެ ޚިދުމަތުގެ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢާޞިފް ނިޔާވި ޚަބަރު އަޅުގަނޑު އަޑުއެހީ ފުންހިތާމައާއެކު. މަރްޙޫމުގެ ޢާއިލާއަށް… pic.twitter.com/xFPfudCiKo