Ads by Farudhun

ޚަބަރު

ލޭ ހަދިޔާ ކުރާ މީހުންގެ ސަބަބުން އެތައް ފުރާނަތަކެއް ސަލާމަތް ކުރެވޭ: ރައީސް މުޢިއްޒު

ލޭ ހަދިޔާ ކުރާ މީހުންގެ ސަބަބުން އެތައް ފުރާނަތަކެއް ސަލާމަތް ކުރެވޭ: ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

14 ޖޫން 2026، 09:30

14 ޖޫން 2026، 09:30

އާންމު ސިއްޙަތުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަމިއްލައަށް އިސްނަގައިގެން ލޭ ހަދިޔާކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ފޮނުއްވި މެސެޖެއްގައެވެ.

ދުނިޔޭގެ ލޭހަދިޔާ ކުރާ މީހުންގެ ދުވަސް ފާހަގަކުރާއިރު، އަމިއްލައަށް އެދިގެން ލޭ ހަދިޔާކުރާ މީހުންގެ އަގުހުރި ބައިވެރިވުން ފާހަގަކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އެފަދަ ދީލަތި ފަރާތްތަކުގެ ސަބަބުން އެތައް ފުރާނައެއް ސަލާމަތްކުރެވޭކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ދާއިމީކޮށް ލޭ އަޅަންޖެހޭ މީހުންނާއި ކުއްލި ހާލަތްތަކުގައި ލޭ ބޭނުންވާ ބަލިމީހުންނަށް ބޭނުންވާ ފަރުވާ ވަގުތުން ފޯރުކޮށްދިނުމުގައި ލޭ ހަދިޔާކުރާ މީހުންގެ ދައުރު ބޮޑު ކަމަށެވެ.

ބޭސްވެރިކަމާއި ޓެކްނޮލޮޖީއަށް ކިތަންމެ ބޮޑު ކުރިއެރުމެއް އައި ކަމުގައިވީނަމަވެސް، ލެޔަކީ އޭގެ ބަދަލުގައި ބޭނުންކުރެވޭނެ އެހެން އެއްޗެއް ނެތް، އިންސާނާގެ ފުރާނަ ސަލާމަތްކުރުމަށް ކޮންމެހެން ބޭނުންވާ ވަސީލަތެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އަމިއްލައަށް އެދިގެން ލޭ ހަދިޔާކުރުމުގެ ސަބަބުން ކުއްލި ހާލަތްތަކަށް ތައްޔާރުވުމަށާއި، ފުރިހަމަ ސިއްޙީ ފަރުވާ ފޯރުކޮށްދިނުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދެއެވެ.



ރާއްޖޭގެ ޖިއޮގްރަފީ އުފެދިފައިވާ ގޮތުން ރަށްތައް ވަކިވަކިން އޮތްއިރު، ބޭނުންވާ ވަގުތު ލޭ ލިބޭނެ އިންތިޒާމުތައް ހަމަޖެހިފައި އޮތުމަކީ ސިއްޙީ ކުއްލި ހާލަތްތަކުގައި ނުހަނު މުހިންމު ކަމެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ. އަދި މި ސަރުކާރުން އާންމުން ހޭލުންތެރިކުރުވައި، އަމިއްލައަށް ލޭ ހަދިޔާކުރުމަށް ބާރުއެޅުމަށާއި، މުޅި މުޖުތަމަޢުގެ ދުޅަހެޔޮކަމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރުމަށް ބާރުއަޅުއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެ ޖޫން މަހުގެ 14 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ ލޭ ހަދިޔާކުރުމާ މެދު އާންމުން ހޭލުންތެރިކުރުވުމާއި، ޤަވާއިދުން ލޭ ހަދިޔާކުރާ މީހުން އިތުރުކުރުމަށް ބާރުއެޅުމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450