ޚަބަރު
މޫސުމީ މަޢުލޫމާތު އެއްކުރާ ރާއްޖޭގެ 6 ވަނަ މެނުއަލް ސްޓޭޝަން ޤާއިމުކޮށްފި
މޫސުމީ މަޢުލޫމާތު އެއްކުރާ ރާއްޖޭގެ 6 ވަނަ މެނުއަލް ސްޓޭޝަން ފޮޓޯ: މެޓް އޮފީސް
ރާއްޖޭގެ އެވިއޭޝަން ސިނާޢަތަށް ލިބުނު ބޮޑު ކުރިއެރުމަކާއެކު، މޫސުމީ މަޢުލޫމާތު އެއްކުރާ ރާއްޖޭގެ 6 ވަނަ މެނުއަލް ސްޓޭޝަން ނޫނު މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޤާއިމުކޮށްފިއެވެ. މިއީ އެ ސަރަޙައްދުގެ ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަކީ އަހަރުގެ އެކި ދުވަސްވަރު ރާއްޖެއަށް އެންމެ ގިނަ ޕްރައިވެޓް ޖެޓުތައް ޖައްސާ އެއަރޕޯޓަށް ވުމާއެކު، އެންމެ ފަހުގެ އަދި އެންމެ ސައްޙަ މޫސުމީ މަޢުލޫމާތު ލިބުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. މާފަރުގައި މިހާރުވެސް އޮޓޮމެޓިކް ވެދަރ ސްޓޭޝަނެއް ހުރި ނަމަވެސް، މީގެ ކުރިން އެ ސަރަޙައްދާ އެންމެ ގާތުން މެނުއަލް ސްޓޭޝަނެއްގެ ޚިދުމަތް ދެމުން އައީ ހަނިމާދޫ އެއަރޕޯޓުންނެވެ. އެހެންކަމުން މާފަރަށް ޖައްސާ ފްލައިޓުތަކަށް މޫސުމީ މަޢުލޫމާތު ފޯރުކޮށްދިނުމުގައި މިހާތަނަށް ބުރަވެފައިވަނީ ހަނިމާދޫގެ މެނުއަލް ސްޓޭޝަނާއި މާފަރުގެ އޮޓޮމެޓިކް ސްޓޭޝަނުން ލިބޭ މަޢުލޫމާތަށެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ހާމަކުރެއްވި ގޮތުގައި، މާފަރުގައި މި ހުޅުވުނު ސްޓޭޝަނާއެކު ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރުމަށް ބޭނުންކުރާ މެނުއަލް ސްޓޭޝަންތަކުގެ އަދަދު މިހާރު ވަނީ 6 އަކަށް އިތުރުވެފައެވެ. މީގެ ކުރިން މިފަދަ ސްޓޭޝަންތައް ޤާއިމުކޮށްފައިވަނީ ހަނިމާދޫ، ކައްދޫ، ކާޑެއްދޫ، ގަން އަދި ހުޅުލޭގައެވެ.
އެވިއޭޝަން ސިނާޢަތުގެ އުޞޫލުތައް އޮންނަ ގޮތުން، ކޮންމެ ގަޑިއަކު އެއްފަހަރު އެއަރޕޯޓު އޮންނަ ސަރަޙައްދުގެ މޫސުމީ މަޢުލޫމާތު ފޯރުކޮށްދޭންޖެހެއެވެ. އަދި މޫސުން ގޯސްވާ ޙާލަތްތަކުގައި ވަގުތުން ވަގުތަށް ބަދަލުވަމުންދާ މަޢުލޫމާތު ފްލައިޓުތަކަށް ފޯރުކޮށްދިނުމަކީ މަޖުބޫރު ކަމެކެވެ. މެޓް އޮފީހުން ވިދާޅުވީ މާފަރުގައި ޤާއިމުކުރި މި އާ ސްޓޭޝަނުގެ ސަބަބުން އެ ސަރަޙައްދުގެ މޫސުން ކުރިއަށްވުރެ މާ ބޮޑަށް ސައްޙަކޮށް ބުނެދިނުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.
މެޓް އޮފީހަކީ ރާއްޖޭގެ އެވިއޭޝަން ސިނާޢަތުގެ އިތުރުން، މަސްވެރިންނާއި ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކަށް ބޭނުންވާ މުހިންމު މަޢުލޫމާތު ފޯރުކޮށްދޭ މައި އިދާރާއެވެ. ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތައް މޮނީޓަރކޮށް، އާންމުންނަށް ބޭނުންވާ ސައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމަށް އެ އިދާރާއިން 24 ގަޑިއިރު މެދުކެނޑުމެއްނެތި ދަނީ މަސައްކަތް ކުރަމުންނެވެ.
A significant milestone achieved! Aviation meteorological services are now operational at Maafaru International Airport. pic.twitter.com/jBE4pQUL4x
— Maldives Meteorology (@MetMaldives) June 13, 2026