ޚަބަރު
މީދޫގައި ބޭއްވި އިންތިޚާބުގެ ކާމިޔާބީ ފާހަގަ ކުރުމަށް ރައީސް އެ ރަށަށް ވަޑައިގެންފި
ޕީއެންސީގެ ޖަގަހަ ޖަލްސާއެއްގައި ރައީސް / ފޮޓޯ: ޕީއެންސީ
ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބު، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކެނޑިޑޭޓު ސުހާ އިބްރާހިމް ކާމިޔާބުކުރުމާ ގުޅިގެން އެކަމުގެ އުފާފާޅުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެ ރަށަށް މިއަދު ވަޑައިގެންފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މިކަން ފާހަގަ ކުރުމަށް މިރޭ އެ ރަށުގައި ޚާއްޞަ ހަފްލާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި އިންތިޚާބުގެ އިތުރު ބުރެއް ބާއްވަން ޖެހުނީ، މިދިޔަ އޭޕްރީލް މަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާއާ މެދު ހައިކޯޓުން ކުރި ހުކުމަކާ ގުޅިގެންނެވެ. ކުރިން ބޭއްވި އިންތިޚާބުގެ ވަގުތީ ނަތީޖާ ދެއްކި ގޮތުން ސުހާއަށް 393 ވޯޓު އަދި ޝާހިދަށް 392 ވޯޓު ލިބުނެވެ. ނަމަވެސް އެމްޑީއޭއިން ހުށަހެޅި ޝަކުވާއަކާ ގުޅިގެން ވޯޓު އަލުން ގުނުމުން، ސުހާއަށް ލިބުނު ދެ ވޯޓެއް ބާތިލު ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމިއެވެ.
މި ނިންމުން ސުހާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ކޯޓުން ހުކުމް ކުރީ ބާތިލުކުރި ދެ ވޯޓުގެ ތެރެއިން އެއް ވޯޓަކީ ސައްހަ ވޯޓެއް ކަމަށެވެ. އެ ވޯޓުގައި ފާހަގަ މަތިން އިތުރަށް ފަވާފައިވީ ނަމަވެސް، ވޯޓު ދިނީ ކާކަށްކަން ސާފުކޮށް އެނގެން އޮތުމުން ކޯޓުން އެއީ ސައްހަ ވޯޓެއްގެ ގޮތުގައި ކަނޑައެޅީއެވެ. މި ހުކުމާއެކު ދެ ކެންޑިޑޭޓުންގެ ވޯޓު ވަނީ 392 އިން އެއްވަރުވެފައެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގެ، ދ.މީދޫ ކައުންސިލްގެ އިތުރު ބުރުގެ ވޯޓުގެ ރަސްމީ ނަތީޖާ މިއަދު އިޢުލާންކޮށްފައިވާއިރު، ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހިމް އެ އިންތިޚާބު ކާމިޔާބުކުރައްވާފައި ވަނީ އިންތިޚާބުގައި ވޯޓުލީ މީހުންގެ %54.09 ވޯޓު ހޯއްދަވައިގެންނެވެ.
ހޮނިހިރު ދުވަހު ބޭއްވި މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 1049 މީހުންގެ ތެރެއިން ވޯޓުލާފައި ވަނީ 985 މީހުންނެވެ. އޭގެ ތެރެއިން ސައްޙަ ވޯޓުގެ އަދަދަކީ 978 އެވެ.
ދ. މީދޫ ކައުންސިލްގެ ރައީސްގެ އިންތިޚާބު ކާމިޔާބުކުރެއްވި ސުހާ އަށް 529 ވޯޓު ލިބިވަޑައިގަންނަވާފައިވާއިރު އޭނާ އާއި ވާދަކުރެއްވި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް، އެމްޑީއޭގެ ކެންޑިޑޭޓް މުހައްމަދު ޝާހިދަށް ލިބިވަޑައިގެންނެވީ 499 ވޯޓެވެ.