ޚަބަރު
ކުރީ ދެ ސަރުކާރުގެ ފުރަތަމަ 2.5 އަހަރުގައި ދައްކާފައިވާ ދަރަނި އެއްކޮށްލިޔަސް މި ސަރުކާރު ދެއްކި ދަރަނި ބޮޑު
މީދޫގައި އޮތް ހަފްލާގައި ރައީސް ވާހަކަފުޅު ދައްކަވަނީ / ފޮޓޯ: ރައީސް އޮފީސް
ފާއިތުވި ދެ ސަރުކާރުގެ ފުރަތަމަ 2.5 އަހަރުގައި ދައްކާފައިވާ ބޭރުގެ ދަރަނީގެ އަދަދު އެއްކޮށްލުމުން ވެސް، މި ސަރުކާރުގެ ފުރަތަމަ 2.5 އަހަރުގެ ތެރޭގައި ދައްކާފައިވާ ދަރަނި ބޮޑުކަން، ރައީސުލްޖުމްހޫރިއްޔާ ޚިއްޞާކުރެއްވި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ރައީސް މި ތަފާސްހިސާބު ޙިއްޞާކޮށްފައި ވަނީ، ދ. މީދޫގެ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި އިންތިޚާބުގެ ދެވަނަ ބުރުގައި ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކެނޑިޑޭޓު ހޯދި ކާމިޔާބީ ފާހަގަކުރުމަށް މިރޭ އެ ރަށުގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޚިއްސާކުރެއްވި ތަފާސްހިސާބުތައް ދައްކާ ގޮތުން، ރައީސް އަބްދުالله ޔާމީން އަބްދުލް ޤައްޔޫމްގެ ސަރުކާރުގެ ފުރަތަމަ 2.5 ދައްކާފައި ވަނީ 191.25 މިލިއަން ޑޮލަރެވެ. އަދި ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ދައްކާފައި ވަނީ 428.68 މިލިއަން ޑޮލަރެވެ. ނަމަވެސް މި ސަރުކާރުގެ ފުރަތަމަ 2.5 އަހަރު 1.2 ބިލިއަން ޑޮލަރު ވަނީ ދައްކާފައެވެ.
މީގެއިތުރުން އެ ދެ ސަރުކާރުގެ މުޅި ދައުރުގައި ދައްކާފައިވާ ޖުމްލަ ދަރަންޏަށް ބަލާލި ނަމަވެސް، މި ސަރުކާރުގެ 2.5 އަހަރުގައި ދައްކާފައިވާ ދަރަނީގެ އަދަދާއި ނުބައްދަލެވެ.
އެގޮތުން ރައީސް ޔާމީންގެ ސަރުކާރުން ޖުމްލަ ދައްކާފައި ވަނީ 418.17 މިލިއަން ޑޮލަރުގެ ދަރަންޏެވެ. އަދި ރައީސް ޞާލިޙްގެ ސަރުކާރުން ދައްކާފައި ވަނީ 953.93 މިލިއަން ޑޮލަރުގެ ދަރަންޏެވެ.
ސަރުކާރުތަކުން ދަރަނި ދައްކާފައިވާ މިންވަރު---
މި ސަރުކާރުން މިހާތަނަށް ބޮޑު ދަރަންޏެއް ދައްކާފައިވާއިރު، ކުރީ ސަރުކާރުގެ ތަކުން ވާރުތަވެފައިވާ ދަރަނީގެ ބޮޑުބައެއް އަދިވެސް ދައްކަން އެބައޮތެވެ.
އެގޮތުން މިދިޔަ ސަރުކާރުން ނަގާފައިވާ ދަރަނީގެ 1.14 ބިލިއަން ޑޮލަރު ބާކީ ދައްކަން އޮތްއިރު، ރައީސް ޔާމީންގެ ސަރުކާރުން ނަގާފައިވާ ދަރަނީގެ ތެރެއިން 710.4 މިލިއަން ޑޮލަރުގެ ދަރަނި ބާކީ އެބައޮތެވެ. އަދި ރައީސް ނަޝީދު އާއި ރައީސް ވަޙީދުގެ ދެ ސަރުކާރުން ނަގާފައިވާ ދަރަނީގެ ތެރެއިން 150 މިލިއަން ޑޮލަރު ބާކީ ދައްކަން ޖެހޭއިރު، ރައީސް މަޢުމޫން އަބްދުލްޤައްޔޫމްގެ ސަރުކާރުން ނަގާފައިވާ 106.3 މިލިއަން ޑޮލަރު ވެސް ބާކީ އެބައޮތެވެ.
ރައީސް މުޢިއްޒު ސަރުކާރާ ހަވާލުވިއިރު ބޮޑު ދަރަންޏެއް ވާރުތަވެފައި އޮތްނަމަވެސް، އެ މަނިކުފާނުގެ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން، ދިވެހި ރައްޔިތުންގެ އަތުން ނަގާ ޓެކްސް ރޭޓަށް ބަދަލު ނުގެނެސް، އެއާޕޯޓް ޓެކުހާއި ފީތަކަށް ގެނައި އިސްލާހީ ބަދަލުތަކުގެ ސަބަބުން ދައުލަތުގެ އާމްދަނީ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
މި އިސްލާހީ ފިޔަވަޅުތަކާއެކު، ފިޗް އަދި މޫޑީސް ފަދަ ކްރެޑިޓް ރޭޓިން އިދާރާތަކުން ރާއްޖެއަށް ކުރާ އިތުބާރު ބޮޑުވެ، ރާއްޖޭގެ އިޤުތިޞާދީ މުސްތަޤުބަލު އޮތީ އަމާން އައްސޭރިއަކަށް މިސްރާބު ޖަހާފައިކަން މާލީ ވުޒާރާއިން ފާހަގަކުރެއެވެ.