ޚަބަރު
މިދިޔަ ސަރުކާރުތަކުން ގެންގުޅުނީ ޤައުމު އިސްކުރުމުގެ ސިޔާސަތުތަކެއް ނޫން: ރައީސް
މީދޫގައި ރައީސް ވާހަކަފުޅު ދައްކަވަނީ---
މިދިޔަ ސަރުކާރުތަކުން ގެންގުޅުނީ ޤައުމު އިސްކުރުމުގެ ސިޔާސަތުތަކެއް ނޫންކަމަށާއި، އެ ސަރުކާރުތަކުން ރައްޔިތުންގެ ފައިސާ ބޭނުންކުރީ ޤައުމަށް ގެއްލުންދިނުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިފަދައިން ވިދާޅުވެ، މިކަމާ ގުޅޭ ގިނަ މިސާލުތަކެއް ޖެއްސެވީ، ދ. މީދޫގެ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި އިންތިޚާބުގެ ދެވަނަ ބުރުގައި ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކެނޑިޑޭޓު ހޯދި ކާމިޔާބީ ފާހަގަކުރުމަށް މިރޭ އެ ރަށުގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މިދިޔަ ސަރުކާރުން ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބޮޑު ބައެއް، ސިއްރިއްޔާތުގައި، ޤާނޫނުއަސާސީއާ ވެސް ޚިލާފަށް އަދި މަޖިލީހުގެ ދައުރެއް ވެސް ނެތި ސިޓީއަކުން ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް އެ ސިޓީ އަނބުރާ ގެނެސް، އެބައި ހޯދުމުގެ މަސައްކަތް މި ސަރުކާރުން ކުރަމުންދާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި މި މަސައްކަތަށް ޚަރަދުކުރީ ރައްޔިތުންގެ ފައިސާއިންކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.
ކަނޑުގެ ސަރަޙައްދުން ބައެއް ދޫކޮށްލުމުގެ މަސައްކަތަށް، މިދިޔަ ސަރުކާރުން ވަނީ ރައްޔިތުންގެ ފައިސާއިން ވެސް ޚަރަދުކޮށްފައި
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖޭގެ ހާރިޖީ ގުޅުންތައް ވެސް ކުރިން ބާއްވާފައި ވަނީ ޤައުމަށް އެންމެ ފައިދާހުރި ގޮތަށް ނޫންކަމަށް ވިދާޅުވިއެވެ. އެގޮތުން ވަކި ޤައުމުތަކަކާ އެކަނި ގުޅުން ބޭއްވުމާއި ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކާ އޮތް ގުޅުން ކަނޑާލިކަން ވެސް ވިދާޅުވިއެވެ. ނަމަވެސް މި ސަރުކާރުގެ ޕޮލިސީއަކީ ދިވެހިރާއްޖެ އިސްކުރުމުގެ ޕޮލިސީއެއްކަމަށް ރައީސް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.
އަދި ކުރީގެ ސަރުކާރަކުން އިޒްރޭލާ ވަރަށް ބޮޑަށް ގުޅުން ބާއްވާފައިކަމަށް ވިދާޅުވެ، އެ ސަރުކާރުން އިސްރޭލުން ޑޮކްޓަރުން ވެސް ގެންނަން އުޅުނުކަން ފާހަގަކުރެއްވިއެވެ. ނަމަވެސް މި ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު، މިހާރު އެ ގައުމުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން ވެސް މަނާކޮށްފައިވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ހަމައެއާއެކު އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ގެންގުޅުނީ މި މުޖުތަމަޢުގެ އުސޫލުތަކާ ވެސް ޚިލާފު ސިޔާސަތުތަކެއްކަން ވިދާޅުވެ، އެ ހަނދާންތައް ރައީސް ވަނީ ޚިއްސާ ކުރައްވާފައެވެ.
އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ސިޔާސަތަކަށްވެފައި އޮތީ "އަލްޓަރނޭޓިވް ނެރޭޓިވް" ހޯދުމުގެ ސިޔާސަތު. ދީނީ އިލްމުވެރިން ދައްކާ ވާހަކަ ނޫން ގޮތެއް ހޯދުމުގެ ސިޔާސަތު. ކީރިތި ޤުރުއާން އާއި ސުންނަތުގެ އޮތް ގޮތަށްވުރެ މޮޅު ގޮތެއް ހޯދުމުގެ ސިޔާސަތު. އެމްޑީޕީގެ ދެވަނަ ސަރުކާރުގައި އޮތީ އެމްޑީއެން ރިޕޯޓުގެ ސިޔާސަތު. އަޅުގަނޑުމެންގެ އަޤީދާއަށް ޖޯކު ޖެހުމުގެ ސިޔާސަތު. އެ ޖޯކުޖެހި މީހުންނަށް މުސާރަވެސް ދިނީ ރައްޔިތުންގެ ފައިސާއިން
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ނަމަވެސް މި ސަރުކާރުގެ ސިޔާސަތަކީ އިސްލާމް ދީނަށް ނަސްރު ދިނުމުގެ ސިޔާސަތުކަމަށާއި އެއީ ސަރުކާރުގެ އެންމެ މައިގަނޑި ސިޔާސަތުކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.
އަދި އަދުގެ ޒުވާން ޖީލު ހަލާކުން ސަލާމަތްކުރުމަށް އަޅާފައިވާ ބޮޑެތި ފިޔަވަޅުތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުން މިވަނީ ވޭޕް މަނާކޮށް ޖެނެރޭޝަނަލް ބޭންއެއް ތަޢާރަފްކޮށް، ޑްރަގް ނައްތާލުމަށްޓަކާ ޑްރަގް ޓްރެފިކްކުރާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމަށް ޤާނޫނުގައި ހިމަނާފައިކަމަށެވެ.