Ads by Farudhun

ޚަބަރު

ޚިޔާލުތަފާތުވުންތައް އެއްކިބާކޮށް ޤައުމީ މަސްލަހަތު އިސްކުރުމަށް ރައީސް ގޮވާލައްވައިފި

ޚިޔާލުތަފާތުވުންތައް އެއްކިބާކޮށް ޤައުމީ މަސްލަހަތު އިސްކުރުމަށް ރައީސް ގޮވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް

farudhun logo

ފަރުދުން

15 ޖޫން 2026، 08:21

15 ޖޫން 2026، 08:21

ސިޔާސީ ގޮތުންނާއި އިޖުތިމާޢީ ގޮތުން އުފެދޭ ޚިޔާލުތަފާތުވުންތަކާއި ބައިބައިވުންތައް އެއްކިބާކޮށް، ޤައުމީ މަޞްލަޙަތު ހުރިހާ ކަމަކަށްވުރެ ކުރިއަށް ނެރުމަކީ ހިޖުރީ އައު އަހަރުން ހާސިލުކުރަންވީ އެންމެ މުހިންމު ފިލާވަޅު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށާއި އިސްލާމީ އުންމަތަށް ފޮނުއްވި ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މީގެ ސާދަސަތޭކައަށްވުރެ ގިނަ އަހަރު ކުރިން މާތް ނަބިއްޔާ صَلَّى اللهُ عَلهِ وَسَلَّمَ އާއި އެކަލޭގެފާނުގެ އަޞްޙާބުން މައްކާ ދޫކުރައްވައި މަދީނާއަށް ކުރެއްވި މަތިވެރި ހިޖުރައިގެ ހާދިސާއިން ލިބިދޭ ފިލާވަޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެ މަނިކުފާނު ވިދާޅުވީ، ކިތަންމެ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، ކެތްތެރިކަމާއެކު އިލާހީ މަގުގައި ސާބިތުވެ ތިބުމުން ފޮނި ނަތީޖާ ނުކުންނާނެ ކަމަށެވެ.

ދިވެހި އުންމަތުގެ ކުރިއެރުމާއި ހަމަޖެހުން ބިނާވެގެންވަނީ އެއްބައިވަންތަކަމުގެ މައްޗަށްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މަދީނާގެ އަންޞާރީންނާއި މުހާޖިރުން ދެއްކެވި ފަދަ ލާމަސީލު އެކުވެރިކަމާއި އޯގާތެރިކަމުގެ ރޫޙު މިއަދުގެ ދިވެހި މުޖުތަމަޢުގައި ދިރުވަންޖެހޭ ކަމަށެވެ. އަދި ނޭދެވޭ ކަންކަމުން ދުރުވެ، ހެޔޮކަމުގެ މަގަށް ހިތާއި ނަފްސުން ހިޖުރަކުރުމަށް ޢަޒުމް ކަނޑައެޅުމަށްވެސް އެ މަނިކުފާނު ގޮވާލެއްވިއެވެ.

ސަރުކާރުގެ ސިޔާސަތުތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒަކީ އިސްލާމީ ޞައްޙަ ޢަޤީދާގެ ބިންގަލުގެ މަތީގައި، ދީނާއި ޤައުމަށް ވަފާތެރި ޖީލެއް ބިނާކުރުން ކަމަށެވެ. އަދި އިސްލާމީ މަތިވެރި އުސޫލުތައް ހިމާޔަތްކޮށް، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ނަގަހައްޓައި، ރައްޔިތުންނަށް ޢަދުލުވެރިކަން ކަށަވަރުކޮށްދިނުމުގައި ސަރުކާރު ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

މީގެ އިތުރުން، މި ފެށުނު އާ އަހަރަކީ އިޤްތިޞާދު އާރާސްތުކޮށް، އިޖުތިމާޢީ ފޭރާން ވަރުގަދަކުރުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ޚާއްޞަކޮށް ފަލަސްޠީނުގެ ބިމުގައި އަނިޔާ ލިބެމުންދާ މުސްލިމް އަޚުންނާއި އުޚުތުންނަށް ހެޔޮ ދުޢާކުރުމުގައި ދެމިތިބުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި މެސެޖެއްގައި ވަނީ، މި ފެށޭ އަހަރަކީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުނާސަބާ ދިވެހީންނާ ބައްދަލުކުރާނޭ އަހަރުކަން ފާހަގަކުރައްވައި، އިސްލާމްކަމުގެ ނިޢުމަތަށްޓަކައި ޙަމްދުކުރައްވާފައެވެ.

ހިޖުރީ އައު އަހަރުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ވަނީ މެސެޖެއް ހިއްސާކުރައްވާފައެވެ. އެކަމަނާގެ މެސެޖުގައި، ނިމިދިޔަ އަހަރު ދެއްވި ނިޢުމަތްތަކަށް ޝުކުރު އަދާކުރައްވައި، މި ފެށޭ އަހަރަކީ ދިވެހި ރައްޔިތުންނަށް ހެވާއި ލާބަ ލިބިގެންވާ އަހަރަކަށް ވުމަށް އެދި ދުޢާކުރައްވާފައިވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450