Ads by Farudhun

ޚަބަރު

ޤަތަރާއި ޔޫއޭއީއަށް ކަނޑައަޅުއްވާ ސަފީރުން ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވައިފި

ޤަތަރާއި ޔޫއޭއީއަށް ކަނޑައަޅުއްވާ  ސަފީރުން ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވައިފި

ސަފީރުން އައްޔަނު ކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 ޖޫން 2026، 01:01

25 ޖޫން 2026، 01:01

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖެއިން ސްޓޭޓް އޮފް ޤަތަރަށާއި އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ) އަށް ކަނޑައަޅުއްވާ ސަފީރުން މިއަދު ޢައްޔަން ކުރައްވައިފިއެވެ.

މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ދެ ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު އަރުވާފައެވެ.

ސްޓޭޓް އޮފް ޤަތަރަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް ޢައްޔަންކުރެއްވީ އާދަމް ޝަރީފު ޢުމަރެވެ. އާދަމް ޝަރީފަކީ މި ސަރުކާރުގެ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން އޭނާއަކީ ކުރީގެ ސަރުކާރުތަކުގައިވެސް ވަޒީރުކަން ކުރައްވާފައިވާ، އަދި މިހާރުވެސް ޚާރިޖީ ވުޒާރާގެ އިސް މަޤާމެއް ފުރުއްވަމުންދާ ތަޖުރިބާކާރު ބޭފުޅެކެވެ.

އެކުވެރި ޢަރަބި އިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް ޢައްޔަން ކުރެއްވީ ޠާރިޤު އިބްރާހީމެވެ. ޠާރިޤަކީ މި ސަރުކާރުގެ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާ ބެހޭ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާވެސް ވަނީ މީގެ ކުރީގެ ސަރުކާރުތަކުގައި ވަޒީރުކަމާއި ސަރުކާރުގެ އެކި އިސް މަޤާމުތައް ފުރުއްވާފައެވެ.

މި ދެ ބޭފުޅުން ސަފީރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވާފައިވަނީ މި ހިނގާ މަހުގެ 15 ވީ ބުދަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ.

ދިވެހިރާއްޖެއާއި މި ދެ ޤައުމާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބޮޑު އިސްކަމެއް ދެއްވާ ކަމެކެވެ. މި ދެ ބޭފުޅުންނަކީވެސް ސަރުކާރުގެ ހިންގުމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ޤާބިލު ބޭފުޅުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450