ޚަބަރު
އިސްދޫ-ކަލައިދޫގައި ހައްދުންމަތީގެ ދެވަނަ އެއާޕޯޓު ތަރައްގީކުރަނީ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިސްދޫ އަދި ކަލައިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން ފޮޓޯ:ރައީސް އޮފީސް
ރިޔާސީ އިންތިހާބުގެ ކެމްޕޭނު ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައްދުންމަތީ ރައްޔިތުންނަށް ވެވަޑައިގަތް ވައުދުފުޅާ އެއްގޮތަށް، އެ އަތޮޅުގައި ތަރައްގީކުރާ ދެވަނަ އެއާޕޯޓު އަޅާނެ ރަށަކީ އިސްދޫ-ކަލައިދޫ ކަމަށް ސަރުކާރުން ކަނޑައަޅައިފިއެވެ.
މި ނިންމުމާ ގުޅޭގޮތުން އިމާރާތްކުރުމާއި ބިނާރާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ، އިސްދޫ-ކަލައިދޫއަކީ ބިން ބޮޑު ރަށަކަށް ވެފައި، އާބާދީއާއި ތަރައްގީ އެއްފަސްކުރުމުގެ ވިސްނުމުގެ ދަށުން މަޝްރޫއުތައް ހިންގުމުގެ ބޮޑު ޖާގައެއް އޮތް ރަށެއް ކަމަށެވެ. މީގެ އިތުރުން، އެ ސަރަހައްދަކީ ތަބީއީ ގޮތުން ރީތި ގިނަ ރަށްތަކެއް ހިމެނޭ ސަރަހައްދަކަށް ވާތީ، މުސްތަގުބަލުގައި ފަތުރުވެރިކަން ފުޅާކުރުމަށް މި އެއާޕޯޓުގެ ސަބަބުން ބޮޑު ފުރުސަތެއް ހުޅުވިގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރެއެވެ.
ހައްދުންމަތީގެ އެންމެ އުތުރުގައި އޮންނަ އިސްދޫ އަދި ކަލައިދޫގެ ރައްޔިތުން މިހާރު ވައިގެ ދަތުރުފަތުރުގެ ހިދުމަތް ހޯދުމަށް ލ. ކައްދޫ އެއާޕޯޓަށް ދިއުމަށް ކަނޑުމަގުން ގާތްގަނޑަކަށް 45 މިނެޓުގެ ދިގު ދަތުރެއް ކުރަންޖެހެއެވެ. އަދި އެ ރަށް ކައިރީގައި އޮންނަ ދަނބިދޫ އާއި މައިބާދޫގެ ރައްޔިތުންވެސް ކައްދޫއަށް ދަތުރުކުރުމުގައި ބޮޑެތި ތަކުލީފުތަކެއް އުފުލަންޖެހެއެވެ. އެހެންކަމުން، އިސްދޫ-ކަލައިދޫގައި އެއާޕޯޓެއް ތަރައްގީކުރެވުމަކީ މި ހަތަރު ރަށުގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ނިޒާމުން ލިބޭނެ ވަރަށް ބޮޑު ލުޔެކެވެ.
މުޅި ރާއްޖެ ވައިގެ ދަތުރުފަތުރުގެ ވިއުގައަކުން ގުޅާލުމަކީ ރައީސް ޑރ. މުޢިއްޒުގެ މުހިއްމު ތަސައްވުރެކެވެ. އެގޮތުން އިގުތިސާދީ ގޮތުން ކުރިއެރުން ލިބޭނެ މުހިއްމު ސަރަހައްދުތަކުގައި އެއާޕޯޓުތައް ތަރައްގީކުރުމުގެ މަސައްކަތް މި ސަރުކާރުން ދަނީ ބާރުސްޕީޑުގައި ކުރަމުންނެވެ. މިހާރުވެސް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްގެން ބައެއް ރަށްރަށުގައި އެއާޕޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ވަނީ ފަށާފައެވެ. މީގެ ތެރޭގައި ބައެއް ރަށްރަށުގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ.
ގައުމަށް ދިމާވެފައިވާ މާލީ ދަތިތަކާއެކުވެސް، ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ރައީސް ވެވަޑައިގެންފައިވާ ވައުދުފުޅުތައް ފުއްދުމަށްޓަކައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ތަރުތީބުކޮށް، ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް ސަރުކާރުން ދަނީ ހާއްސަ އިސްކަމެއް ދެމުންނެވެ.
ލ. އަތޮޅުގެ ދެވަނަ އެއާޕޯޓު ލ. އިސްދޫ - ކަލައިދޫގައި pic.twitter.com/3b2PHznKvR
— Ministry of Infrastructure, Housing and Urban Dev. (@MIHUDmv) June 25, 2026