Ads by Farudhun

ޚަބަރު

ކަންމަތީގައި ޕާކުކުރުން ހުއްޓުވައި ހަނިމަގުތަކުގެ ޕާކިންއަށް ބަދަލު ގެންނަނީ

ކަންމަތީގައި ޕާކުކުރުން ހުއްޓުވައި ހަނިމަގުތަކުގެ ޕާކިންއަށް ބަދަލު ގެންނަނީ

މާލޭގެ ޕާކިންގް ސަރަޚައްދެއް ފޮޓޯ: ޕީއެސްއެމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

26 ޖޫން 2026، 02:26

26 ޖޫން 2026، 02:26

މާލެ ސިޓީގެ މަގުތަކަކީ ހިނގާބިނގާވެ އުޅުމަށާއި ދުއްވާ އެއްޗެއްސަށް ފަސޭހަ ތަނަކަށް ހެދުމަށްޓަކައި، މަގުތަކުގެ ކަންމަތީގައި ޕާކުނުކުރެވޭ ގޮތް ހަދައި، ހަނިމަގުތަކުގައި ޕާކުކުރެވޭ އުސޫލަށް ބަދަލުތަކެއް ގެންނަން މަސައްކަތް ކުރައްވަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ "ނޭޝަން ޗެޓް" ޕްރޮގްރާމްގެ ދެވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ މާލެއަށް ދިމާވެފައިވާ ޕާކިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަކީ އެމަނިކުފާނު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށާއި، މާލެއަކީ ދިރިއުޅެން ފަސޭހަ ތަނަކަށް ހެދުމަކީ ކުރައްވާ ވަރަށް ބޮޑު އުންމީދެއް ކަމަށެވެ.

މަގުތަކުގެ ތަރުތީބު ރަނގަޅު ކުރުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މަގުތަކުގެ ކަންމަތިތަކުގައި ރޮނގުދަމައި، އެ ސަރަހައްދުތަކުގައި ޕާކުކުރުން ހުއްޓުވަން ޖެހޭ ކަމަށެވެ. އަދި ހަނިމަގުތަކުގައި މިހާރު ޕާކުކުރަމުންދާ ގޮތް ބަދަލުކޮށް، ޕާކިން ޒޯންތައް އިތުރުކޮށް، ހަރުދަނާ އުސޫލެއްގެ ދަށުން ޕާކުކުރެވޭނެ އިންތިޒާމު ހަމަޖެއްސުން މުހިންމު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި މަސައްކަތްތަކަކީ މާލެ ސިޓީ ކައުންސިލުން ކުރަންޖެހޭ ކަންކަން ނަމަވެސް، ކައުންސިލްގެ މިހާރުގެ ކަންކަން ހުރި ގޮތުން އެކަށީގެންވާ އެއްބާރުލުމެއް ލިބޭނެ ކަމަށް ގަބޫލުފުޅު ނުކުރެއްވޭ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް، ރައްޔިތުންނަށްޓަކައި ކައުންސިލާއެކު މަސައްކަތް ކުރައްވައިގެން ނަތީޖާ ނެރުއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

މީގެ އިތުރުން، ޕާކިން މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން ފައިސާ ދައްކައިގެން ރައްކާތެރިކަމާއެކު ޕާކުކުރެވޭނެ މަލްޓި-ސްޓޯރީ ޕާކިން ބިލްޑިންގްތަކާއި އެނޫންވެސް ވަސީލަތްތައް ގާއިމުކުރުމަށް ސަރުކާރުން ރާވަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. "މުޅި މައްސަލައަށް ހައްލެއް ގެނައުމުގެ މަސައްކަތް އެބަކުރެވޭ،" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ސަރުކާރުން ކުރާ މިފަދަ މަސައްކަތްތައް ކާމިޔާބު ކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ރައްޔިތުންގެ ފަރުދީ ޒިންމާ ކަމަށާއި، ހުރިހާ ފަރާތްތަކުންވެސް ގަވާއިދުތަކަށް ބޯލަނބައި އިޖުތިމާއީ ޒިންމާ އަދާކުރުމަކީ މި މައްސަލަ ހައްލުކުރުމަށް އޮތް އެންމެ ބޮޑު ބާރު ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450