ޚަބަރު
ޕީއެންސީގެ ގުޅުން ބަދަހި، ބައިބައިކުރަން ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ: ރައީސް މުޢިއްޒު
ޕީއެންސީގެ އެއްވުމެއް ފޮޓޯ: ޕީއެންސީ
ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރުންގެ މެދުގައި އޮތް ބަދަހި ގުޅުން ހީނަރުކުރުމަށް އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތް ކާމިޔާބު ނުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި އެ ޕާޓީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ "ނޭޝަން ޗެޓް" ޕްރޮގްރާމްގެ ދެވަނަ އެޕިސޯޑުގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ބައްދަލުވުމުގައި ރައީސް ވިދާޅުވީ، މިހާރުގެ އިދިކޮޅު ފަރާތްތަކުން ވެރިކަން ކުރެއްވިއިރު، ވެރިކަމުގެ ވަކި ހިސާބަކުން ޕާޓީގެ ތެރޭގައި ހަމަނުޖެހުން އުފެދި މައްސަލަތައް ކުރިމަތިވި މަންޒަރު ފެނިފައިވާ ކަމަށެވެ. އަދި ހަމަ އެފަދައިން ޕީއެންސީގެ ގުޅުން ހީނަރުކުރުމަށް އެ ފަރާތްތަކުން މިހާރުވެސް މަސައްކަތް ކުރަމުންދާ ކަމަށާއި، ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ރައީސް ޑރ. މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި ޕީއެންސީގެ އެންމެ މަތީ ލީޑަރޝިޕުން ފެށިގެން އާންމު މެންބަރުންނާ ހަމައަށް އޮތީ ވަރަށް ބަދަހި އަދި އެކުވެރި ގުޅުމެކެވެ.
އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ރަނގަޅަށް، ވަރަށް އެކުވެރިކަމާއެކީގައި އޮތީ ވަރަށް ރަނގަޅު އެކުވެރި ގުޅުމެއް. އެހެންނަމަވެސް މި ގުޅުން ހީނަރުކުރަން އަދި ބައިބައިކުރަން އެކި ފަރާތްތަކުން މަސައްކަތް ކުރޭ. އެހެންނަމަވެސް އަޅުގަނޑުމެންގެ ތެރޭގައި ނެތް އެވާހަކަ އަޑުއަހާނެ ބަޔަކު،
ރައީސް
މީގެ އިތުރުން ރައީސް ވިދާޅުވީ ޕާޓީގެ ހުރިހާ މެންބަރުންވެސް މަސައްކަތް ކުރަނީ ޤައުމަށް ޚިދުމަތްކުރުމަށް ރައްޔިތުން ހަވާލުކުރި ޒިންމާ އަދާކުރުމުގެ އިޚްލާސްތެރި އަޒުމުގައި ކަމަށެވެ.
ޕީއެންސީގެ ކޮންގްރެސް ބާއްވާ ތާރީޚު އަވަސްކުރުމާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވީ، އެއީ ޕާޓީ ތެރޭގައި ހަމަނުޖެހުން އޮވެގެން ނިންމި ނިންމުމެއް ނޫން ކަމަށެވެ. ކޮންގްރެސް އަވަސްކުރީ ކުރިން ތާވަލުކުރި ތާރީޚާ އޯލެވެލް އިމްތިހާނާ ދިމާވާތީ އާއި، ޤާނޫނީ ގޮތުން ކޮންގްރެސް ބާއްވަންޖެހޭ މުއްދަތު ހަމަވެފައިވާތީ ކަމަށް އެމަނިކުފާނު ތަފްޞީލުކޮށްދެއްވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ރައީސް ވިދާޅުވީ، ކުރިއަށް އޮތް ޕީއެންސީގެ ކޮންގްރެސްއަކީ ރާއްޖޭގެ ހުރިހާ ސަރަޙައްދަކުން ޕާޓީގެ ވަފުދުތައް ބައިވެރިވާ، ވަރަށް ކާމިޔާބު ބައްދަލުވުމަކަށް ވެގެންދާނެ ކަމަށެވެ.