ޚަބަރު
ރައީސުލްޖުމްހޫރިއްޔާގެ ކުލަ އާއި މެޑަލް 27 ފުލުހަކަށް އަރުވައިފި
ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި މެޑަލް އެރުވުން / ފޮޓޯ: ޕޮލިސް
ދިވެހި ފުލުހުންގެ މުއައްސަސާއަށް ދިގު މުއްދަތެއްގައި އިޚުލާޞްތެރިކަމާއެކު ޚިދުމަތްކޮށްދެއްވާފައިވާ 27 ފުލުހަކަށް، ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި މެޑަލް އަރުވައިފިއެވެ.
މި ޝަރަފުގެ މެޑަލްތަކާއި ކުލަތައް ހަވާލުކޮށްދެއްވީ ދިވެހި ފުލުހުންގެ ޚިދުމަތަށް 93 އަހަރު ފުރުމުގެ މުނާސަބަތުގައި އާދިއްތަ ދުވަހުގެރޭ ބޭއްވި ޚާއްޞަ ރަސްމީ ޖަލްސާގައެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި މެޑަލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
މި އަހަރު ރައީސުލްޖުމްހޫރިއްޔާގެ ކުލަ ލިބިވަޑައިގެންފައިވަނީ ޖުމްލަ 20 އޮފިސަރަކަށެވެ. އަދި ފުލުހުންގެ ޚިދުމަތުގައި ދެއްކެވި ފާހަގަކޮށްލެވޭ ރަނގަޅު މަސައްކަތްތަކާއި އިޚުލާޞްތެރިކަމަށް ބައްލަވައި، ރައީސުލްޖުމްހޫރިއްޔާގެ މެޑަލް 7 އޮފިސަރަކަށް ވަނީ އަރުވާފައެވެ.
މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުރުން، ދައުލަތުގެ ވަޒީރުންނާއި، ފުލުހުންގެ މުއައްސަސާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިފަދަ ޝަރަފުތަކަކީ ފުލުހުންގެ މުއައްސަސާގައި ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާ ބޭފުޅުންގެ އަގުވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ދެމުން އަންނަ މެޑަލްތަކާއި ކުލަތަކެކެވެ. މި އަހަރުގެ އަހަރީ ދުވަހުގެ ޖަލްސާގައި ފުލުހުންގެ ޚިދުމަތް ކުރިއެރުވުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކޮށް އެހެނިހެން އެވޯޑްތައްވެސް ވަނީ ދީފައެވެ.