Ads by Farudhun

ޚަބަރު

ފްލެޓާއި ގޯތި ލިބޭ މީހުން ކަނޑައަޅައި މިއަހަރު ތެރޭގައި އަންގާނެ: ރައީސް މުޢިއްޒު

ފްލެޓާއި ގޯތި ލިބޭ މީހުން ކަނޑައަޅައި މިއަހަރު ތެރޭގައި އަންގާނެ: ރައީސް މުޢިއްޒު

ގުޅިފަޅުން ދޫކުރި ބައެއް ގޯތި ހަވާލުކުރުން ފޮޓޯ: ހައުސިންގ މިނިސްޓްރީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

29 ޖޫން 2026، 12:29

29 ޖޫން 2026، 12:29

މި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ބޯހިޔާވަހިކަން ލިބޭ ފަރާތްތައް ކަނޑައަޅައި މި އަހަރުގެ ތެރޭގައި އެކަން އަންގަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ އެންމެ ބޮޑު ވަޢުދު ކަމަށާއި، އެ މަސައްކަތް ކުރިއަށް ގެންދަވަނީ ވަރަށް ބޮޑު ސަމާލުކަމެއް ދެއްވައިގެން ކަމަށެވެ. މިއީ އެތައް ހާސް ރައްޔިތުންނެއްގެ ދިރިއުޅުމާ ގުޅިފައިވާ ހައްސާސް ކަމަކަށް ވާތީ، އެއްވެސް ނުފޫޒެއް ނެތި އިންސާފުވެރިކަމާއެކު މިކަން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

އިރާދަކުރެއްވިއްޔާ މިސަރުކާރުންދޭ އެއްވެސް ބޯހިޔާވަހިކަމަކީ ވަކި މީހެއްގެ މީހަކަށް ވީތީވެ ލިބޭ އެއްޗަކަށް ނުވާނެ. އެ ޔަގީންކަން އަޅުގަނޑު ދެން. މިސަރުކާރުންދޭ ގޯއްޗެއް ވިޔަސް ފްލެޓެއް ވިޔަސް ދޭނީ އެމީހާއަށް ހައްގުވީމަ އެމީހާގެ ހައްގު އަދާކުރުމުގެ ގޮތުން،

      ރައީސް މުޢިއްޒު 

ރައީސް އިތުރަށް ވިދާޅުވީ، ފްލެޓަށް ކުރިމަތިލާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ ތަފްސީލްތައް ރަނގަޅަށް ވެރިފައިކޮށް، ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ޕޮއިންޓް ހަމަވާ ތަރުތީބުން ފްލެޓް ލިބޭނެ ކަމަށެވެ. އަދި މި އަހަރުގެ ތެރޭގައި ލިސްޓު އާންމުކޮށް، ކޮންމެ މީހަކަށް ލިބެނީ ކޮން މަޝްރޫޢެއްގެ ދަށުން ކޮން ފްލެޓެއްކަން އެނގޭނެހެން ތަފްސީލުތައް ހާމަކުރައްވާނެ ކަމަށާއި، ގޯތި ލިބޭ ފަރާތްތަކަށްވެސް އެކަން މިއަހަރު އަންގާނެ ކަމަށް ވިދާޅުވިއެވެ.

މާލޭ ސަރަހައްދުގެ މަޝްރޫޢުތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ޖުލައި މަހުގެ ތެރޭގައި ގިނަ އިމާރާތްތަކުގެ ކޮންކްރީޓް ފައުންޑޭޝަން މަސައްކަތް ފެށޭނެ ކަމަށެވެ. އަދި 2028 ވަނަ އަހަރުގެ މެދުތެރޭގައި މާލޭ ސަރަހައްދުގައި އަޅާ ހުރިހާ ފްލެޓެއް ނިމޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގޯތި ދިނުމަށް ހަމަޖެހިފައިވާ ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ހިއްކުމުގެ މަސައްކަތުގެ 60 އިންސައްތަ ނިމިފައިވާ ކަމަށެވެ. ތެލުގެ އަގު ބޮޑުވުމާ ގުޅިގެން މަސައްކަތަށް ކުޑަ މަޑުޖެހުމެއް އައި ނަމަވެސް، މިހާރު ދެ ޑްރެޖަރު ބޭނުންކޮށްގެން މަސައްކަތް އަލުން ފެށުމަށް ތައްޔާރުވަމުންދާ ކަމަށާއި، އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ބިން ހިއްކާ ނިންމާލުން ކަމަށް ރައީސް ހާމަކުރެއްވިއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ޖުމްލަ 58,505 އެޕްލިކޭޝަން ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ފްލެޓަށް އެދި ހުށަހެޅި 35,930 އެޕްލިކޭޝަނާއި ގޯއްޗަށް އެދި ހުށަހެޅި 22,575 އެޕްލިކޭޝަނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450