ޚަބަރު
އާރްޓީއެލް ގެ ޚިދުމަތް ރައްޔިތުން ބޭނުންވާ ފެންވަރުގައި ދެވޭ، އިތުބާރު ހުރި ޚިދުމަތަކަށް ހަދާނަން : ރައީސް މުޢިއްޒު
އާރްޓީއެލް
މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ޚިދުމަތަކީ ރައްޔިތުން ބޭނުންވާ ފެންވަރުގައި ދެވޭ، އިތުބާރު ހުރި ޚިދުމަތަކަށް ހެދުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، އާރްޓީއެލް ފެރީގެ ޚިދުމަތް މުޅި ރާއްޖެއަށް ގުޅާލުމަށް ސަރުކާރުން ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް މި މަހުގެ ތެރޭގައި ނިންމުމަށް ކުރިން އަމާޒު ހިފާފައި އޮތް ނަމަވެސް، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މަސައްކަތް ނުނިމި ލަސްވީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ހަނގުރާމައިގެ ހާލަތާ ގުޅިގެން ދުނިޔޭގެ އިގްތިސާދަށް އައި ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ވެސް ދަތިތަކާ ކުރިމަތިވި ކަމަށާއި، މީގެ ސަބަބުން ދައުލަތުގެ ފައިސާ ޚަރަދުކުރުމުގައި އިސްކަންދޭންޖެހޭ ތަރުތީބުތަކަށް ބަދަލުތަކެއް ގެންނަން ޖެހުނު ކަމަށެވެ. މީގެ ސަބަބުން ބައެއް މަޝްރޫއުތައް މަޑުޖެހުނު ނަމަވެސް، އާރްޓީއެލްގެ ޚިދުމަތަކީ ރައްޔިތުންނަށް އެންމެ ފައިދާހުރި އަދި އަވަސް ޚިދުމަތަކަށް ހެދުމަށް ސަރުކާރުން ހާއްސަ އަހަންމިއްޔަތުކަމެއް ދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އާރްޓީއެލް ޚިދުމަތަކީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ގާއިމުކުރަން މަސައްކަތްކުރާކަމެއް. ކަނޑައެޅި ޓާގެޓަށް ނިންމުމުގަ ޑިލޭތަކެއް އައިއްސި. ހަނގުރާމައިގެ ހާލަތުގަ ރާއްޖެއަށް ވެސް ދިމާވި ދަތިތައް ފައިސާ ޚަރަދުކުރުމުގަ އިސްކަންދޭންޖެހޭ ތަރުތީބު ކަނޑައެޅުމުގައި. ބައެއް ކަންކަން މަޑުޖެހިފައި އެބަހުރި. އަޅުގަނޑުމެން މި ބަލަނީ އާރްޓީއެލް ޚިދުމަތަކީ ހިތްފަސޭހަ ޚިދުމަތަކަށް ހަދަން. މީހުން ބޭނުންވާ ފެންވަރުގަ އަވަހަށް ރަނގަޅަށް ދެވޭ ޚިދުމަތަކަށް ހެދުމަށް،
ރައީސް
މިހާތަނަށް ރާއްޖޭގެ 15 އަތޮޅެއްގައި އާރްޓީއެލްގެ ޚިދުމަތް ފަށާފައިވާއިރު، މި ޚިދުމަތުގައި މިހާރުވެސް 35 ލޯންޗު ދަނީ ބޭނުންކުރަމުންނެވެ. އަދި ޚިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި އިތުރު 12 ލޯންޗު ބަނުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް ސަރުކާރުން ހާމަކުރެއެވެ.
ދަތުރުފަތުރާ ބެހޭ ވުޒާރާއިން މީގެ ކުރިން ވިދާޅުވެފައިވަނީ، މުޅި ރާއްޖެއަށް އާރްޓީއެލްގެ ޚިދުމަތް ފޯރުކޮށްދިނުމަށްފަހު، ދެން އޮތް މަރުހަލާއަކީ އެއް އަތޮޅުން އަނެއް އަތޮޅަށް ދަތުރުފަތުރުގެ ނިޒާމު ގުޅާލުން ކަމަށެވެ. މިގޮތުން އެކި ޒޯންތައް ގުޅާލުމުގެ މަސައްކަތްވެސް ކުރިއަށް އޮތް ތަނުގައި ކުރިއަށްދާނެއެވެ. 2022 ވަނަ އަހަރު ރާއްޖޭގައި ތައާރަފުކުރި މި ފެރީގެ ޚިދުމަތް މިހާރުވެސް ރާއްޖޭގެ 145 ރަށަކަށް އަންނަނީ ދެމުންނެވެ.