ޚަބަރު
ކުރިއަށް އޮތީ މޫސުން ގޯސް ދެދުވަސް ކަމަށް ލަފާކޮށްފި
ރާއްޖޭގެ މޫސުން ގޯސް ދުވަހެއް ފޮޓޯ:މޯލްޑިވްސް ވޮއިސް
ކުރިއަށް އޮތް ދެދުވަހުވެސް ރާއްޖޭގެ މޫސުން ގޯސްވެ، ވައިގަދަވެ، ކަނޑުތައްވެސް ގަދަވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން މިއަދު އިންޒާރު ދީފިއެވެ. މި ވިއްސާރައިގައި އެންމެ ބޮޑަށް ގަދަވާނީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށްކަމަށްވެސް އެ އިދާރާއިން ބުނެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެއެވެ. މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖޭގެ ސަރަހައްދުގައި އުފެދިފައިވާ ބާރުގަދަ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވުމާ ގުޅިގެން ކުރަމުންދާ ވިއްސާރައެކެވެ. މި ތޫފާނު މިހާރު ދަތުރުކުރަމުންދަނީ އިންޑިއާގެ ޓަމިލްނާޑޫގެ އައްސާރިފަށާ ދިމާލަށެވެ. މިހާރު ކުރަމުންދާ ވިއްސާރައަކީ އެ ތޫފާނުގެ ނުސީދާ އަސަރުގެ ސަބަބުން ކުރާ ވިއްސާރައެކެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ކުރިއަށް އޮތް ދެދުވަހުވެސް ދެކުނާއި މެދު ރާއްޖެތެރެއަށް ކަނޑު ގަދަވެ، އާންމުކޮށް ވައި ގަދަވާނެ ކަމަށެވެ. އެވްރެޖުކޮށް މެދު ރާއްޖެތެރެއަށް 13 މޭލާއި 23 މޭލާ ދެމެދު ވައިޖެހޭނެކަމަށާއި، ދެކުނުގެ އަތޮޅުތަކަށް 15 މޭލާއި 25 މޭލާ ދެމެދު ވައިޖެހޭނެކަމަށް ލަފާކުރެވެއެވެ.
މި ނުރައްކާތެރި މޫސުމާ ގުޅިގެން، މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ރައްޔިތުންނަށް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. ވީމާ، ދަތުރުފަތުރު ކުރާއިރު އިތުރަށް ސަމާލުވުމަށާއި، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އާންމުންނަށް އިލްތިމާސް ކުރެވެއެވެ.