Ads by Farudhun

ޚަބަރު

ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ހިނގާގޮތް ރައީސް މުޢިއްޒު ބައްލަވާލައްވައިފި

ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ހިނގާގޮތް ރައީސް މުޢިއްޒު ބައްލަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ހިނގާގޮތް ބައްލަވާލެއްވުން ފޮޓޯ: ޚުލާސާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

09 ޖުލައި 2026، 11:44

09 ޖުލައި 2026، 11:44

މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްލަވާލައްވައިފިއެވެ.

މާލޭގެ އިރުމަތީ ފަރާތުގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތުގެ ތެރެއިން، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ފޮރިން މިނިސްޓްރީއާ ހަމައަށް މިހާރު ވަނީ ތާރު އަޅައި ނިންމާފައެވެ. އެ ސަރަހައްދުގައި ތާރު އެޅުމުގެ މަސައްކަތް ނިންމާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ.

މި މަޝްރޫޢު ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި، އެމްޓީސީސީގެ ސީއީއޯ އަހްމަދު ސައުދީގެ އިތުރުން ހައުސިންގ މިނިސްޓްރީއާއި، އެމްޓީސީސީ އަދި ރައީސް އޮފީހުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މަސައްކަތް ބައްލަވާލެއްވުމަށް ކުރެއްވި މި ޒިޔާރަތުގައި، މަޝްރޫއު ކުރިއަށްދާ ގޮތާ ގުޅޭގޮތުން ރައީސް ވަނީ މިނިސްޓަރ މުއްތަލިބާއި އެމްޓީސީސީގެ ސީއީއޯއާ މަޝްވަރާކުރައްވާފައެވެ.

މިދިޔަ މާޗު މަހުގެ 23 ވަނަ ދުވަހު އަމަލީ މަސައްކަތް ފެށި މި މަޝްރޫޢުގެ ދަށުން، ފޮރިން މިނިސްޓްރީން ފެށިގެން ރަސްމީ ފާލަމާ ހަމައަށް ތާރު އެޅުމުގެ މަސައްކަތް އަންނަ ހަފުތާގެ ނިޔަލަށް ކުރިއަށްދާނެއެވެ. އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވިދާޅުވީ، މަގުގެ މަސައްކަތް އެއްކޮށް ނިންމައި މި މަހުގެ 26 ވަނަ ދުވަހުގެ ކުރިން އާންމުންނަށް ހުޅުވާލުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.

ބޮޑުތަކުރުފާނު މަގުގެ މި ސަރަހައްދަކީ ގިނަ އަދަދެއްގެ މިނިސްޓްރީތަކާއި އޮފީސްތައް ހުންނަ ސަރަހައްދަކަށް ވާއިރު، މީގެ ކުރިން ގާ އަޅާފައި އޮތް މި މަގު އޮތީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. މި މަޝްރޫޢުގެ ދަށުން މަގު ދެގުނަ ފުޅާކުރެވި، ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެވުމުން ދަތުރުފަތުރުގެ ތޮއްޖެހުމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

މި މަގު ތަރައްގީކޮށް ނިމޭއިރު މަގުގެ އެއް ފަޅީގައި ޕާކުކުރެވޭނެ ޖާގަ އާއި މަސްވެރިންގެ ޕާކު ސަރަހައްދު ވެސް ހިމެނޭނެއެވެ. އަދި ބޭންކް އޮފް މޯލްޑިވްސްގެ މައި އިމާރާތުގެ ކުރިމަތީގައި ސައިކަލްތައް ޕާކް ކުރެވޭނެ ހާއްސަ ސަރަހައްދެއް ވެސް ގާއިމުކުރެވޭނެއެވެ.

ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 455 ދުވަސް ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ނޯތު ހާބަރުން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް މިހާރު ވަނީ ތާރު އަޅައި ބޭނުންކުރަން ފަށާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450