ޚަބަރު
ސައުދީގެ ޕްރިންސް ޑޮކްޓަރ މަންޞޫރުގެ ޝަރަފުގައި މެންދުރުގެ ފަރިކޮޅެއް ބާއްވަވައިފި
ސައުދީގެ ޕްރިންސް ޑޮކްޓަރ މަންޞޫރުގެ ޝަރަފުގައި ބޭއްވެވި ފަރިއްކޮޅު / ފޮޓޯ: ރައީސް އޮފީސް
ދިވެހިރާއްޖޭގެ މިނިވަންކަމަށް 61 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ އިޙްތިފާލުތަކުގެ ޝަރަފުވެރި މެހެމާނު، ސައުދީ އަރަބިއްޔާގެ ރޯޔަލް އެޑްވައިޒަރ ޓު ދަ ކަސްޓޯޑިއަން އޮފް ދަ ޓޫ ހޮލީ މޮސްކްސް، މިނިސްޓަރ އޮފް ސްޓޭޓް އަދި ކެބިނެޓް މެންބަރު ހިޒް ރޯޔަލް ހައިނަސް ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މުތައިބް ބިން އަބްދުލްއަޒީޒް އަލް ސައުދުގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މެންދުރުގެ ފަރިކޮޅެއް ބާއްވަވައިފިއެވެ.
މިއަދު މެންދުރު ބޭއްވުނު މި ރަސްމީ ފަރިކޮޅަކީ ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވުނު ޚާއްޞަ ހަރަކާތްތަކުގެ ތެރެއިން ބޭއްވުނު ފަރިކޮޅެކެވެ. ޕްރިންސް ޑޮކްޓަރ މަންޞޫރު ރާއްޖެއަށް ކުރައްވަމުންދާ މި ދަތުރުފުޅަކީ، ސައުދީ އަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު ހިޒް ރޯޔަލް ހައިނަސް ޕްރިންސް މުޙައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައުދުގެ ފަރާތްޕުޅުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ފަރިކޮޅުގައި ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ގާތް ރަހުމަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް އިސްލާމީ އަޚުވަންތަކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.
މި ރަސްމީ ފަރިކޮޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ގެ އިތުރުން ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ދަތުރުފުޅަކީ ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުން ރަމްޒުކޮށްދޭ އަދި އެ ގުޅުން އައު އުސްމިންތަކަކަށް ގެންދިއުމަށް މަގުފަހިވެގެންދާނެ ދަތުރުފުޅެއްކަން ސަރުކާރުން ފާހަގަކުރައްވައެވެ.