Ads by Farudhun

ޚަބަރު

އިންތިޚާބީ މެންބަރުން ތިއްބަވާ 'ޒުވާނުންގެ މަޖިލީހެއް' ގާއިމުކުރަނީ

އިންތިޚާބީ މެންބަރުން ތިއްބަވާ 'ޒުވާނުންގެ މަޖިލީހެއް' ގާއިމުކުރަނީ

ޔޫތް ކޮފީ ވިތް ޕްރެސިޑެންޓް ފޮޓޯ: ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

27 ޖުލައި 2026، 03:17

27 ޖުލައި 2026، 03:17

ރާއްޖޭގެ ޒުވާނުން ބާރުވެރިކުރުވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން، އިންތިޚާބީ މެންބަރުން ތިއްބަވާ 'ޒުވާނުންގެ މަޖިލީހެއް' ގާއިމުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.

މިކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވީ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ޒުވާނުންނާއި އަންހެނުންނަކީ ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު ބައެއް ކަމަށްވާއިރު، ޤައުމުގެ ހިންގުމުގެ ނިޒާމާއި ޑިމޮކްރަސީ ހަރުދަނާކުރުމަށް އެ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.

ޒުވާނުންގެ މަޖިލިސް ނުވަތަ ޔޫތު ޕާލަމަންޓް ގާއިމުކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި މަޖިލިސް އެކުލެވިގެންވާނީ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ދާއިރާތަކެއް ހިމެނޭ ގޮތަށް ޒުވާނުންގެ ތެރެއިން އިންތިޚާބުކުރެވޭ މެންބަރުންގެ މައްޗަށް ކަމަށެވެ. އަދި މިކަމަށްޓަކައި ޤާނޫނުއަސާސީއަށާއި ޤާނޫނުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ކުރިއަށް އޮތް ދުވަސްތަކުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ތަފްޞީލުކޮށްދެއްވި ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ ކޮމްޕޮޒިޝަންގެ ތެރޭގައި ވަކި އިންސައްތައެއް ޒުވާނުންނަށް އަދި ވަކި އިންސައްތައެއް އަންހެނުންނަށް ޚާއްޞަކުރުމަށް ޤާނޫނުއަސާސީއަށް އިޞްލާޙު ގެންނަވާނެއެވެ. މި ބަދަލުތަކުގެ ސަބަބުން ޤައުމުގެ މުހިންމު ނިންމުންތައް ނިންމުމުގައި ޒުވާނުންނާއި އަންހެނުންނަށް ދާއިމީ ގޮތެއްގައި ފުރުޞަތު ލިބިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޒުވާނުންނާއި އަންހެނުން އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއްކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ދާދިފަހުން 5,600 އަށްވުރެ ގިނަ ޒުވާނުންނަށް އަމާޒުކޮށް ކުދިލޯނު ލިބޭނެ ސްކީމެއް ތަޢާރަފްކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން 'ކްރިއޭޓިވް އިކޮނޮމީ' ފުޅާކުރުމުގެ ތެރެއިން ޒުވާނުންނަށް ގިނަ ފުރުޞަތުތަކެއް ފަހިކޮށްދެމުންދާކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.

ޤައުމީ ޚިދުމަތުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވަޠަނީ ޚިދުމަތުގެ ތެރެއިން އުފެދިގެންދާނީ ޤައުމާއި ދީނަށް ލޯބިކުރާ، ހުނަރުވެރި، އަދި ބިނާކުރަނިވި މަސައްކަތްތެރި ޒުވާނުންތަކެއް ކަމަށެވެ. މި މަސައްކަތްތަކުގެ އެންމެ ބޮޑު މަޤްޞަދަކީ ދައުލަތުގެ މިނިވަންކަން ދެމެހެއްޓުމުގައި ޒުވާނުންގެ ހިއްސާ އިތުރުކުރުން ކަމަށްވެސް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450