ޚަބަރު
ސެޕްޓެންބަރު މަސް ނިމުމުގެ ކުރިން "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" ހުޅުވަނީ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް
ސަރުކާރުގެ ނިޒާމުގެ ތެރޭގައި ހުރި އެކި ކަންކަމުގެ ޝަކުވާ ހުށަހެޅުމަށްޓަކައި ގާއިމުކުރާ "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" މިއަހަރުގެ ސެޕްޓެންބަރު މަސް ނިމެންވާއިރަށް ހުޅުވިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފިއެވެ.
މިކަން ހާމަކުރެއްވީ މިނިވަންދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ތަގުރީރުގައެވެ. ރައީސް ވިދާޅުވީ ދެފުށް ފެންނަ ސަރުކާރެއް ހިންގުމުގެ ބޭނުމުގައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށާއި، ރައްޔިތުންނާ ބައްދަލުކުރެއްވުމާއި، ރައްޔިތުންގެ ޝަކުވާތަކަށް ޖަވާބުދާރީވުމަކީ ޑިމޮކްރަސީ ފުރިހަމައަށް ތަންފީޒުކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.
އަޅުގަނޑުވެސް އިރާދަކުރެއްވިއްޔާ މީގެ އިތުރު ޕްރޮގްރާމެއް ދާދި އަވަހަށް މި ފަށަނީ. ހަމައެއާއެކީގައި، ސަރުކާރުގެ ނިޒާމުގެ ތެރޭގައި ހުރި އެކި ކަންކަމުގެ ޝަކުވާ ހުށަހެޅުމަށްޓަކައި ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯއެއް ޤާއިމުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތް ވެސް ނިމުމަކަށްއައިސް، އިރާދަކުރެއްވިއްޔާ ސެޕްޓެންބަރު މަސް ނިމެންވާއިރަށް އެ ބިއުރޯ ވެސް ހުޅުވިގެންދާނެ،
ރައީސް
ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި ބިއުރޯގެ ސަބަބުން މުޅި ސަރުކާރުގެ ނިޒާމުގެ ތެރޭގައި ހުރި ކަންބޮޑުވުންތަކަށް ހައްލުތައް ލިބިގެންދާނެއެވެ. އަދި މިހާރުވެސް ސަރުކާރުގެ އިދާރާތަކުން ސިޓީތަކާއި ފޯނުތަކަށް ޖަވާބުދިނުމުގެ ކަންކަން ކުރިއަށްވުރެ ބޮޑަށް ރަނގަޅުވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ބިއުރޯ ހިންގުމަށް ހަމަޖެހިފައިވަނީ ޒަމާނީ ވަސީލަތްތަކާ އެކުގައެވެ. އެގޮތުން، ރައްޔިތުން ހުށަހަޅާ ޝަކުވާތައް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އެކުލެވޭ ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން މެނޭޖްކޮށް، ކަމާބެހޭ އިދާރާތަކުން މައުލޫމާތު ހޯދައި، އަވަސް ޖަވާބެއް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، 24 ގަޑިއިރު ހިދުމަތް ދޭ ކޯލް ސެންޓަރެއްވެސް މި ބިއުރޯގެ ދަށުން ހިންގާނެއެވެ. މިއީ ރައްޔިތުންނާ ވީހާވެސް ގާތުން ހިދުމަތް ދިނުމަށާއި، ސަރުކާރުގެ ހިންގުން ހަރުދަނާކުރުމަށް ރައީސް ޑރ. މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްދާ މުހިންމު މަސައްކަތެކެވެ.