ޚަބަރު
ނަތީޖާއިން ސާބިތުކޮށްދެނީ މި ސަރުކާރުގެ ހަލުވި ދުވެލި، ދެ އަހަރާއި އަށް މަސް ތެރޭގައި 590 މަޝްރޫޢު ނިންމައިފި: ރައީސް މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް
މި ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދަނީ ހަމައެކަނި ދައްކާ ވާހަކައެއްގެ ގޮތުގައި ނޫން ކަމަށާއި، ފެންނަން ހުރި ނަތީޖާތަކުން ސަރުކާރުގެ ހަލުވި ދުވެލި ހާމަވަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ،އިއްޔެ ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، މިދިޔަ ދެ އަހަރާއި އަށް މަސް ދުވަހުގެ ތެރޭގައި އެކި ދާއިރާތަކުން ޖުމްލަ 590 މަޝްރޫޢު ނިންމައި ރައްޔިތުންނަށް ވަނީ ފޯރުކޮށްދީފައެވެ.
މި ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް މުޢިއްޒު ވަނީ އިސްވެދިޔަ ދެ ސަރުކާރުގެ ފުރަތަމަ ދެ އަހަރާއި އަށް މަސް ދުވަހުގެ މަސައްކަތްތަކާ މި ސަރުކާރުގެ މަސައްކަތްތައް އަޅާކިޔުއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ނިމިދިޔަ ސަރުކާރުގެ ފުރަތަމަ ދެ އަހަރާއި އަށް މަހުގެ ތެރޭގައި ނިންމިފައިވަނީ 285 މަޝްރޫޢު ކަމަށާއި، އޭގެ ކުރީގެ ސަރުކާރުގައި އެ މުއްދަތުގެ ތެރޭގައި ނިންމުނީ 321 މަޝްރޫޢު ކަމަށެވެ.
އަޅުގަނޑުމެން ވާހަކަ ދައްކާނީ ނަތީޖާއިން. މިހާރުވެސް 1635 މަޝްރޫޢު އެކި މަރުޙަލާތަކުގައި ކުރިއަށް އެބަދޭ،
ރައީސް
މިއާ ޚިލާފަށް ނިމިދިޔަ ސަރުކާރުގެ މި މުއްދަތުގައި ކުރިއަށް ދިޔައީ 414 މަޝްރޫޢު ކަމަށާއި، އޭގެ ކުރީ ސަރުކާރުގައި ކުރިއަށް ދިޔައީ 355 މަޝްރޫޢު ކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ކުޑަ ރަށެއް ނުވަތަ ބޮޑު ރަށެއް ތަފާތުކުރުމެއް ނެތި، ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު ތަރައްޤީ ފޯރުކޮށްދިނުން ކަމަށެވެ. އަދި މި މަސައްކަތްތައް ކުރިއަށްދާނީ ލާމަރުކަޒީ އުޞޫލުން، ރައްޔިތުން އެދޭ ފަދަ ނަތީޖާއެއް ނެރެދިނުމަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ސަރުކާރުގެ ތަރައްޤީގެ ދުވެލި ބާރުކޮށް، ވަޢުދުތައް ފުއްދުމުގައި ސާބިތުވެ ތިބޭނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންނަށް ދެއްވާފައެވެ.