ރިޕޯޓް
މިނިވަން ދުވަހުގެ އުފާވެރިކަން: ރައްޔިތުންނާ ގާތުން ފެނިގެންދިޔަ ތަފާތު އިހުސާސްތަކެއް
އެމްއެންޑީއެފްގެ ޕެރޭޑް - ފޮޓޯ: އެމްއެންޑީއެފް
މި އަހަރުގެ މިނިވަން ދުވަސް ދިވެހި ރައްޔިތުންނާ ބައްދަލުކުރީ އާދަޔާ ހިލާފު އުފާވެރިކަމާއި އެކުވެރިކަމުގެ ރޫހެއްގައެވެ. ދިވެހިރާއްޖޭގެ މިނިވަންކަމަށް 61 އަހަރު ފުރުނު މުނާސަބަތުގައި ބޭއްވުނު ހަރަކާތްތަކުގެ ތެރެއިން އެންމެ ބޮޑު ސަމާލުކަމެއް ހުއްޓިގެންދިޔައީ، ދިވެހި ސިފައިން ނުވަތަ އެމްއެންޑީއެފުން ބޭއްވި މިނިވަން ދުވަހުގެ ޝަރަފުގެ ހިނގާލުމަށެވެ. މީގެ ކުރީ އަހަރުތަކާ ހިލާފަށް، މި ފަހަރުގެ ޕެރޭޑް ފެނިގެންދިޔައީ މުޅިން ތަފާތު، ރައްޔިތުންނާ ގާތް މާހައުލެއްގެ ތެރެއިންނެވެ.
މި ފަހަރުގެ ޕެރޭޑްގެ އެންމެ ހާއްސަ އެއް ކަމަކީ ރައްޔިތުންގެ ބައިވެރިވުން އިންތިހާއަށް ބޮޑުވެފައި އޮތުމެވެ. ސިފައިންގެ ބޭންޑާއި ލަޝްކަރުތައް މާލޭގެ މަގުތަކުގައި ހިނގަމުން ދިޔައިރު، މަގުގެ ދެފަރާތަށް ޖަމާވެފައި ތިބި އާންމު ރައްޔިތުންނާއި ސިފައިންނާ ދެމެދު އޮތް ގާތްކަން ފާހަގަކުރެވުނެވެ. ވަކިން ހާއްސަކޮށް، ބޭންޑް ކޮންޑަކްޓަރު ކުޑަކުދިންނަށް ދިން ސަމާލުކަމަކީ ގިނަ ބައެއްގެ ހިތްތައް އަތުލި ކަމެކެވެ. ބައެއް ކުޑަކުދިންނަށް ބޭންޑް ކޮންޑަކްޓް ކުރަން ގެންގުޅޭ ސްޓިކް ނުވަތަ ބެޓަން ދީގެން، އެ ކުދިން ބައިވެރިކޮށްގެން ޕެރޭޑް ކުރިއަށް ގެންދިޔަ މަންޒަރަކީ އެއްބައިވަންތަކަމުގެ ނަމޫނާއެކެވެ.
މި އުފާވެރިކަމުގެ ތެރެއަށް އިތުރު ފޯރިއެއް ގެނުވީ، ދާދި ފަހުން ނިމިދިޔަ އަޟްހާ އީދުގައި އެންމެ މަގުބޫލުވި "ވިޔަސް ހެވޭ، ނުވިޔަސް ހެވޭ" މި ލަވައިގެ ރާގު ސިފައިންގެ ބޭންޑުން ކުޅެމުން ދިޔުމެވެ. ބޭންޑްގެ ކޮންޑަކްޓަރު ނަށާލާފައި، މަޖާ މާހައުލެއްގައި ކޮންޑަކްޓް ކުރަމުން ދިޔައިރު، މަގުމަތީގައި ތިބި ތުއްތު ކުދިން އުރާލައިގެން އެ ކުދިންނާއެކު ނަށަމުން ހަރަކާތްތައް ކުރިއަށް ގެންދިޔަ މަންޒަރުތައް މީސްމީޑިއާގައި ވަނީ ވަރަށް ބޮޑަށް ވައިގައި ހިފާފައެވެ. ގިނަ ބަޔަކު ދެކޭގޮތުގައި މިއީ މިނިވަން ދުވަސް ރައްޔިތުންނަށް އީދެއް ފަދައިން އިހުސާސްކޮށްދިން ކަމެކެވެ.
މިނިވަން ދުވަހުގެ ރަސްމީ ކުޅިވަރުތަކާއި ހަވާއެރުވުމުގެ ހަރަކާތްތަކުން ވެސް ފެނިގެންދިޔައީ ރައްޔިތުންނާ ގާތުން ވެރިން މަސައްކަތް ކުރެއްވި މަންޒަރެވެ. ހަވާ އަރުވަމުން ދިޔަ ވަގުތު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަބަލުން މެޑަމް ސާޖިދާ މުހައްމަދު ހުންނެވީ ވަކި ހާއްސަ ވީއައިޕީ ސަރަހައްދެއްގައެއް ނޫނެވެ. އޭގެ ބަދަލުގައި އެމަނިކުފާނު ހަވާ ބެއްލެވީ އާންމު ރައްޔިތުންނާއި ކުޑަކުދިންގެ ތެރޭގައި ހުންނަވައިގެން، އެކުދިންނާއި ވަރަށް ކައިރިންނެވެ. މިއީ ރައްޔިތުންނާ އެކު މިނިވަންކަމުގެ އުފާ ފާޅުކުރުމަށް ރައީސް ދެއްވި ވަރަށް ބޮޑު އަހައްމިއްޔަތެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރެއެވެ.