Ads by Farudhun

ޚަބަރު

އުކުޅަހުގައި 5 ޓަނުގެ އައިސް ޕްލާންޓެއް ތަރައްޤީ ކުރުމަށް ބަޔަކާ ހަވާލުކޮށްފި

އުކުޅަހުގައި 5 ޓަނުގެ އައިސް ޕްލާންޓެއް ތަރައްޤީ ކުރުމަށް ބަޔަކާ ހަވާލުކޮށްފި

އުކުޅަހު އައިސް ޕްލާންޓުގެ މަސައްކަތް ހަވާލުކުރުން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

05 އޯގަސްޓު 2026، 03:45

05 އޯގަސްޓު 2026، 03:45

އއ. އުކުޅަހުގައި 5 ޓަނުގެ އައިސް ޕްލާންޓެއް ތަރައްޤީ ކުރުމުގެ މަސައްކަތް ސަރުކާރުން ބަޔަކާ ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

ރައީސުލްޖުމްހޫރިއްޔާ އުކުޅަހަށް ކުރެއްވި މި ދަތުރުފުޅަކީ "ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންސް" (ސިޑްސް-އެސް.އޭ.އައި) ސިމްޕޯޒިއަމް ނިންމުމަށާއި، "އިންޓޮސާއީ ޑިވެލޮޕްމެންޓް އިނީޝިއޭޓިވް" (އައި.ޑީ.އައި) ގްލޯބަލް ސަމިޓް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.

މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މަސްވެރިކަމާއި، ދަނޑުވެރިކަމާއި، އަދި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ފަރާތުންނެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ޅެހި ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޝްރޫޢަކީ 5 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މަސައްކަތެއް ކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއެވެ.

އުކުޅަހުގައި ގާއިމްކުރާ މި އައިސް ޕްލާންޓަކީ ފަރުމަސްވެރިކަމަށް ހާއްސަކޮށްގެން ރާއްޖޭގައި ތަރައްޤީކުރާ ފުރަތަމަ އައިސް ޕްލާންޓެވެ. މަސްވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި އަހަރުގެ ތެރޭގައި ފަރުމަސްވެރިކަމަށް ހާއްސަ އިތުރު 5 އައިސް ޕްލާންޓެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެޅިގެންދާނެއެވެ.

މަސްވެރިންނަށް ފަސޭހަކަމާއެކު އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެކެވެ. އެގޮތުން، މި އަހަރުގެ ޖޫން މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 5 ރަށެއްގައި އައިސް ޕްލާންޓް ގާއިމްކުރުމުގެ މަޝްރޫޢުތައް މިހާރު ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ގއ. ދެއްވަދޫގައި 25 ޓަނުގެ އައިސް ޕްލާންޓަކާއި، ށ. ފުނަދޫ، މީދޫ، ދ. ބަނޑިދޫ އަދި ގއ. ގެމަނަފުށީގައި ގާއިމްކުރި 30 ޓަނުގެ އައިސް ޕްލާންޓުތައް ހިމެނެއެވެ.

މީގެ އިތުރުން، އިތުރު 15 ރަށެއްގައި އައިސް ޕްލާންޓް ގާއިމްކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރެވެމުންނެވެ. އޭގެ ތެރޭގައި ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން ބ. ކުޑަރިކިލި (5 ޓަނު)، ލ. ހިތަދޫ އަދި ލ. މާވަށުގައި (10 ޓަނު) އައިސް ޕްލާންޓް އެޅުމުގެ މަސައްކަތް ހިމެނެއެވެ. އަދި ގއ. ނިލަންދޫ، ކޮމަންޑޫ، ގއ. ވިލިނގިލި، ގއ. ދާންދޫ، މ. މުލަށް، ދ. ހުޅުދެލި، ހދ. ކުޅުދުއްފުށި، ކ. ގާފަރު، ހއ. ދިއްދޫ، އއ. ރަސްދޫ އަދި ގދ. ރަތަފަންދޫގައި 30 ޓަނުގެ އައިސް ޕްލާންޓްތަކެއް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ސަރުކާރުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މި އަހަރުގެ ނިޔަލަށް މ. ވޭވަށުގައި 60 ޓަނުގެ އައިސް ޕްލާންޓަކާއި، ލ. މާބައިދޫގައި 60 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމްކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ޅ. ނައިފަރުގައި 40 ޓަނުގެ އައިސް ޕްލާންޓެއް ގާއިމްކުރުމުގެ އިތުރުން، ފެލިވަރުގެ 50 ޓަނުގެ ކޯލްޑް ސްޓޯރޭޖް 100 ޓަނަށް އިތުރުކުރުމުގެ މަސައްކަތްވެސް ބާރުމިނުގައި ކުރިއަށްދާ ކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450