ޚަބަރު
ރާއްޖޭގެ އިޖުތިމާއީ ފޭރާން ހަރާބުވީ އިދިކޮޅުން ސިޔާސީ މަންފާ ހޯދުމަށް ހިންގި ހަރަކާތްތަކުން: ރައީސުލްޖުމްހޫރިއްޔާ
އުކުޅަހުގައި ބޭއްވި ޖަގަހަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވުން / ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގެ އިޖުތިމާއީ ފޭރާން ގެއްލި، އެކަކު އަނެކަކަށް ކުރާ އިހުތިރާމް ކުޑަވެގެން ދިޔައީ އިދިކޮޅު ފަރާތްތަކުން ސިޔާސީ މަންފާ ހޯދުމަށްޓަކައި ހިންގި ތަފާތު ހަރަކާތްތަކުގެ ސަބަބުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ބުދަ ދުވަހުގެ ރޭ އއ. އުކުޅަހުގައި ބޭއްވި ޕީއެންސީގެ "ޖަގަހަ ޖަލްސާ" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޖަލްސާގެ ބައިވެރިންނާ މުޚާތަބު ކުރައްވައި ރައީސް ވިދާޅުވީ، މި ސަރުކާރު އައުމުގެ ކުރިން ގައުމުގެ ހުރިހާ ދާއިރާއެއް އޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގައި ކަމަށެވެ. އެގޮތުން އިޖުތިމާއީ ފޭރާމަށް ބަލާލިޔަސް، ދެ މީހުންގެ ދެމެދުގައި އޮންނަންޖެހޭ އިހުތިރާމް ކުރުމުގެ ރީތި އާދަ ވެސް އޮތީ މުޅިން ނެތިގޮސްފައި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިއީ އިދިކޮޅު ފަރާތްތަކުން ސިޔާސީ ގޮތުން މުޅި ގައުމުގެ ކަންކަން ބަދަލުކޮށްލުމުގައި އޭރު ކަން ކުރިގޮތް. މި ގައުމުގައި އޮތް ރީތި އާދަތައް ނެތިކޮށްލީ.
ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މި ސަރުކާރުން މިހާރު ކުރަމުންދާ އެންމެ މުހިންމު އެއް މަސައްކަތަކީ ނެތެމުންދާ އެ އާދަތައް އަލުން އިއާދަކުރުން ކަމަށެވެ.
އަޅުގަނޑުމެން މިދަނީ ރާއްޖޭގެ އިޖުތިމާއީ ފޭރާން އިއާދަކުރުމުގެ މަސައްކަތް ކުރަމުން. އަޅުގަނޑުމެންގެ ތެރޭގައި އިހުތިރާމް އަދާކުރުމާއި، އެކަކު އަނެކަކުގެ އަބުރަށް ރައްކާތެރިވުމާއި، އިންސާނީ ކަރާމާތް ދެމެހެއްޓުމުގައި ހަމަހަމަވުމާއި، މިކަންކަން އިއާދަކޮށްދީ، ދިވެހިންނަކީ މިކަންކަމަށް ލޯބިކުރާ ބައެއްކަން އަލުން ހަނދާންކޮށްދިނުމުގެ މަސައްކަތް ކުރަމުން.
ރައީސް ވިދާޅުވިއެވެ.
އެހެން ސިޔާސީ ފަރާތްތަކުން މަސައްކަތް ކުރަމުން ދަނީ ގައުމު އިސްކޮށްގެން ނޫންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ސަރުކާރުން ރައްޔިތުންނަށް ފައިދާހުރި ރަނގަޅު ކަންކަން ކުރަމުންދާއިރުވެސް، އެ ކަންކަމަށް އިދިކޮޅު ފަރާތްތަކުން އެއްބާރުލުން ނުދޭ ކަމަށެވެ. އަދި ތަހުޒީބު ގައުމުތަކުގައި އިދިކޮޅު ފަރާތްތަކުން އަމަލުކުރާ ގޮތަކީ ގައުމަށް ފައިދާވާ ކަންކަމުގައި ހުރަސް ނޭޅުން ކަމަށާއި، އެފަދަ ގައުމުތަކުގައި ފާޑުކިޔަނީ އެ ކުރާ މަސައްކަތެއް އިތުރަށް ހަރުދަނާކޮށް ތަރައްގީ ކުރާނެ ގޮތްތަކާ މެދުގައި ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ ޒިންމާދާރު އިދިކޮޅު ސިޔާސީ ހަރަކާތް ހިންގާ ގޮތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ، އިދިކޮޅު ފަރާތްތަކުން ރާއްޖޭގައި މަސައްކަތް ކުރަމުންދަނީ ގައުމުގެ ހަމަޖެހުން ނަގާލުމަށް ކަމަށް ވިދާޅުވެ، އެފަދަ ކަންކަމަށް ފުރުސަތު ނުދިނުމަށް ހުރިހާ ރައްޔިތުންނަށް އިލްތިމާސް ކުރައްވަމުންނެވެ.