ޚަބަރު
ރައީސުލްޖުމްހޫރިއްޔާ "ޕީ.ޖީ.އޯ. 2.0" އިފްތިތާޙުކޮށްދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ "ޕީ.ޖީ.އޯ. 2.0" އިފްތިތާޙުކޮށްދެއްވަނީ---
ސަރުކާރުގެ 2.0 ސިޔާސަތުގެ ދަށުން ޕްރޮސެކިއުޓަރ ޖެނަރަލް އޮފީސް (ޕީޖީއޯ)ގެ ޚިދުމަތްތަކާއި މަސައްކަތްތައް ޑިޖިޓަލައިޒްކުރުމަށްޓަކައި، "ޕީ.ޖީ.އޯ. 2.0" މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙުކޮށްދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި މަޝްރޫއު އިފްތިތާޙުކޮށްދެއްވާފައި ވަނީ މިއަދު އެކަމަށް ޓަކައި ބޭއްވި ޙާއްޞަ ރަސްމިއްޔާތުގެ ތެރެއިންނެވެ.
ޕީޖީއޯ 2.0 އަކީ، ޕީޖީ އޮފީހުން ޒަމާނުއްސުރެ ކަރުދާހަށް ބަރޯސާވެފައި އޮތްއޮތުން އުވާލައި، އެއްކޮށް ޑިޖިޓަލް ނިޒާމަކަށް ބަދަލުކުރުމުގެ ގޮތުން ހިންގާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ސަބަބުން އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމަށާއި، ޓެކްނޮލޮޖީގެ އެހީގައި އިދާރީ ހުރަސްތައް ނައްތާލެވި، ޕްރޮސެކިއުޝަންގެ މަސައްކަތް އަވަސްވެ އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ.
އަދި މަޝްރޫއުގެ ދަށުން ލިބިގެންދާ އެންމެ މުހިންމު އެއް ކުރިއެރުމަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ އެހީގައި ޕްރޮސެކިއުޝަންގެ މަސައްކަތްތައް ކުރިއަށްގެންދެވުން ކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ. އެގޮތުން އޭއައިގެ އެހީގައި މައްސަލަތައް ދިރާސާކުރުމުގެ ގާބިލުކަން އެތައް ގުނައެއް އިތުރުވެގެންދާނެ ކަމަށާއި، މައްސަލައާއި ގުޅިގެން ކުރަންޖެހޭ އެންމެހާ އިދާރީކަންކަން ހަލުވިވެގެންދާނެކަން އެ އިދާރާއިން ފާހަގަކުރައްވައެވެ. އެއާއެކު، ގާނޫނީ ލިޔެކިޔުންތައް ތައްޔާރުކުރުމުގައި ޕްރޮސެކިއުޓަރުން ހޭދަކުރާ ވަގުތު ވަރަށް ބޮޑުތަނުން ސަލާމަތްވާނެކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ.
ނަމަވެސް، މިއީ ޕްރޮސެކިއުޝަންގެ މަސައްކަތް މުޅިން ޗެޓު ބޮޓަކާއި ހަވާލުކުރުން ނޫން ކަމަށާއި، އޭއައިގެ ބޭނުން ކުރެވިގެންދާނީ ޒިންމާދާރުކަމާއެކުގައި ކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ. މަސައްކަތުގައި އޭއައި ބޭނުންކުރި ނަމަވެސް އެންމެ ފަހުގެ ނިމްމުން ނިންމާނީ އިންސާނުން ކަމުގެ ޔަގީންކަން އެ އޮފީހުން ދެއްވިއެވެ.
މި ރަސްމިއްޔާތުގައި ހެއްކާ ބެހޭ ޤާނޫނުގެ މައްޗަށް ޕީޖީ އޮފީހުގެ އެކަޑަމީން ޝާޢިއުކޮށްފައިވާ "އެވިޑެންސް އަ ޕްރެކްޓިޝަނަރ ގައިޑް" ފޮތް، އުއްތަމަ ފަނޑިޔާރު އަބްދުއްޣަނީ މުހައްމަދު ވަނީ އިފްތިތާޙުކޮށްދެއްވާފައެވެ. އަދ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ޕީޖީ އޮފީހުގެ ވާޗުއަލް ދޮރޯށި އިފްތިތާހުކޮށްދެއްވިއިރު، ބަންޑާރަ ނައިބް އަޙްމަދު އުޝާމް ވަނީ "ލެތުން"ގެ ނަމުގައި ޕީޖީ އޮފީހުން ނެރުއްވި މޯބައިލް އެޕްލިކޭޝަން އިފްތިތާޙުކޮށްދެއްވާފައެވެ.