Ads by Farudhun

ޚަބަރު

ޢަރަބިއްޔާ ސްކޫލުގެ އާ ޢިމާރާތުގެ މަސައްކަތް ކުރިއަށްދާގޮތް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވައިފި

ޢަރަބިއްޔާ ސްކޫލުގެ އާ ޢިމާރާތުގެ މަސައްކަތް ކުރިއަށްދާގޮތް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވައިފި

ރައީސް ޑރ މުޢިއްޒު ޢަރަބިއްޔާގެ އައު އިމާރާތުގެ މަސައްކަތް ބައްލަވައިލެއްވުން

farudhun logo

ފަރުދުން

12 އޯގަސްޓު 2026، 11:26

12 އޯގަސްޓު 2026، 11:26

ސަރުކާރުގެ ޚަރަދުގައި ބިނާކުރާ އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ އާ ޢިމާރާތުގެ މަސައްކަތް ކުރިޔަށް ގޮސްފައިވާ މިންވަރު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ބައްލަވާލައްވައިފިއެވެ.

މިހާރު ޢިމާރާތް ކުރެވެމުންދާ އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ އާ ޢިމާރާތުގެ މަސައްކަތަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން 12 ނޮވެމްބަރ 2024 ގައި އާރް.ސީ.ސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

ޢަރަބިއްޔާ ސްކޫލުގެ އާ ޢިމާރާތުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެސަރަހައްދަށް ވަޑައިގަތުމުން މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑޮކްޓަރ އިސްމާޢީލް ޝަފީޢުގެ އިތުރުން އާރް.ސީ.ސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ރަޝީދެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރަތުގައި، ޢަރަބިއްޔާ ސްކޫލުގެ ބައެއް ދަރިވަރުންގެ އިތުރުން މަތީ ތަޢުލީމު ހާސިލްކުރުމަށް އެދިއެދި ތިބި ބައެއް ދަރިވަރުން ވަނީ އެމަނިކުފާނާ ބައްދަލުކުރައްވާ، އެދަރިވަރުންގެ ޝުއޫރުތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެދަރިވަރުންގެ ޝުއޫރުތައް އަޑުއެއްސެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ދަރިވަރުން ހިއްސާކުރެއްވި ކަންކަމުގައި ސަރުކާރުން ވެދެއްވެންހުރި އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަންދެއްވައި، ސަރުކާރުން މަތީ ތަޢުލީމަށް ދެއްވާ ޚާއްސަ އިސްކަން ފާހަގަކުރައްވާފައެވެ.

ޢަރަބިއްޔާ ސްކޫލުގެ އާ ޢިމާރާތުގެ މަސައްކަތް 31 ޑިސެމްބަރ 2026 ގެ ނިޔަލަށް ނިންމާ، އަންނަ 2027 ވަނަ އަހަރުގެ ދިރާސީ އާ އަހަރުގައި ކިޔަވައިދޭން ފެއްޓުމަށް ވަނީ ހަމަޖެހިފައެވެ. 8 ފަންގިފިލާއަށް ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ މި ސްކޫލުގެ ކްލާސްރޫމްތަކާއެކު ކިޔަވައިދިނުމަށް ބޭނުންވާ ޒަމާނީ އިތުރު ވަސީލަތްތައް ގާއިމުކުރެވޭނެއެވެ.

ޢަރަބިއްޔާ ސްކޫލް ޒަމާނީކޮށް، ފުޅާ ދާއިރާއެއްގައި ޢަރަބި ބަހުން ތަޢުލީމު ދެވޭ މަރުކަޒަކަށް އެ ސްކޫލް ހެދުމާއެކު، މާލެއިން އެކަށޭނަ ބޮޑު ބިމެއްގައި، ޖާގައިގެ ގޮތުން ތަނަވަސް، ޒަމާނީ އާ އިމާރާތެއް ބިނާކޮށް، އެތަނަށް ޢަރަބިއްޔާ ސްކޫލް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅެކެވެ. އެގޮތުން މި ސްކޫލްގެ މަސައްކަތް ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި، ރަނގަޅު ފެންވަރުގައި ކުރިއަށްގެންގޮސް ނިންމާ، ހުޅުވައި، ކިޔަވައިދޭން ފެއްޓުމަށް ކުރެވޭ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޚާއްސަ އަހަންމިއްޔަތެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަސައްކަތެކެވެ.

ޢަރަބިއްޔާ ސްކޫލްގެ އިމާރާތް ޒަމާނީ ފެންވަރަށް އަޅައި މަސައްކަތް އަވަސްކުރުމަށް މިސަރުކާރުން އިސްކަމެއްދީ މަސައްކަތްކުރަމުންދާއިރު މީގެކުރިން އަރަބިއްޔާގެ ދަރިވަރުން ތަޖުރިބާ ކޮށްފައިވަނީ އަދި ކުރަމުންދަނީ ދަތިދުވަސްތަކެއްކަން ފާހަގަކޮށްލަން ޖެހެއެވެ. އެގޮތުން 2010 ވަނަ އަހަރު އެސްކޫލްގެ ޢިމާރާތް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެ ދަރިވަރުންނަށް ރައްކާތެރިކަން ނޫން ތަނަކަށް ވެ އިމާރާތުން ނުކުތް ފަހުން އެސްކޫލްގެ ދަރިވަރުން ކިޔަވަމުންދަނީ އެކި ފަހަރު އެކި އިމާރާތްތަކުގައެވެ.

އޭރު އޮތް އެމްޑީޕީގެ ސަރުކާރުން ވަނީ ޢަރަބިއްޔާ ދަރިވަރުންގެ ހައްޤުތައް ހޯދުމަށް އަޑުއުފުލި އެސްކޫލްގެ ބެލެނިވެރިންނާއި ދޭތެރޭ ވަރަށް އިހާނެތިކޮށް ކަންތައްކޮށްފައެވެ. 

ރައީސް ޑރ މުޙައްމަދު ވަޙީދުގެ ވެރިކަމުގައި ޢަރަބިއްޔާގެ އާ އިމާރާތެއް ޗާންދަނީ މަގުގައި ހުޅުވި އެއިމާރާތުގަައި ކިޔަވަންފެށުނުތާ 7 އަހަރުތެރޭ ޢިމާރާތް އަނެއްކާވެސް ވަނީ ހަލާކުވެފައެވެ. އެކަމުގެ ސަބަބުން ޢަރަބިއްޔާގެ ދަރިވަރުން އަނެއްކާވެސް މަގުމަތިވެ އެހެން ވަގުތީ އިމާރާތަކަށް ބަދަލުކުރެވުނުވެ. މިވަގުތު ޢަރަބިއްޔާގެ ދަރިވަރުން ކިޔަވަމުންދަނީ ކުރިން ދަރުމަވަންތަ ސްކޫލްގެ ދަރިވަރުން ކިޔަވަން ބޭނުންކުރި ވަގުތީ އިމާރާތުގައެވެ.

އެހެން ސަރުކާރުތަކާއި ޚިލާފަށް މިސަރުކާރުން ޢަރަބިއްޔާ ސްކޫލްގެ މައްސަލައަށް ޚާއްސަ ސަމާލުކަމެއް އަންނަނީ ދެމުންނެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450