ޚަބަރު
"ރައްޔިތުންގެ އަޑު" ގެ ސިލްސިލާ ބައްދަލުކުރެއްވުންތައް ރައީސުލްޖުމްހޫރިއްޔާ ފައްޓަވައިފި
ރައީސުލްޖުމްހޫރިއްޔާ ފެއްޓެވި "ރައްޔިތުންގެ އަޑު" ސިލްސިލާ ބައްދަލުވުން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރައްޔިތުންގެ ޝަކުވާތަކާއި އިހުސާސްތައް ސީދާ އެމަނިކުފާނަށް ހުށަހެޅުމުގެ ފުރުޞަތު ފަހިކޮށްދެއްވުމުގެ ގޮތުން "ރައްޔިތުންގެ އަޑު" ނަމުގައި ސިލްސިލާ ބައްދަލުކުރެއްވުންތަކެއް ފަށްޓަވައިފިއެވެ.
މި ޕްރޮގްރާމުގެ ފުރަތަމަ އެޕިސޯޑް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ރޭ ވަނީ މީސް މީޑިއާގެ މަންސަތަކާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) މެދުވެރިކޮށް އާންމުކޮށްފައެވެ. މި ބައްދަލުވުންތަކަކީ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް ވީހާވެސް ފުޅާ ދާއިރާއެއްގައި އެ ފުރުޞަތު ދެއްވުމަށް ފެއްޓެވި މަސައްކަތެކެވެ.
މި ބައްދަލުވުންތަކުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނާ ބައްދަލުކުރެއްވުމަށް މިހާތަނަށް ނަން ނޯޓުކުރެއްވި ފަރާތްތަކާ ވަކިވަކިން ބައްދަލުކުރައްވާފައެވެ. އަދި ރައްޔިތުން ހުށަހެޅި އެކިއެކި ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައި، ސަރުކާރުގެ ފަރާތުން ވެދެއްވެން ހުރި އެހީތެރިކަމަކީ ކޮބައިތޯ ބައްލަވައި، އެ ކަންކަމަށް މަގުފަހިކޮށްދިނުމަށް އެމަނިކުފާނު ވަނީ މަސައްކަތްކޮށްދެއްވާފައެވެ.
ރާއްޖޭގެ އިންތިޚާބީ 93 ދާއިރާއަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ސިލްސިލާގެ ފުރަތަމަ ބުރުގައި ފުރުޞަތު ދީފައިވަނީ ހުޅުމާލެ އުތުރު ދާއިރާ، ހުޅުދޫ ދާއިރާ، ހޯރަފުށި ދާއިރާ، އަދި ހުޅުމާލެ މެދު ދާއިރާގެ ރައްޔިތުންނަށެވެ. ދެވަނަ ބުރުގައި މާފަންނު ދެކުނު ދާއިރާ، އުނގޫފާރު ދާއިރާ، ކެލާ ދާއިރާ، އަދި ފުވައްމުލަކު ދެކުނު ދާއިރާގެ ރައްޔިތުންނަށް ފުރުޞަތު ހުޅުވާލެއްވިއިރު، މިހާރު ވަނީ ތިންވަނަ ބުރުގެ ފުރުޞަތުވެސް ހުޅުވާލައްވާފައެވެ.
ތިންވަނަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު ދީފައިވާ ދާއިރާތަކަކީ:
- އިހަވަންދޫ ދާއިރާ
- ނައިފަރު ދާއިރާ
- ފޮނަދޫ ދާއިރާ
- މީދޫ ދާއިރާ
- ވިލިމާލެ ދާއިރާ
- މައްޗަންގޮޅި ދެކުނު ދާއިރާ
- މާމިގިލި ދާއިރާ
- ތިނަދޫ އުތުރު ދާއިރާ
މިފަދަ ޕްރޮގްރާމެއް ފަށްޓަވާނެކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވީ ނިމިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހުއެވެ. އެމަނިކުފާނުގެ މައިގަނޑު މަޤުޞަދަކީ މިހާރަށްވުރެވެސް ބޮޑަށް، ސީދާ ރައްޔިތުންނާ ބައްދަލުކުރައްވައިގެން ރައްޔިތުންގެ ޝަކުވާތަކާއި ބޭނުންތައް ގާތުން އަޑުއެއްސެވުމެވެ.