ޚަބަރު
މޯލްޑިވްސް ޕްރިމިއަރ ބޭންކު ރަސްމީކޮށް އިފްތިތާހުކޮށްފި
މޯލްޑިވްސް ޕްރިމިއަރ ބޭންކު ރަސްމީކޮށް އިފްތިތާހުކުރައްވަނީ---
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު، މޯލްޑިވްސް ޕްރިމިއަރ ބޭންކު (އެމްޕީބީ) ރަސްމީކޮށް އިފްތިތާހުކޮށްދެއްވައިފިއެވެ.
އެމަނިކުފާނު ބޭންކު ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ 17 އޮގަސްޓް 2026 ވަނަ ދުވަހުގެ ރޭ، ބާސެލޯ ނަސަންދުރައިގައި އެކަމަށް ޓަކައި ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިންނެވެ. މި ބެންކުގެ އިތުރަށް، ބެންކުގެ މޮބައިލް އެޕްލިކޭޝަން " އެމްޕީބީ ޕްލަސް" އާއި، އިންޓަނެޓް ބޭންކިން ޕޯޓަލް ވެސް އެމަނިކުފާނު ވަނީ އިފުތިތާހުކޮށްދެއްވާފައެވެ.
މި ރަސްމިއްޔާތުގައި މޯލްޑިވްސް ޕްރިމިއަރ ބޭންކުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ފިލައެއް އަރުވާފައެވެ. އެ ހަނދާނީ ފިލާ އެމަނިކުފާނާއި ހަވާލުކޮށްދެއްވީ، މޯލްޑިވްސް ޕްރިމިއަރ ބޭންކުގެ ޝެއަރ ހޯލްޑަރ އަދި ފައުންޑަރ، މުޙައްމަދު ޢަލީ ޖަނާޙްއެވެ.
އެމްޕީބީއަކީ ރާއްޖޭގައި ލައިސަންސް ލިބި، ރަސްމީކޮށް ހިދުމަތްދޭން ފަށާފައިވާ 9 ވަނަ ކޮމާޝަލް ބޭންކެވެ. އަދި އެއީ، ޓިއަރ 1 ފެންވަރުގެ، ސައްތައިން ސައްތަ ދިވެހި ބޭންކެކެވެ. ބޭންކުގެ ޚިދުމަތް ރަސްމީކޮށް ފަށާފައިވާއިރު މިހާރު ވަނީ އެ ބޭންކުގެ ފުރަތަމަ ބްރާންޗު ވެސް ހުޅުވާފައެވެ.
އެ ބޭންކުގެ މައިގަނޑު މަގްސަދަކީ، ދިވެހި މާލީ ވެއްޓަށް އަހުލުވެރި، ޒަމާނީ، އިތުބާރު ހުރި މާލީ ޚިދުމަތްތަކެއް މެދުވެރިކޮށް، ވަކި ވަކި ފަރުދުންނާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި ބޮޑެތި ކޯޕަރޭޝަންތަކަށް، ރާއްޖެ އާއި ބައިނަލްއަޤުވާމީ މައިދާނުން ފަހި ފުރުޞަތުތައް ހޯދައިދިނުން ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.
އެމް.ޕީ.ބީގެ ޚިދުމަތްތައް ފަރުމާކުރެވިފައިވަނީ، ޑިޖިޓަލް މަންސައެއްގައި، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް ބިނާކޮށް، ބައިނަލްއަޤުވާމީ ގުޅުންތައް ކަށަވަރުކޮށްދީގެން، ހަރުދަނާ ހިންގުމުގެ އޮނިގަނޑެއްގެ ތެރެއިން، ކަސްޓަމަރުންނަށް އިސްކަންދީގެން ހިދުމަތްދިނުމަށް ކަމުގައި އެ ބޭންކުން ހާމަކުރައްވައެވެ.
މޯލްޑިވްސް ޕްރިމިއަރ ބޭންކުގެ ހިދުމަތް ފަށާފައިވާއިރު، އެ ބޭންކުން އާންމު ފަރުދުންނާއި، ވިޔަފާރިތަކާއި، ކުންފުނިތަކަށް ބޭނުންވާ ބޭންކިން ހިދުމަތްތައް ފޯރުކޮށްދޭނެއެވެ.