ޚަބަރު
މެލޭޝިއާގެ މިނިވަންދުވަހުގެ ތަހުނިޔާ ރައީސް މުއިއްޒު ފޮނުއްވައިފި
ރައީސުލްޖުމްހޫރިއްޔާ މެލޭޝިއާއަށް ކުރެއްވެވި ދަތުރުފުޅުގެ ތެރެއިން މެލޭޝިއާގެ ބޮޑު ވަޒީރާ ބައްދަލުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް
މެލޭޝިއާގެ މިނިވަންދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރަސްގެފާނު ސުލްޠާން އިބްރާހީމާއި، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ އިތުރުން މެލޭޝިއާގެ އަޚުވަންތަ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.
މެލޭޝިއާގެ މިނިވަންކަމަށް 69 އަހަރު ފުރުމުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އެ ޤައުމުގެ ރަސްގެފާނު ސުލްޠާން އިބްރާހީމާއި، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ އިތުރުން މެލޭޝިއާގެ ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެފައެވެ.
ރައީސް މުއިއްޒުގެ މެސެޖުގައި ރާއްޖެއާއި މެލޭޝިއާ ގުޅިފައި ވަނީ ދެ ޤައުމުން ވެސް ޤަބޫލުކުރާ އެއްގޮތް ސިފަތަކާއި، ދެ ޤައުމުގެ ދެމެދުގައިވާ އިޙްތިރާމުގެ ސަބަބުން ކަމަށް ވިދާޅުވެފައެވެ. އަދި އަހަރުތަކަކަށް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި، ދެ ޤައުމުގެ މެދުގައި އޮތް ތާރީޚީ އެކުވެރިކަމުގެ ސަބަބުން އެންމެ މަތީ ފަންތީގެ މަސައްކަތްތަކުގައާއި ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި ވަނީ ނުހަނު ބަދަހި ގުޅުމެއް ޤާއިމުވެފައެވެ.
މީގެއިތުރުން، އަންނަން އޮތް ދުވަސްތަކުގައި މި ގުޅުން އިހުނަށްވުރެ ވަރުގަދަ ކުރުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ވެސް އެމަނިކުފާނު ވަނީ އަރުވާފައެވެ.
It gives me great pleasure to extend Independence Day greetings from the Government and the people of the Maldives to His Majesty Sultan Ibrahim, His Excellency Prime Minister @anwaribrahim, and the brotherly people of Malaysia.
— Dr Mohamed Muizzu (@MMuizzu) August 31, 2026
The Maldives and Malaysia are bound by shared… pic.twitter.com/ds7to270BL
މެލޭޝިއާގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް އޮގަސްޓްމަހުގެ 31 ވަނަ ދުވަހެވެ. އިނގިރޭސިންގެ އިސްތިއުމާރީ ވެރިކަމުން އެ ގައުމު މިނިވަންވެފައި ވަނީ 1957 ވަނަ އަހަރުއެވެ.
ދިވެހިރާއްޖެއިން މެލޭޝިއާއާއެކު ރަސްމީކޮށް ޚާރިޖީ ގުޅުން ޤާއިމުކުރީ 1968 ވަނަ އަހަރުގައެވެ. މެލޭޝިއާއަކީ ދިވެހި ދަރިވަރުން މަތީ ތަޢުލީމު ހާސިލުކުރުމަށް އެންމެ ގިނައިން ދަތުރުކުރާ އެއް ގައުމެވެ. އަދި އެއީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ ޤައުމެކެވެ.