ޚަބަރު
އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ޖަމީލާ ޢައްޔަންކުރައްވައިފި
ޖަމީލާ ސަފީރު ކަމަށް އައްޔަނުކުރެއްވުން. ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، ހ.ވައިޓްޑައިމަންޑް، އަލްފާޟިލާ ޖަމީލާ ޢަލީ ޚާލިދު ޢައްޔަންކުރައްވައިފިއެވެ.
ޖަމީލާ މި މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނުގައި ވާގޮތުގެ މަތިން، އެކި ޤައުމުތަކަށް ކަނޑައަޅާ ސަފީރުންނާއި ނޮން-ރެޒިޑެންޓް ސަފީރުން ޢައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަންޖެހޭތީ، ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހުގެ ތާޢީދާއެކު އިނގިރޭސިވިލާތުގައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ޖަމީލާ ހަމަޖައްސަވާފައެވެ.
އޭނާ އެ މަޤާމަށް ޢައްޔަންކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މައްސަލަ މަޖިލީހުން ބެލުމަށްފަހު، އެ ދުވަހުގެ ޖަލްސާއަށް ވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާޤުން ވަނީ އެ ނިންމުމަށް ފާސްކޮށް ރުހުން ދީފައެވެ.
ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އަދި ޚާރިޖީ ވުޒާރާގެ އެމްބެސެޑާ އެޓް-ލާޖުގެ މަގާމު ވެސް އަދާކުރެއްވި ޖަމީލާ ވަނީ މީގެކުރިން ވެސް ޚާރިޖީ ދާއިރާގެ އިސް މަގާމުތަކެއް ފުރުއްވާފައެވެ. އެގޮތުން، 2017 އިން 2019 އަށް ޖަރުމަނުވިލާތުގައި ހުންނަވާ ދިވެހިރާއްޖޭގެ ފުރަތަމަ ސަފީރުގެ މަގާމު އޭނާ ވަނީ އަދާކުރައްވާފައެވެ. މީގެ އިތުރުން ސިވިލް ސާވިސް ކޮމިޝަނުގެ ނައިބު ރައީސްކަން ވެސް ޖަމީލާ ވަނީ ކުރައްވާފައެވެ.
އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމު ހުސްވެފައިވަނީ، ކުރިން އެ މަގާމުގައި ހުންނެވި އިރުތިޝާމް އާދަމް، މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ފޮރިން މިނިސްޓަރުގެ މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ.