ޚަބަރު
ރައީސް ޑރ. މުޢިއްޒުގެ ހަލުވި ދުވެލީގައި ތަރައްޤީކުރި ވިލިމާލެ ބްރިޖު މަތިން ފުރަތަމަ ފަހަރަށް ހިންގަވައި ވިލިމާލެއަށް ވަޑައިގެންފި
ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިލިމާލެއަށް ވަޑައިގަތުން - ފޮޓޯ: ޕީއެސްއެމް
މާލެ އާއި ވިލިމާލެ ގުޅުވާލަދޭ ބްރިޖުގެ މަސައްކަތް ނިންމުމުގެ ފަހު މަރުހަލާތައް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ހަވީރު ބްރިޖު މަތިން ފައިމަގުގައި ހިންގަވާފައި ވިލިމާލެއަށް ވަޑައިގެންފިއެވެ.
މާލޭގެ އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދުން ފެށިގެން ވިލިމާލެއާ ހަމައަށް ރައީސް ކުރެއްވި މި ދަތުރުފުޅުގައި ގާތްގަނޑަކަށް ހޭދަވީ 25 މިނެޓެވެ. މި ހިނގާލުމުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ސުބްރަމާނިއަމް އާއި ސަރުކާރުގެ ކަމާބެހޭ އިސްވެރިންގެ އިތުރުން ގިނަ އަދަދެއްގެ ނޫސްވެރިން ބައިވެރިވިއެވެ. މިއީ މާލެ-ވިލިމާލެ ބްރިޖުގެ ހުރިހާ ތަނބުތަކެއްގެ މަސައްކަތް ނިންމައި، 630 ޕްރީކާސްޓް ސެގްމަންޓް ގުޅުވާލުމަށްފަހު ފައިމަގުގައި ބްރިޖު ހުރަސްކުރި ފުރަތަމަ ފަހަރެވެ. ރައީސް ޑރ. މުޢިއްޒު ވިލިމާލެއަށް ފައިބައިވަޑައިގަތުމުން އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ނުހަނު ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި ތާރީޚަކަށްފަހު ތާރީޚެއް ދީ، ނުނިމި ދިގުލައިގެން ގޮސްފައި އޮތް މި ބްރިޖުގެ މަސައްކަތް، ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު އޮތީ އެންމެ 27 އިންސައްތައިގައެވެ. އިބުރާހިމް މުހައްމަދުގެ ސަރުކާރުގެ އެންމެ ފަހު ދުވަސްވަރު ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރަން ޖެހުނު މި ބިޔަ މަޝްރޫޢަށް އާ ދިރުމެއް ލިބިގެންދިޔައީ ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން، އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައި، މަޝްރޫޢުގެ ދުވެލި އަވަސްކުރުމަށް އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުންނެވެ. އަދި ވިލިމާލޭގެ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދެއްވުމަށްޓަކައި އެމަނިކުފާނު ވަނީ މި މަސައްކަތްތައް ވަރަށް ގާތުން ބައްލަވައި، އަވަސް ސްޕީޑެއްގައި ނިންމުމަށް މަގުފަހިކޮށްދެއްވާފައެވެ.
ބްރިޖުގެ މަސައްކަތްތައް ބައްލަވާލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، މަސައްކަތް މިހާރު ކުރިއަށްދާ ހަލުވި ސްޕީޑުގައި ކުރިއަށް ގޮސް، ގިނަވެގެން އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަފުށްޓާ ހަމައަށް މުޅި މަޝްރޫޢު އެއްކޮށް ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި މި މަޝްރޫޢަކީ މުޅި ގްރޭޓާ މާލެ ސަރަހައްދުގެ ތަރައްޤީއަށް އަންނާނެ ވަރަށް ބޮޑު އިންޤިލާބީ ބަދަލެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މި މަޝްރޫޢަށް އިންޑިއާ ސަރުކާރުން ދެއްވާ އެއްބާރުލުމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާއި، އިންޑިއާ ސަފީރަށް އަދި ކޮންޓްރެކްޓަރު އެފްކޮންސް ކުންފުންޏަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ. އިންޑިއާގެ ސަފީރު ޖީ. ސުބްރަމާނިއަމް ވިދާޅުވީ، ރައީސް ޑރ. މުޢިއްޒުއާ އެކު މި ބްރިޖުގައި ހިނގާލުމުގެ ފުރުސަތު ލިބުމަކީ ލިބުނު ބޮޑު ޝަރަފެއް ކަމަށާއި، ދިވެހި ސަރުކާރާ ގުޅިގެން މި މަސައްކަތް ވަރަށް ގާތުން ކާމިޔާބުކަމާއެކު ކުރިއަށް ގެންދާ ކަމަށެވެ.
މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވައިދޭ 6.7 ކިލޯމީޓަރުގެ މި ބްރިޖަކީ އިންޑިއާގެ 400 މިލިއަން ޑޮލަރުގެ ލޯނާއި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ ހިމެނޭހެން ޖުމްލަ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ ބިޔަ މަޝްރޫޢެކެވެ. މާލެ އާއި ވިލިމާލެއާ ދެމެދު ސެގްމަންޓްތައް މިހާރު ގުޅުވާލެވިފައިވާއިރު، މިހާރު ކުރިއަށްދަނީ ރެއިލިންގ ހަރުކުރުމާއި، މަގުތައް ހެދުމުގެ އެންމެ ފަހުގެ މަސައްކަތްތަކެވެ. މި ބްރިޖު އާންމު ދަތުރުފަތުރަށް ހުޅުވާލުމުން އެއްގަމު އުޅަނދުތަކުގައި އެންމެ 3 ނުވަތަ 4 މިނެޓު ތެރޭގައި މާލެއިން ވިލިމާލެއަށް ދަތުރުކުރެވޭނެއެވެ.