ޚަބަރު
ރިސޯޓްތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ މާރުކުރާ ބިލް ރައީސް ތަސްްދީގުކުރައްވައިފި
ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް ދިވެހި ރުފިޔާއަށް މާރުކުރުން މަޖުބޫރުކުރުމަށާއި، ކަޅުބާޒާރުގައި ޑޮލަރު މުއާމަލާތްކުރުން ހުއްޓުވުމަށް ހަރުކަށި ފިޔަވަޅުތަކެއް އެކުލެވޭ ގޮތަށް ފާސްކުރި ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން މި ބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 45 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި މި ބިލުގައި ފުރަތަމަ އޮތީ ރިސޯޓުތަކަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން އޮތް އޮތުން އުވާލައި، ރިސޯޓުގެ އާމްދަނީގެ 20 އިންސައްތަ މާރުކުރަން ޖެހޭ ގޮތަށެވެ. ނަމަވެސް، ކޮމިޓީ މަރހަަލާ ނިންމައި ތަޅުމަށް ފޮނުވުމަށްފަހު، އަލުން ކޮމިޓީއަށް ފޮނުވައިގެން ގެނައި ބަދަލުތަކާއެކު، މާރުކުރަންޖެހޭ ނިސްބަތް ވަނީ 40 އިންސައްތައަށް މަތިކޮށް، ކޮންމެ މަހަކު އެއްފަހަރު އެ މިންވަރު މާރުކުރުން މަޖުބޫރުވާ ގޮތަށް ފާސްކޮށްފައެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައިވަނީ، މި ނިސްބަތް 40 އިންސައްތައަށް އިތުރުކުރުމަކީ ރާއްޖޭގެ އިޤްތިސާދަށާއި، ބޭރު ފައިސާއިން ދޫކުރާ ޓީޓީ ތަކަށް ބޭނުންވާ ފައިސާގެ މިންވަރު އިތުރުކުރުމަށްޓަކައި ކޮންމެހެން އަޅަންޖެހޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.
މިއަދު ތަސްދީގުކުރެވުނު މި ގާނޫނުގެ ދަށުން، މަރުކަޒީ ބޭންކުން ކަނޑައަޅާފައިވާ ރަސްމީ ރޭޓަށްވުރެ ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކުމާއި، ކަޅުބާޒާރުގެ ރޭޓުތައް ސޯޝަލް މީޑިއާ އަދި ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް އިޝްތިހާރުކުރުމާއި، ޝާއިއުކުރުމާއި ފެތުރުމަކީ މަނާ ކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.
މި ގާނޫނާ ޚިލާފުވާ ފަރާތްތަކަށް ކަނޑައަޅާފައިވާ ހަރުކަށި އަދަބުތަކުގެ ތެރޭގައި ހިމެނެނީ:
- އަމިއްލަ ފަރުދުން ކަނޑައެޅިފައިވާ ރޭޓަށްވުރެ ބޮޑުކޮށް ފައިސާ ވިއްކުން ނުވަތަ ވިއްކަން އުޅުން: 25,000 ރުފިޔާއާއި 1,000,000 (އެއް މިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.
- ސޯޝަލް މީޑިއާ ނުވަތަ ޑިޖިޓަލް ވަސީލަތްތަކުގައި ބޮޑު އަގުގައި ޑޮލަރު ވިއްކަން އިޝްތިހާރުކުރުން ނުވަތަ ރޭޓުތައް އާންމުކުރުން: އާންމު ފަރުދެއް ނަމަ 25,000 ރުފިޔާއާއި 500,000 (ފަސް ލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.
- ކުންފުނިތަކާއި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކުން މިފަދަ ޢަމަލެއް ހިންގުން ނުވަތަ މައުލޫމާތު ފެތުރުން: 100,000 (އެއް ލައްކަ) ރުފިޔާއާއި 5,000,000 (ފަސް މިލިއަން) ރުފިޔާއާ ދެމެދުގެ ބޮޑު އަދަދަކުން ޖޫރިމަނާކުރުން.
މީގެއިތުރުން، މި ގާނޫނުގެ ދަށުން އެޅޭ އިދާރީ ފިޔަވަޅުތަކުގެ އިތުރަށް، މަނާކޮށްފައިވާ ކަމެއް ކުރުމުގައި ޖިނާއީ އަމަލެއް ހިމެނޭނަމަ ނުވަތަ އެހެން ގާނޫނެއްގައި އެއީ ޖިނާއީ ކުށެއް ކަމަށް ބަޔާންކޮށްފައިވާނަމަ، ދިވެހިރާއްޖޭގެ ޤާނޫނުލްއުގޫބާތުގެ ދަށުން ޖިނާއީ ދަޢުވާ އުފުލުމުގެ އިޚްތިޔާރު ވެސް ލިބިގެންވާ ކަމަށް ބަޔާންކޮށްފައިވެއެވެ.
މި އިޞްލާޙަށް ޢަމަލުކުރަން ފަށާނީ 1 ސެޕްޓެންބަރު 2026 އިން ފެށިގެންނެވެ