ޚަބަރު
ގަވާއިދާ ޚިލާފަށް މަގު ހުރަސްކުރުމާއި އިންޝުއަރެންސް ނެތި ދުއްވުން މަނާކުރާ ބިލް ތަސްދީގުކުރައްވައިފި
ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް
ދިވެހިރާއްޖޭގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަޤްސަދުގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި "އެއްގަމު ދަތުރުފަތުރުގެ ބިލު" ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިިއްޒު މިއަދު ތަސްދީޤުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ޤާނޫނު ތަސްދީޤުކުރެއްވުމާ ގުޅިގެން، މިއަދުން ފެށިގެން 30 ދުވަސް ހަމަވާ ތާރީޚުން ފެށިގެން މި ޤާނޫނަށް އަމަލުކުރަން ފަށާނެއެވެ.
ސަރުކާރުގެ ފަރާތުން ކުރެންދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާމިން ހަބީބް މަޖިލީހަށް ހުށަހެޅުއްވި މި ބިލު ފާސްކޮށްފައިވަނީ މަޖިލީހުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 47 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ބިލާ ދެކޮޅަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ.
މި ޤާނޫނުގެ ދަށުން ހިނގާބިނގާވެ އުޅޭ ފަރާތްތަކުން މަގު ބޭނުންކުރުމުގައި ޢަމަލުކުރަންޖެހޭ ޚާއްސަ އުސޫލުތަކާއި މިންގަނޑުތައް ޓްރާންސްޕޯޓް މިނިސްޓްރީން އެކުލަވައިލާ ގަވާއިދުގައި ކަނޑައަޅަންޖެހެއެވެ. އެގޮތުން ދުވާރު ބޭނުންކުރުމާއި، ދުވާރު ނޫން ސަރަހައްދުތައް ބޭނުންކުރެވޭނެ ހާލަތްތަކާއި، މަގު ހުރަސްކުރުމުގެ އުސޫލުތައް ހިމެނެއެވެ. މި އުސޫލުތަކާ ޚިލާފަށް ގަވާއިދާ ޚިލާފަށް މަގު ހުރަސްކުރާ ފަރާތްތައް 100 ރުފިޔާއިން ޖޫރިމަނާކުރުމަށް ޤާނޫނުގައި ވަނީ ކަނޑައަޅައިފައެވެ.
މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހަރުކަށި އެތައް ފިޔަވަޅުތަކެއް މި ޤާނޫނުގައި ހިމަނާފައިވެއެވެ. އޭގެ ތެރޭގައި:
- ނުރައްކާތެރިކޮށް ދުއްވުން: ފަރުވާކުޑަކޮށް ނުވަތަ ނުރައްކާތެރިކޮށް އުޅަނދު ދުއްވައިފިނަމަ 25،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. އަދި މީހަކަށް އަނިޔާއެއް ލިބިއްޖެނަމަ 100،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް ޖިނާއީ ދަޢުވާ އުފުލޭނެއެވެ.
- އުޅަނދުގެ ކޮންޓްރޯލް ދިނުން: ކުޑަކުދިންނަށާއި، ލައިސަންސް ނެތް މީހުންނަށް ނުވަތަ ފަސިންޖަރުންނަށް އުޅަނދުގެ ކޮންޓްރޯލް ދީފިނަމަ 25،000 ރުފިޔާއާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. މީހަކަށް އަނިޔާއެއް ވެއްޖެނަމަ ޖޫރިމަނާ 100،000 ރުފިޔާއަށް ބޮޑުވާނެ ކަމަށާއި، މީހަކު މަރުވެއްޖެނަމަ ޖިނާއީ ދަޢުވާ ކުރުމުގެ އިތުރުން ލައިސަންސް ބާތިލުކުރެވޭނެއެވެ.
- އިންޝުއަރެންސް ނެތި ދުއްވުން: އިންޝުއާނުކޮށް އުޅަނދު ދުއްވުން މަނާކޮށް، ދުއްވި މީހާ 1،000 ރުފިޔާއިން ފެށިގެން (ތަކުރާރުވާ ނިސްބަތުން އިތުރުވާގޮތަށް) ޖޫރިމަނާކޮށް ޑީމެރިޓް ޕޮއިންޓް ކަނޑައެޅޭނެއެވެ. އަދި އުޅަނދުގެ ވެރިފަރާތް 3،000 ރުފިޔާއިން ފެށިގެން ތަކުރާރުވާ ނިސްބަތުން ޖޫރިމަނާ ކުރެވޭނެއެވެ.
- ޕާކިންގ ޖޫރިމަނާ އަދި އުޅަނދު ނައްތާލުން: ގަވާއިދާ ޚިލާފަށް ޕާކުކޮށްގެން އަރާފައިވާ ޖޫރިމަނާ 5،000 ރުފިޔާއަށް ވުރެ އިތުރުވާނަމަ، ފައިސާ ދައްކައި ޚަލާޞްކުރަންދެން ފުލުހުންނަށް އުޅަނދު ބޫޓުކުރެވޭނެއެވެ. 72 ގަޑިއިރު ތެރޭގައި ފައިސާ ނުދައްކައިފިނަމަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭނެއެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ އުޅަނދަކާ އެއް މަސްދުވަސް ތެރޭގައި ވެރިފަރާތުން ހަވާލުނުވެއްޖެނަމަ، އިޢުލާނުކުރުމަށްފަހު ދެވޭ 30 ދުވަހުގެ ތެރޭގައިވެސް ހަވާލުނުވެއްޖެނަމަ، އެ އުޅަނދެއް ނީލަމުގައި ވިއްކާލުމުގެ ނުވަތަ ނައްތާލުމުގެ ބާރު ފުލުހުންނަށް ލިބެއެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ އުޅަނދުތަކަށް ގަސްތަކާ ނުލައި ލިބޭ ގެއްލުމަކަށް ފުލުހުން ޒިންމާވާކަށް ނުޖެހޭނެއެވެ.
މީގެއިތުރުން، ރާއްޖޭގެ ރަށްރަށާއި ސިޓީތަކުގައި އުޅަނދު ރަޖިސްޓްރީ ކުރެވޭނެ އެންމެ މަތީ އަދަދު ކަނޑައެޅުމުގެ ބާރު ކައުންސިލްތަކުން ނަގައި، މިނިސްޓްރީއަށް ވަނީ ދީފައެވެ. އަދި މާލޭގެ ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް ވަނީ ތައާރުފުކޮށްފައެވެ. އެގޮތުން ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން ހިނގާ "ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" އުފެދި، މާލޭގައި ރަޖިސްޓްރީ ކުރެވޭނެ އަދަދު ކަނޑައެޅުމާއި، ޓްރެފިކް މެނޭޖްމަންޓް ސެންޓަރެއް ޤާއިމުކުރުމާއި، މަލްޓިޕަލް އޯނަރޝިޕް ފީ ތަޢާރުފުކުރުން ހިމެނެއެވެ. އަދި ކުރިން މާލޭ ސިޓީ ކައުންސިލަށް ލިބެމުންދިޔަ އަހަރީ ފީ އާއި، ރަޖިސްޓްރީ ފީ، ލައިސަންސް ފީ، އަދި ޖޫރިމަނާ ފައިސާ ޖަމާކުރާނީ އަލަށް އުފައްދާ "ލޭންޑް ޓްރާންސްޕޯޓް މޮބިލިޓީ ފަންޑު" އަށެވެ.
އައު ޤާނޫނުގައި ވާގޮތުން، ޚާއްސަ އުޅަނދުތައް ފިޔަވައި އެހެން އުޅަނދުތައް ބޭނުންކުރެވޭނީ އުފެއްދި ތާރީޚުން ފެށިގެން ގިނަވެގެން 20 އަހަރު ދުވަހަށެވެ. އަދި މިހާރު 18 އަހަރާއި 20 އަހަރާ ދެމެދުގެ އުޅަނދުތަކުގެ ރަޖިސްޓްރީ، ޤާނޫނަށް ޢަމަލުކުރަން ފަށާތާ 3 އަހަރުގެ ތެރޭގައި ބާތިލުކުރެވޭނެއެވެ.
މީގެ އިތުރުން ޚާއްސަ ނަންބަރު ޖެހުމުގެ ފީ، ކުރިން އޮތް ފަސްލައްކަ ރުފިޔާގެ ބަދަލުގައި އުޅަނދުގެ ބާވަތަށް ބަލައި ވަކިން ކަނޑައެޅޭނެއެވެ. އުޅަނދުފަހަރުގެ އެހީތެރިންނާއި މުވައްޒަފުންގެ ނަމާއި މަޤާމު އެނގޭ ބެޖު ޔުނީފޯމުގައި ހަރުކުރުންވެސް ލާޒިމުކޮށްފައިވެއެވެ.
މި ޤާނޫނު އަސްކަރީ ބޭނުމަށް ބޭނުންކުރާ އަސްކަރީ އުޅަނދުފަހަރުގެ މައްޗަކަށް ނުހިނގާނެއެވެ. އެހެންނަމަވެސް، އަސްކަރީ އުޅަނދުތައްވެސް ބޭނުންކުރަންވާނީ ޢާންމުންގެ ރައްކާތެރިކަން ކަށަވަރުވާނޭ ގޮތުގެ މަތިން ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.