ޚަބަރު
ފަޅުރަށާއި ފަޅު ކުއްޔަށް ދިނުމާ ބެހޭ ބިލު ރައީސް ތަސްދީގުކުރައްވައިފި
ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގެ ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް ކުއްޔަށް ދިނުމާއި، އެފަދަ ތަންތަން ބޭނުންކުރުމުގެ އުސޫލުތައް ޒަމާނީކޮށް ހަރުދަނާކުރުމަށްޓަކައި އެކުލަވައިލި "ފަޅުރަށާއި ފަޅު ކުއްޔަށް ދިނުމާ ބެހޭ ބިލު" ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އެ ބިލު ތަސްދީގުކުރައްވައިފިއެވެ.
ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ހުށަހެޅުއްވި މި ބިލު މަޖިލީހުން ދިރާސާކުރުމަށްފަހު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 47 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، މިހާރު އަމަލުކުރަމުންދާ "ދިވެހިރާއްޖޭގެ ފަޅުރަށްރަށާ ބެހޭ ގާނޫނު" އުވިގެންދާނެއެވެ.
މި ގާނޫނުގެ ދަށުން ފަޅުރަށްރަށް މައިގަނޑު ހަތް ބޭނުމަކަށް އެކަށައެޅިދާނެއެވެ. އޭގެ ތެރޭގައި ފަތުރުވެރިކަން، ސިނާއީ (އިންޑަސްޓްރިއަލް) މަސައްކަތްތައް، މަސްވެރިކަމާއި ދަނޑުވެރިކަން، އިގްތިސާދީ އެހެނިހެން ބޭނުންތައް، އިޖުތިމާއީ ބޭނުންތައް، ދައުލަތުގެ ބޭނުންތައް އަދި އެހެން ގާނޫނެއްގައި ބަޔާންކުރާ ހާއްސަ ބޭނުންތައް ހިމެނެއެވެ.
ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ފަޅުރަށެއް ފަތުރުވެރިކަމަށް ނުވަތަ ސިނާއީ މަސައްކަތަކަށް ތަރައްގީކުރުމަށް އެ ރަށެއް ނިސްބަތްވާ ރަށް ނުވަތަ ސިޓީ ކައުންސިލުން އެކަށައަޅައިފިނަމަ، އެ ރަށެއް ކައުންސިލުގެ އިހުތިސާސުން ވަކިވާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް ވަރުވާއަށް ލިޔެދޭ ރަށްތައް ފިޔަވައި އެހެން ހުރިހާ ފަޅުރަށްތަކެއް ބަލަހައްޓާނީ ކައުންސިލްތަކުންނެވެ. އަދި އެކި ބޭނުންތަކަށް އެކަށައަޅާ ރަށްތަކުގެ ލިސްޓު އަހަރަކު އެއްފަހަރު ފިނޭންސް މިނިސްޓްރީއަށް ހުށަހަޅަންޖެހެއެވެ.
ގާނޫނުގައި ހިމެނޭ މުހިންމު ބައިތައް:
- ކުއްޔަށް ދޫކުރުމުގެ މުއްދަތު: ފަޅުރަށެއް ކުއްޔަށް ދޫކުރެވޭނީ 21 އަހަރުގެ މުއްދަތަށެވެ. އަދި މުއްދަތު އިތުރުކުރަން އެދޭ ހާލަތްތަކުގައި 50 އަހަރާ ހަމައަށް މުއްދަތު އިތުރުކޮށްދެވިދާނެއެވެ.
- އިކުއިޒިޝަން ފީ: އެކި ބޭނުންތަކަށް ދޫކުރާ ފަޅުރަށްރަށުގެ އިކުއިޒިޝަން ފީ ކަނޑައަޅާނީ މިނިސްޓްރީ އޮފް ފިނޭންސް އިންނެވެ.
- ވަރުވާއަށް ދޫކުރުން: ވަރުވާއަށް ދޫކުރެވޭނީ ވަކި ހާއްސަ ބޭނުމަކަށް އެކަށައަޅާފައި ނުވާ ރަށްތަކެވެ. އެގޮތުން ދޫކުރެވޭނީ ގިނަވެގެން 5 އަހަރުގެ މުއްދަތަކަށެވެ. އަދި މުއްދަތު އިތުރުކުރެވެނީވެސް 5 އަހަރަށެވެ.
- ޖޫރިމަނާގެ އަދަދުތައް: ވަރުވާއަށް ދޫކުރާ ރަށެއްގައި ގާނޫނާ ހިލާފު ކަމެއް ކޮށްފިނަމަ 500،000 ރުފިޔާއާ ހަމައަށް، އަދި އެހެން ބޭނުންތަކަށް ދޫކުރާ ފަޅުރަށާއި ފަޅުތަކުގައި ގާނޫނާ ހިލާފު ކަމެއް ކޮށްފިނަމަ 1،000،000 (އެއް މިލިއަން) ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ.
މީގެ އިތުރުން ފަޅުރަށްރަށް އެކަށައެޅުމުގައި އެ ރަށެއްގެ ޓޮޕޯގްރަފީ އެ ބޭނުމަކަށް އެކަށީގެންވޭތޯ ބެލުމާއި، ތިމާވެއްޓަށް ލިބޭނެ ގެއްލުންތައް ކުޑަކުރުމާއި، ކައިރި ރަށްރަށުގެ ރައްޔިތުންނަށް ކުރާނެ އަސަރުތަކަށް ރިއާޔަތްކުރުން މި ގާނޫނުން ވަނީ ލާޒިމުކޮށްފައެވެ. އަދި ތިމާވެށި ނުވަތަ ދިރުންތައް ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާއި ފަޅުރަށްރަށް އެހެން އެއްވެސް ބޭނުމަކަށް ނުނެގޭނެ ކަމަށްވެސް ކަނޑައަޅާފައިވެއެވެ.
މި ގާނޫނަކީ ރާއްޖޭގެ ފަޅުރަށްރަށާއި ފަޅުތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކޮށް، ދައުލަތަށާއި ރައްޔިތުންނަށް އިގްތިސާދީ ބޮޑު މަންފާއެއް ހާމަކަން ބޮޑު ގޮތެއްގައި ހޯދައިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.