ޚަބަރު
މަދަނީ މައްސަލަތައް އަވަސްކުރުމާ ގުޅޭ ބިލެއް ހުށަހަޅަނީ
ސިވިލް ކޯޓާއި ފެމެލީ ކޯޓު / ފޮޓޯ: ޕީއެސްއެމް
ޝަރުޢީ ދާއިރާ ހަރުދަނާކޮށް، އާންމު ރައްޔިތުންނާ ގުޅުންހުރި މަދަނީ މައްސަލަތައް ނިންމުން އަވަސްކުރުމަށްޓަކައި ޤާނޫނީ ގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ސަރުކާރުން ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާން ކުރައްވައިފިއެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޝަރުޢީ ނިޒާމު މިނިވަންކޮށް ހަރުދަނާ ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، އަދިވެސް ގިނަ ކަންކަން ކުރެވެމުންދާ ކަމަށެވެ. އެގޮތުން އެ ދާއިރާގެ ބަޖެޓު މިހާރު ބޮޑުކުރުމަށްފަހު، ބަޖެޓު އެއްކޮށް ވަކިކޮށްފައިވާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ކޯޓުތަކުގެ ޖާގައިގެ ދަތިކަމަށް ޙައްލެއް ހޯދުމުގެ ގޮތުން ސުޕީރިއަރ ކޯޓު ކޮމްޕްލެކްސްގެ މަސައްކަތް ކުރިއަށްދާކަން ރައީސް ހާމަކުރެއްވިއެވެ. އަދި ޑްރަގު ކޯޓާއި ކުރިމިނަލް ކޯޓު ކުރިން ނުހިނގާ ހުއްޓިފައި އޮތުމުން، އެ ކޯޓުތަކަށް އައު އިމާރާތެއް އަޅައިދީ، އެތަނަށް ބަދަލުކުރުމުން މިހާރު ބާރު ދުވެލީގައި ކޯޓުތަކުގެ މަސައްކަތް ހިނގަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޖުޑިޝަރީ މިނިވަންކޮށްދީފިން، އެއްވެސް މައްސަލައެއް ވަކި ގޮތަކަށް ބަލާކަށް ނާންގަން.
ޖުޑިޝަރީގެ މިނިވަންކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ އާންމު ރައްޔިތުންނާ ގުޅުންހުރި މުހިންމު މައްސަލަތަކަށް އަވަސް ޙައްލެއް ހޯދުމަށް ޤާނޫނީ ގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނެސްގެން ވެސް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން، މި އަހަރުގެ ތިންވަނަ ދައުރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމުން، ކޯޓުތަކާ ބެހޭ ޤާނޫނަށް ބައެއް އިސްލާހުތައް ގެނައުމަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވިއެވެ. މި އިޞްލާޙުތަކުގެ ބޭނުމަކީ މަދަނީ މައްސަލަތަކުގައި ހޭދަވާ ވަގުތު އަވަސްކޮށް، ކޯޓުތަކުގެ މަސައްކަތް އެފިޝިއެންޓު ކުރުމެވެ.
މަދަނީ މައްސަލަތައް ކުރިޔަށް ގެންދިއުމުގައި ހޭދަވާ ވަގުތު ކުރުކުރުމަށް، މަދަނީ އިޖުރާޢަތުގެ ޤާނޫނަށް ބަދަލު ގެނައުމަށް މަޖިލީހުގެ ތިންވަނަ ދައުރަށް ހުޅަހަޅާނަން.
ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، މަދަނީ ކުދި މައްސަލަތައް ފަސޭހައިން ކޯޓަށް ހުށަހެޅޭނެ ގޮތް ހެދުމަށާއި، އަދި އަވަހަށް އެފަދަ މައްސަލަތައް ނިންމޭނެ ނިޒާމެއް ޤާއިމުކުރުމަށްޓަކައި "ސްމޯލް ކްލެއިމްސް ކޯޓެއް" އުފެއްދުމަށް ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ހުށަހެޅުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި މަދަނީ ކުދި މައްސަލަތައް އަވަސްކޮށް ކުރިއަށް ގެންދިއުމަށްޓަކައި މަދަނީ އިޖުރާޢަތުގެ ޤާނޫނަށް ބަދަލުތަކެއް ގެނައުމަށް ވެސް ވަނީ ނިންމަވާފައެވެ.
ކޯޓުތަކުގައި މައްސަލަތައް ނިންމުން އަވަސްކުރުމަށް ބާރުއެޅުމުގެ ގޮތުން، ސިވިލް ކޯޓުގައި ވަކި "ކޮމާޝަލް ޑިވިޝަނެއް" ޤާއިމުކުރުމަށްޓަކައި ކުރަންޖެހޭ ފަންނީ ދިރާސާތައް މިހާރު ކުރަމުންދާކަން ވެސް ރައީސުލްޖުމްހޫރިއްޔާ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރެއްވިއެވެ.