Ads by Farudhun

ޚަބަރު

އައްޑޫ ލިންކްރޯޑްގެ މަސައްކަތް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ފެށޭނެ: ރައީސް

އައްޑޫ ލިންކްރޯޑްގެ މަސައްކަތް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ފެށޭނެ: ރައީސް

އައްޑޫ ލިންކް ރޯޑް. ފޮޓޯ: އިންޓަރނެޓް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

07 ސެޕްޓެމްބަރު 2026، 06:00

07 ސެޕްޓެމްބަރު 2026، 06:00

އައްޑޫ ސިޓީގެ ލިންކް ރޯޑް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއު ލަސްވުމަށް ދިމާވި މައްސަލަތައް ހައްލުކޮށް، ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި އެ މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އައްޑޫ ސިޓީގެ ލިންކް ރޯޑް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއު ހަގީގަތުގައި ވެސް ލަސްވެގެން ގޮސްފައިވާ ކަމަށާއި، މިއަދާ ހަމައަށް ސަރުކާރުން މަސައްކަތް ކުރަމުން އައީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) މެދުވެރިކޮށް މަޝްރޫއު ކުރިއަށްގެންދެވޭނެ ގޮތަކަށް ކަމަށެވެ.

އެ މަޝްރޫއާ ގުޅޭގޮތުން އިތުރަށް ތަފްސީލު ދެއްވަމުން ރައީސް ވިދާޅުވީ، "އާރްޑީސީގެ ހާލަތު ވަރަށް ދަށްކޮަށް މިއޮތީ، މިކަމަށް ބޭނުންވާ އިކްއިޕްމަންޓްސް ގަނެވިއްޖެ، ގެނެވިއްޖެ، ގެންދަންވެސް ގެންދެވިއްޖެ، މިހާރު މި މަސައްކަތް ކުރަނީ މި މަޝްރޫއު ބާރު ސްޕީޑުގައި ކުރިއަށް ގެންދިއުމަށް، މިހާރު ބޭރުގެ ފަރާތްތަކުން ވެސް ސަރުކާރަށް ލުއިވާނެ ކަހަލަ ޕްރޮޕޯސަލްއެއް ފޮނުވައި އެ ޕްރޮސެސް އެބަ ހިނގާ، އެހެންވީމަ މި މަސް ތެރޭގައި ބާރު ސްޕީޑުގައި ލިންކް ރޯޑުގެ މަސައްކަތް ވެސް ފެށިގެންދާނެ" ކަމަށެވެ. އަދި އަމާޒަކީ ލިންކް ރޯޑުގެ މަސައްކަތް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ފަށައި އަވަހަށް މުޅި މަޝްރޫއު ނިންމާލުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން އައްޑޫ ލިންކް ރޯޑާއި އެ މަގާ ގުޅިފައިވާ މަގުތަކާއި ފެން ހިންދާ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 8 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން ހަދާ ބަންޑް ވޯލް މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މީގެ އިތުރުން 67.58 ކިލޯމީޓަރުގެ ސީޓީބީ އަޅާފައިވާ މަގުތަކުގައި ތާރު ނުވަތަ ގައު އެޅުމާއި، ފޭދޫގައި ފެން ހިންދާ ނިޒާމު ގާއިމްކުރުމާއި، ދުވާރުތައް ހެދުމާއި، މަގުގެ ފާހަގަތަކާއި މަގުމަތީގެ ނިޝާން ބޯޑުތައް ހަރުކުރުމުގެ މަސައްކަތްތައް މި މަޝްރޫއުގައި ހިމެނެއެވެ.

ހިތަދު އާއި މަރަދު އާއި މަރަދޫފޭދު އާއި ފޭދޫ އަދި ގަން ގުޅުވާލާ 16 ކިލޯމީޓަރުގެ އައްޑޫ ލިންކް ރޯޑު ހެދުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ 2001 ވަނަ އަހަރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ. އެ މަސައްކަތް ނިންމައި އެ މަގު ބޭނުންކުރަން ފަށާފައިވަނީ 2003 ވަނަ އަހަރުއެވެ. ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ސްޕީޑް އަވަސްކުރުމަށް މަސައްކަތް ކުރައްވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވެސް ވަނީ މީގެކުރިން މަޖިލީހުގައި ވިދާޅުވެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450