ވިޔަފާރި / ޚަބަރު
ކޮންމެ ދިވެހި ރައްޔިތަކީ ފަތުރުވެރިކަމުގެ ހިއްސާދާރަކަށް ހެދުމަށް ކުރާ މަސައްކަތް ދަނީ ކުރިޔަށް: ރައީސް
ރާއްޖޭގެ ރިޒޯޓެއް / ފޮޓޯ: އެޑޯބް ސްޓޮކް
ކޮންމެ ދިވެހިރައްޔިތަކީ ފަތުރުވެރިކަމުގެ ހިއްސާދާރަކަށް ހެދުމަށް ކަނޑައެޅުއްވި އަމާޒަށް ވާސިލުވުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާއެކު ބޭއްވެވި ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ސިނާޢީ ދާއިރާތައް ސިންދަފާތު ކުރުމަށް ސަރުކާރުން ކުރިޔަށް ގެންދަވާ އެކި މަޝްރޫޢުތަކާއި، އަޅުއްވަމުންގެންދަވާ އެކި ފިޔަވަޅުތަކާ ގުޅޭ މަޢުލޫމާތުތައް ހިއްސާކުރައްވާފައެވެ.
އެގޮތުން ކޮންމެ ދިވެހި ރައްޔިތަކީ ފަތުރުވެރިކަމުގެ ހިއްސާދާރަކަށް ހެދުމުގެ ވަޢުދު ފުއްދެވުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތަފްސީލު ހާމަކުރައްވަމުން ރައީސް ވިދާޅުވީ، ދިވެހީންނަކީ ރިސޯޓު ޝެއާ ހޯލްޑަރުންނަށް ހެދުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން 10 ރިސޯޓު ތަރައްޤީކުރުމަށްޓަކައި ރަށްތައް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ.
ފަތުރުވެރިކަމުގެ ދާއިރާއިން ވަކި ބަޔަކު މުއްސަނދިވުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެއްވެސް ތަފާތުކުރުމެއްނެތި ކޮންމެ ދިވެއްސަކީވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާއެއް އޮންނަ މީހެއްގެ ގޮތުގައި ހެއްދެވުމަކީ އެމަނިކުފާނުގެ މުހިންމު ވަޢުދުފުޅެއް ކަމަށެވެ. އަދި މި މަސައްކަތް 36 މަސް ދުވަހުގެ ތެރޭގައި ނިންމަވައި، އޭގެ މަންފާ ރައްޔިތުންނަށް ލިބޭނެ މަގު ފަހިކޮށްދެއްވުމަށްޓަކައި ބާރު ދުވެލީގައި މަސައްކަތްތައް ކުރިއަށްދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒު އެންމެ ފުރަތަމަ މިކަން އިޢުލާނު ކުރެއްވީ މިހިނގާ 2026 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުއްވައިދެއްވައި، ރިޔާސީ ބަޔާން އިއްވަވަމުންނެވެ. އެގޮތުން 3 އަހަރު ދުވަހުގެ ތެރޭގައި މަދުވެގެން 10 ރިސޯޓު ތަރައްޤީކޮށް، އެ ރިސޯޓުތަކުން ލިބޭ ފައިދާގެ ބޮޑުބައެއް، އެއްވެސް ރައްޔިތަކު ބާކީނުކޮށް ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް އަހަރަކު އެއްފަހަރު ބޭރު ފައިސާއިން ޖަމާކޮށްދިނުމަށް ނިންމަވާފައިވާކަން އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.
މިއަދުގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފަތުރުވެރިކަމުގެ އިތުރުންވެސް، ޢާންމު ރައްޔިތުންގެ ދިރިއުޅުމާއި ސީދާ ގޮތުން ގުޅިފައިވާ އިޤްތިޞާދީ އެކި ދާއިރާތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.