Ads by Farudhun

ޚަބަރު

ޒުވާން ޚަޠީބުންނަކީ ދިވެހީންގެ އިސްލާމީ އަޚުލާގަށް އާރޯކަންދޭނެ މުރައްބީންތަކެއް: ރައީސް

ޒުވާން ޚަޠީބުންނަކީ ދިވެހީންގެ އިސްލާމީ އަޚުލާގަށް އާރޯކަންދޭނެ މުރައްބީންތަކެއް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް

farudhun logo

ފަރުދުން

13 ސެޕްޓެމްބަރު 2026، 11:05

13 ސެޕްޓެމްބަރު 2026، 11:05

ޒުވާން ޚަޠީބުންނަކީ ދިވެހީންގެ އިސްލާމީ އަޚުލާގަށް އާރޯކަންދޭނެ މުރައްބީންތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ޒުވާން ޚަޠީބުންގެ މަހާސިންތާ ނިންމުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ މުޖުތަމަޢު ބިނާކުރުމުގައްޔާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގައި ޒުވާން ޚަޠީބުންގެ މުހިންމު ދައުރަށް އަލިއަޅުއްވާލައްވާފައެވެ.

އިސްލާމީ ތާރީޚާއި ދިވެހި ތާރީޚުންވެސް ފެންނާނީ އިސްލާމްދީން މަތިވެރިކުރުމަށްޓަކައި ޒުވާނުން ފާޅުކުރި ޖޯޝާއި، ކުރި ހިތްވަރާއި މިންނަތް މަސައްކަތްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އޭގެ ހެޔޮ ނަތީޖާ ޒަމާންތަކަކަށް ދެމިގެން ގޮސްފައިވާ ކަމަށެވެ. އަދި އިސްލާމްދީން ފެތުރުމުގައި ނަމޫނާ ދެއްކެވި ޒުވާން ޝަޚުޞިއްޔަތުތަކުގެ ޒިކުރާ އައުކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ދީން ފެތުރުމާއި، ދީން ދިފާޢުކުރުމާއި، ދީން ޤާއިމުކުރުމުގައި ޒުވާނުން އަދާކޮށްފައިވާ ދައުރު ތާރީޚުގައި ފެވިގެންދަނީ ރަން އަކުރުން ކަމަށެވެ.

މީގެއިތުރުން، ޢިލްމު އުނގެނުމަކީ ބުރަ އަދި ދަތި އުނދަގޫ މަސައްކަތަކަށްވާއިރު، އެކަމުގައި ޒުވާން އުމުރަކީ ނުހަނު މުހިންމު އުމުރެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ އެކި ރަށްރަށުން ތަމްރީނުވަމުންދާ ޒުވާން ޚަޠީބުންނަކީ މުޅި ރާއްޖޭގެ އިސްލާމީ ވެއްޓަށް އަލިކަން ގެނެސްދޭނެ ދަންމަރުތަކެއް ކަމުގައިވެސް އެމަނިކުފާނު ސިފަކުރެއްވިއެވެ.

ޒުވާން ޚަޠީބުންނަކީ މުޅި ރާއްޖޭގެ އިސްލާމީ ވެއްޓަށް އަލިކަން ދޭނެ ދަންމަރުތަކެއް. ޒުވާން ޚަޠީބުންނަކީ ދިވެހީންގެ އިސްލާމީ އަޚްލާޤަށް އާރޯކަންދޭނެ މުރައްބީންތަކެއް. ޒުވާން ޚަޠީބުންނަކީ މުސްތަޤުބަލުގައި ދިވެހި ޤައުމުގެ ފިކުރީ ސިކުނޑި ބައްޓަންކުރާނެ ހެޔޮލަފާ އެދުރުންތަކެއް. އެހެންވެ އަޅުގަނޑުގެ އިލްތިމާސަކީ މި ބިޔަ މަސައްކަތާ ތިޔަ ޒުވާނުން ހަވާލުވުން.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދީނީ ކަންކަން ކުރިއެރުވުމުގައި ޒުވާނުންގެ ބައިވެރިވުމާއި ދައުރު އިތުރުވަމުން އަންނާތީ އެކަމާމެދު ނުހަނު އުފާފުޅުކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި އިސްލާމްދީނަކީ އިންސާނީ ކަރާމާތް ނަގަހައްޓައި، އިންސާނާ ހެޔޮގޮތުގައި ބަލަހައްޓައި، މުޖުތަމަޢުގައި ސުލްޙަވެރިކަމާއި އަމާންކަން ދަމަހައްޓަން އައިސްފައިވާ ދީނެއްކަން ހަނދާންކޮށްދެއްވައި، ޒުވާން ޚަޠީބުން އަބަދުވެސް އެކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެމަނިކުފާނު ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450