ޚަބަރު
ޕީއެންސީގެ ކޮންގްރެސްއާ ގުޅިގެން މަންދޫބުންނާ ރައީސް ބައްދަލުކުރައްވައިފި
ޕީއެންސީގެ ކޮންގްރެސްއާ ގުޅިގެން މަންދޫބުންނާ ރައީސް ބައްދަލުކުރެއްވުން / ފޮޓޯ: ޕީއެސްއެމް
ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކޮންގްރެސްގައި ބައިވެރިވެވަޑައިގަންނަވާ މަންދޫބުންނާ، އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ހިނގާ މަހުގެ 15 އިން 18 އަށް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕީއެންސީގެ ކޮންގްރެސްގައި ބައިވެރިވުމަށް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކުން ގިނަ އަދަދެއްގެ މަންދޫބުން މިހާރު ވަނީ މާލެ އައިސްފައެވެ. ކޮންގްރެސްގެ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށްދާއިރު، ޕާޓީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިއަދު ހެނދުނުން ފެށިގެން ހަވީރާ ހަމައަށް އެކި ދަންފަޅިތަކަށް ބަހާލައިގެން މަންދޫބުންނާ ބައްދަލުކުރައްވާފައެވެ.
މި ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން އެ މަނިކުފާނު އެންމެ ފުރަތަމަ ބައްދަލުކުރެއްވީ އެ ޕާޓީގެ އެކި ދާއިރާތަކުގެ ހަރަކާތްތައް ކުރިއަށްގެންދާ ސްޓިއަރިންގ ކޮމިޓީތަކުގެ ރައީސުންނާއެވެ. އެއަށްފަހު ޕާޓީގެ އަންހެނުންގެ ހަރަކާތާއި ޒުވާނުންގެ ހަރަކާތުގެ ރައީސުންނާ ބައްދަލުކުރެއްވިއެވެ. މީގެ އިތުރުން ކޮންގްރެސްއަށް ވަޑައިގެންނެވި ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ކައުންސިލްތަކުގެ ރައީސުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ އިތުރުން، ޚާއްޞަ ދަޢުވަތު އެރުވިގެން ވަޑައިގެންނެވި ބޭފުޅުންނާވެސް ރައީސް ވަނީ ބައްދަލުކުރައްވާފައެވެ.
ޕީއެންސީން ހާމަކުރި ގޮތުގައި މި ބައްދަލުވުންތަކުގެ މައިގަނޑު ބޭނުމަކީ ކުރިއަށް އޮތް ކޮންގްރެސްގެ ތައްޔާރީތަކާ ގުޅޭގޮތުންނާއި، ޕާޓީގެ ކުރިމަގުގެ ހަރަކާތްތަކާ ގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމެވެ. އަދި ދާއިރާތަކުގައި ހުރި އެކިއެކި ކަންބޮޑުވުންތައް ސީދާ ޕާޓީގެ ލީޑަރޝިޕާ ހިއްސާކުރުމުގެ ފުރުޞަތު މި ބައްދަލުވުންތަކުގެ ތެރެއިން ވަނީ ފަހިވެގެން ގޮސްފައެވެ.
ޕީއެންސީން ފާހަގަކުރި ގޮތުގައި، ވެރިކަމުގައި ހުންނެވި ޕާޓީގެ ލީޑަރަކު ކޮންގްރެސްގެ ކުރިން ޕާޓީގެ ހުރިހާ ގުނަވަންތަކެއް ތަމްސީލުކުރާ މަންދޫބުންނާ މިފަދަ ގޮތަކަށް ވަކިވަކިން ބައްދަލުކުރެއްވި މިއީ ރާއްޖޭގެ ސިޔާސީ ތާރީޚުގައިވެސް ފުރަތަމަ ފަހަރެވެ.