ޚަބަރު
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެންފި
މެލޭޝިއާގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ މަރުހަބާ ދެންނެވުން / ފޮޓޯ: ރައީސް އޮފީސް
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިރޭ ރާއްޖެ ވަޑައިގެންފިއެވެ.
މިމަހުގެ 14 އިން 15 އަށް ކުރައްވާ މި ދަތުރުފުޅުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ބޮޑުވަޒީރު އަންވަރު އިބްރާހީމަށް މަރުހަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. އެއަރޕޯޓުގައި ބޭއްވި މަރުހަބާ ދެންނެވުމުގެ ހަރަކާތްތަކުގެ ތެރެއިން ސްކޫލް ކުދިންގެ ސަޤާފީ ހުށަހެޅުމެއް ވަނީ ދައްކާލާފައެވެ. އެމަނިކުފާނަށް ރަސްމީކޮށް މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ ހެނދުނު މާލޭގެ އެއް ނަންބަރު ޖެޓީ ސަރަޙައްދުގައެވެ.
މިއީ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހު މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު، އެމަނިކުފާނު ރާއްޖެއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. މި ދަތުރުފުޅަކީ 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެރުވި ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ވާހަކަފުޅުތަކުގައި ދެ ޤައުމުގެ ގުޅުމާއި، ބައިނަލްއަޤްވާމީ މައިދާނުގައި އެއްބާރުލުން އިތުރުކުރުމާއި، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރެވިދާނެ އައު ދޮރުތައް ހުޅުވުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެއެވެ. މީގެއިތުރުން، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި މުހިންމު ދާއިރާތަކުން ފަހުމުނާމާތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތެއްވެސް ކުރިއަށްދާނެއެވެ.
ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ގެ އިތުރުން، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް، ބޮޑުވަޒީރުގެ އަރިހަށް ވަކިވަކިން އިޙްތިރާމުގެ ޒިޔާރަތްތަކެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 58 އަހަރު ފުރިފައިވާއިރު، ދެ ޤައުމުގެ ދެމެދުގައި އަދި ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި ވަނީ ޒަމާންވީ ބަދަހި ގުޅުމަކާއި، މަތީ ފަންތީގެ އެއްބާރުލުމާއި، ތަރައްޤީގެ އެކި ދާއިރާތަކުން ގާތް ރަޙްމަތްތެރިކަމެއް ޤާއިމުވެފައެވެ.