Ads by Farudhun

ޚަބަރު

މެލޭޝިއާގެ ބޮޑުވަޒީރަށް ރަސްމީކޮށް މަރުޙަބާ ދަންނަވައިފި

މެލޭޝިއާގެ ބޮޑުވަޒީރަށް ރަސްމީކޮށް މަރުޙަބާ ދަންނަވައިފި

މެލޭޝިއާގެ ބޮޑުވަޒީރަށް ރަސްމީކޮށް މަރުޙަބާ ދެންނެވުން. ފޮޓޯ: ރައީސް އޮފީސް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

15 ސެޕްޓެމްބަރު 2026، 10:49

15 ސެޕްޓެމްބަރު 2026، 10:49

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިއަދުގެ ހެނދުނުގެ ވަގުތެއްގައި ވެރިރަށް މާލެ ވަޑައިގަތުމުން، އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

މެލޭޝިޔާގެ ބޮޑުވަޒީރަށް އިސްތިޤުބާލު ކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ޖުމްހޫރީ މައިދާން ސަރަޙައްދުގައެވެ. ބޮޑުވަޒީރު މާލެ ފައިބާވަޑައިގަތުމުން އެމަނިކުފާނަށް ރަސްމީ އިއްޒަތުގައި މަރުޙަބާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

އެމަނިކުފާނަށް އިސްތިޤުބާލު ކުރުމުގެ ގޮތުން ސްކޫލް ކުދިންގެ ސަގާފީ އައިޓަމެއް ދައްކާލުމާއެކު، 21 ބަޑީގެ ސަލާމެއް ވަނީ އަރުވާފައެވެ. ހަމައެއާއެކު، އެމްއެންޑީއެފްގެ ބޭންޑުން ދެ ޤައުމުގެ ޤައުމީ ސަލާމް ވަނީ ކުޅެފައެވެ. މީގެއިތުރުން، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ޝަރަފުގައި އެރުވި އޮނަރ ގާޑު އެމަނިކުފާނު ވަނީ ބައްލަވާލައްވާފައެވެ. މި ހަފުލާގެ ތެރެއިން، ދިވެހި ސަރުކާރުގެ އިސްވެރިން އެމަނިކުފާނާ ބައްދަލުކުރައްވައި ތައާރަފުވެވަޑައިގެންނެވި އިރު، މެލޭޝިއާގެ ވަފުދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ވެސް ވަނީ ތައާރަފުކޮށްދެއްވާފައެވެ.

މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ މި ރަސްމީ ދަތުރުފުޅަކީ މި ހިނގާ މަހުގެ 14 އިން 15 އަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޒިޔާރަތެކެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވީ ރޭގަނޑުގެ ވަގުތެއްގައެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް އިސްތިޤުބާލު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މީގެއިތުރުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ފޮރިން މިނިސްޓްރީގެ އިސް ވެރިން ވެސް ވަނީ އެމަނިކުފާނަށް މަރުޙަބާ ދަންނަވާފައެވެ.

މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެއަށް ޒިޔާރަތްކުރެއްވުމުގެ ދަޢުވަތު ރަސްމީކޮށް އަރުވާފައިވަނީ 2025 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ. މިއީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު މެލޭޝިއާގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ޒިޔާރަތެވެ.

މި ޒިޔާރަތުގެ ތެރެއިން، މެލޭޝިއާގެ ބޮޑުވަޒީރު ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދަވާނެއެވެ. މިގޮތުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި، ބައިނަލްއަޤްވާމީ ފެންވަރުގައި އެއްބާރުލުން ދިނުމުގެ އިތުރުން ތަފާތު ދާއިރާތަކުން އައު ފުރުސަތުތައް ފަހިކުރުމާ ގުޅޭގޮތުން ވާހަކަދައްކަވާނެއެވެ. ހަމައެއާއެކު، ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މަޤްޞަދުގައި މުހިންމު ދާއިރާތަކަކުން އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ދެ ޤައުމުގެ ވެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ.

މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ މި ޒިޔާރަތުގެ ތެރެއިން، ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އަދި ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އެމަނިކުފާނާ ވަކިވަކިން ބައްދަލުކުރައްވައި، އިޙްތިރާމުގެ ޒިޔާރަތެއް ކުރެއްވުމަށް ވަނީ ތާވަލުކުރެވިފައެވެ.

ރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް ޚާރިޖީ ގުޅުމަށް 58 އަހަރު ފުރިގެން ގޮސްފައިވާއިރު، ދެ ޤައުމުގެ ސަރުކާރުތަކާއި ރައްޔިތުންގެ މެދުގައި ވަނީ ވަރަށް ހަރުދަނާ ގުޅުމެއް އުފެދިފައެވެ. އަދި މަތީ ފަންތީގެ ޒިޔާރަތްތަކާއި އެކި ދާއިރާތަކުން ޤައުމު ތަރައްޤީކުރުމުގައި ދެމެހެއްޓެނިވި ގާތް އެކުވެރިކަމެއް ވަނީ ޤާއިމުވެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450