ޚަބަރު
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ފުރަމާނަދަތުރުފުޅު ނިންމަވާލައްވައިފި
މެލޭޝިއާގެ ބޮޑުވަޒީރާއި ރައީސުލްޖުމްހޫރިއްޔާ / ފޮޓޯ: ރައީސް އޮފީސް
މެލޭޝިއާގެ ބޮޑުވަޒީރު އޮނަރަބަލް އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ. މިއީ އެމަނިކުފާނު 2022 ވަނަ އަހަރުގެ ނޮވެންބަރު މަހު މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު، ރާއްޖެއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، 2025 ވަނަ އަހަރުގެ އޭޕްރީލް މަހު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެރުވި ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި ރަސްމީ މަތީ ފަންތީގެ މަޝްވަރާތައް ވަނީ ބާއްވަވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ މި މަޝްވަރާތަކުގައި، ރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް ޒަމާންވީ އެކުވެރި ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ބައިނަލްއަޤްވާމީ މައިދާނުގައި ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރެވިދާނެ އައު ދޮރުތައް ހުޅުވުމަށް ދެ ލީޑަރުން އެއްބަސްވެވަޑައިގެންނެވިއެވެ.
ރަސްމީ ވާހަކަތަކަށްފަހު، ދެ ޤައުމުގެ ދެމެދުގައި ދީނީ އަދި ދިފާޢީ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭ މުހިންމު އެއްބަސްވުންތަކެއް ވަނީ ބަދަލުކުރައްވާފައެވެ. އެއަށްފަހު ދެ ޤައުމުގެ ވެރިން ވަނީ ގުޅިފައިވާ ބަޔާނެއް (ޖޮއިންޓް ސްޓޭޓްމެންޓް) ދެއްވާ، މަޝްވަރާކުރެވުނު މުހިންމު ދާއިރާތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
މެލޭޝިއާގެ ބޮޑުވަޒީރުގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ޚާއްޞަ މެންދުރުގެ ފަރިއްކޮޅެއް ބާއްވަވާފައެވެ. މި ފަރިއްކޮޅުގައި ވާހަކަފުޅު ދައްކަވަމުން ދެ ބޭފުޅުންވެސް ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ތާރީޚީ އަދި އަޚުވަންތަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ކުރިމަގުގައި ވެސް ދެ ޤައުމުގެ ލާބައާއި މަންފާއަށްޓަކައި އެކުގައި މަސައްކަތްކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.
މި ދަތުރުފުޅަކީ ރާއްޖެއާއި މެލޭޝިއާގެ ޒަމާންވީ ރަޙުމަތްތެރިކަމުގެ ގުޅުން އައު އުސްމިންތަކަކަށް ގެންގޮސްދިން މުހިންމު އަދި ތާރީޚީ ދަތުރުފުޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.