Ads by Farudhun

ޚަބަރު

ކަރަންސީ ސްވެޕްގެ މަސައްކަތް އަވަސްކުރުމަށް މެލޭޝިއާގެ ސެންޓްރަލް ބޭންކަށް އަންގައިފި: ބޮޑުވަޒީރު އަންވަރު

ކަރަންސީ ސްވެޕްގެ މަސައްކަތް އަވަސްކުރުމަށް މެލޭޝިއާގެ ސެންޓްރަލް ބޭންކަށް އަންގައިފި: ބޮޑުވަޒީރު އަންވަރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަދި މެލޭޝިއާގެ ބޮޑު ވަޒީރު އަންވަރު އިބްރާހިމް - ފޮޓޯ: ރައީސް އޮފީސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

15 ސެޕްޓެމްބަރު 2026، 05:05

15 ސެޕްޓެމްބަރު 2026، 05:05

ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު އެކުލަވާލުމަށް ހުށަހަޅާފައިވާ ކަރަންސީ ސްވަޕް އެއްބަސްވުމުގެ މަސައްކަތްތައް އާންމު އުސޫލުތަކަށްވުރެ އަވަސްކޮށްދިނުމަށް އެ ގައުމުގެ މަރުކަޒީ ބޭންކުގެ ގަވަރުނަރަށް އަންގަވާފައިވާ ކަމަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

މެލޭޝިއާގެ ބޮޑުވަޒީރު މިކަން ހާމަކުރެއްވީ، އެމަނިކުފާނު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، މެލޭޝިއާގެ ވަފުދުގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ބޭއްވެވި ރަސްމީ މެންދުރުގެ ފަރިއްކޮޅުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ރާއްޖޭގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި ވަޒީރުންގެ މަޖިލީހުގެ މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ފަރިއްކޮޅުގައި ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު އަންވަރު ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި ފައިނޭންޝަލް ކަރަންސީ ސްވަޕް އެރޭންޖްމަންޓެއް ހެދުމަށް ރައީސް ޑރ. މުއިއްޒު ހުށަހެޅުއްވުމުން އެއްވެސް ފަސްޖެހުމެއް ނެތި އެކަމަށް އެއްބަސްވެވަޑައިގެންނެވި ކަމަށެވެ. އަދި މިކަމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ވަރުގަދަ އިތުބާރާއި ހަގީގީ އެކުވެރިކަމުގެ ރަމްޒެއް ކަމަށް ފާހަގަކުރައްވަމުން، މި މުއާމަލާތުގެ ތަފްސީލުތައް އެކުލަވާލުމުގެ މަސައްކަތް އަވަސްކޮށްދިނުމަށް މެލޭޝިއާގެ ސެންޓްރަލް ބޭންކުގެ ގަވަރުނަރާ ވާހަކަދައްކަވާފައިވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލީޑަޝިޕަށް ތައުރީފު ކުރައްވަމުން ބޮޑުވަޒީރު ވިދާޅުވީ، ރައީސް މުއިއްޒަކީ މަޑުމައިތިރި ބޭފުޅެއް ނަމަވެސް، ސިޔާސަތުތައް ތަންފީޒުކުރުމުގައި ނުހަނު ހަރުދަނާ އަދި ގާބިލު ލީޑަރެއް ކަމަށެވެ. އަދި ބައިނަލްއަގުވާމީ މަސްރަހުގައި ބޮޑެތި ބާރުތަކުން ކުރިމަތިކުރާ ނުފޫޒުތަކާ ދެކޮޅަށް އިންސާފާއި ހަމަހަމަކަން ގާއިމުކުރުމުގައި ރާއްޖެއިން ދައްކަނީ ފުރިހަމަ ނަމޫނާއެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ ފަދަ ނާޒުކު ގައުމުތަކަށް ލިބޭ ގެއްލުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން އަންވަރު ވިދާޅުވީ، ކާބަން ބޭރުކުރުމުގައި ޒިންމާއެއް ނެތް ނަމަވެސް ސިނާއީ ބޮޑެތި ގައުމުތަކުގެ އަމަލުތަކުގެ ގެއްލުން ތަހައްމަލުކުރަން ޖެހިފައިވަނީ ރާއްޖެ ފަދަ ގައުމުތަކަށް ކަމަށެވެ. އެހެންކަމުން ދުނިޔޭގެ ޕްލެޓްފޯމުތަކުގައި މިފަދަ މައްސަލަތަކުގައި ދެ ގައުމު ގުޅިގެން އަޑުއުފުލަންޖެހޭ ކަމަށް ވިދާޅުވިއެވެ.

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން، ފޮރިން މިނިސްޓްރީތަކުގެ "ޖޮއިންޓް ކޮމިޝަން" ގެ ބައްދަލުވުން އަންނަ އަހަރަށް ތާވަލުކުރެވިފައި އޮތް ނަމަވެސް، މި އަހަރު ނިމުމުގެ ކުރިން އެ ބައްދަލުވުން މެލޭޝިއާގައި ބާއްވާނެ ކަމަށް ވެސް ބޮޑުވަޒީރު އިއުލާނުކުރެއްވިއެވެ. އަދި ތައުލީމީ ދާއިރާއިންނާއި، ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާއިންނާއި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގައި މެލޭޝިއާގެ އެއްބާރުލުން ރާއްޖެއަށް ލިބޭނެ ކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ.

ޒަމާނީ ޓެކްނޮލޮޖީއާއި އޭއައިގެ ދާއިރާ ކުރިއަރަމުން އަންނައިރު ވެސް އިސްލާމީ އަގީދާއާއި އަހުލާގީ އުސޫލުތައް ހިފެހެއްޓުމުގެ މުހިންމުކަން ފާހަގަކުރައްވަމުން، ބޮޑުވަޒީރު އަންވަރު ވަނީ އެމަނިކުފާނުގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި ދިވެހި ސަރުކާރުން ބެހެއްޓެވި ގާތްކަމަށާއި އަދާކުރެއްވި ހޫނު މެހުމާންދާރީއަށްޓަކައި އިހުލާސްތެރި ޝުކުރެއް އަދާކުރައްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450